ދަތުރުކުރުމުގެ ވަގުތީ ލިޔުމަށް، ކޮންޓްރޯލާ ޖެނެރަލް ބޭނުންވާ މުއްދަތަކަށް ފައިސާ ނުނެގޭ ގޮތަށް ހަދައިފި

ކޮންޓްރޯލާ ޖެނެރަލް: ދަތުރުކުރުމުގެ ވަގުތީ ލިޔުމަށް ކޮންޓްރޯލާ ޖެނެރަލް ބޭނުންވާ މުއްދަތަކަށް 250 ރުފިޔާ ނުނެގޭ ގޮތަށް ހަދައިފި --- ފޮޓޯ/ އިމިގްރޭޝަން

ދަތުރުކުރުމުގެ ވަގުތީ ލިޔުމަށް، އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ބޭނުންވާ މުއްދަތަކަށް ފައިސާ ނުނެގޭ ގޮތަށް މިއަދު ހަދައިފިއެވެ.

ދިވެހި ޕާސްޕޯޓާ ބެހޭ ގަވައިދަށް އިމިގްރޭޝަނުން މިއަދު ގެނައި އިސްލާހުގައި ވަނީ، އެ ގަވައިދުގެ 12 ވަނަ މާއްދާގެ (އ)ގެ ފަހަތަށް އަކުރެއް އިތުރުކޮށްފައެވެ.

އެ މާއްދާގެ (އ) އޮންނަނީ، ޕާސްޕޯޓާއި ދަތުރުކުރުމުގެ ވަގުތީ ލިޔުމުގެ އަގުތަކެވެ.

ގަވައިދަށް އަލަށް އިތުރުކުރި އަކުރުގައި ވަނީ، ގަވައިދުގެ (އ)ގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ދަތުރުކުރުމުގެ ވަގުތީ ލިޔުމަށް ކަނޑައަޅާފައިވާ އަގު، އިމިގްރޭޝަނުން ކަނޑައަޅާ ހާލަތްތަކާއި ކޮންޓްރޯލާ ޖެނެރަލްއިން ކަނޑައަޅާ މުއްދަތަކަށް ހަމަޖެއްސުމުގެ އިޚުތިޔާރު ލިބޭ ގޮތަށް އިސްލާހުކޮށްފައެވެ.

ކުރީގެ ގަވައިދުން އެނގޭ ގޮތުގައި، ދަތުރުކުރުމުގެ ވަގުތީ ލިޔުމަށް ދައްކަން ޖެހެނީ، 250 ރުފިޔާއެވެ.

އަލަށް ގެނައި އިސްލާހަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.

ޕާސްޕޯޓާ ބެހޭ ގަވައިދަށް އިސްލާހެއް ގެނެސްފައި ވަނީ، ރާއްޖެއަށް އާ ޕާސްޕޯޓު ސްޓޮކެއް ލިބުމަށް މަހެއްހާ ދުވަސް ނަގާނެތީ، މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު އިތުރުކޮށްދީފައި ވަނިކޮށެވެ.

https://sun.mv/226634

އޭގެކުރިން މިދިޔަ މޭ މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އީ-ޕާސްޕޯޓު ދޫކުރުން ވެސް އިމިގްރޭޝަނުން މެދުކަނޑާލިއެވެ. އޭރު އިމިގްރޭޝަނުން ބުނީ އެކަން މެދުކަނޑާލާފައިވަނީ ޕާސްޕޯޓު ޕްރިންޓުކުރުމަށް ބޭނުންކުރާ ބުކްލެޓުގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން ކަމަށެވެ.

comment ކޮމެންޓް