ރިވެލި އެވޯޑަށް ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 17އަށް އިތުރުކޮށްފި

އެންމެފަހުން 2021 ވަނަ އަހަރު ބޭއްވުނު ރިވެލި އެވޯޑު ހަފްލާގެ ތެރެއިން ބައެއް އެވޯޑްތައް... ފޮޓޯ/ ދައުރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއައިން ދޭ "ރިވެލި އެވޯޑު" އަށް ހުށަހެޅުމުގެ މުއްދަތުއިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއާއިން ބުނީ އެ އެވޯޑަށް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ 13:00 އާ ހަމައަށް އިތުރުކޮށްފައިވާކަމަށެވެ.

ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު (8/2010) އާއި، އެ ފަރާތްތަކަށް އިގްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމަޢު" ގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހިންގޭ މުހިންމު ހަރަކާތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި އެވޯޑުގެ މައިގަނޑު މަގުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތައް ބާރުވެރިކުރުވުމަށާއި އެފަރާތްތަކުގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކުގެ ޚިދުމަތްތައް ފާހަގަކުރުމެވެ.

މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 06 ކެޓަގަރީއަކުންނެވެ. އެއީ:

1. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ

2. އެކި ގޮތްގޮތުން ދިވެހި ރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް

3. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާ (ސަރުކާރު އަދި އަމިއްލަ ފަރާތްތައް)

4. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާ

5. ފަންނީ އަދި ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ

6. ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (އަމިއްލަ ކުންފުނި / ސަރުކާރު ހިއްސާވާ ކުންފުނި)

އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމް އަދި އުޞޫލުތައް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އުމަރު ޒާހިރު އޮފީސް ބިލްޑިން ގެ ކައުންޓަރުންނާއި، މިނިސްޓްރީގެ ވެބްސައިޓް އަދި އަތޮޅުތެރޭގައި ގާއިމްކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުން ލިބެން ހުންނާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމުތަކާއި ގުޅުންހުރި ލިޔުންތައް މިނިސްޓްރީގެ ކައުންޓަރަށާއި [email protected] މެއިލް މެދުވެރިކޮށް އަންނަ މަހުގެ 17ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މި އެވޯޑުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގާބިލުކަމާއި ހާސިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކުރެވި، އިޖުތިމާޢީ ގޮތުން ކުރެވޭ ތަފާތުކުރުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެދޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ފުރަތަމަ ފަހަރަށް 2012 ވަނަ އަހަރު ތަޢާރަފުކުރި 'ރިވެލި އެވޯޑު' އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިތްވަރުދީ، އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާގުޅޭ ވުޒާރާ ގުޅިގެން ދެމުން އަންނަ އެވޯޑެކެވެ. މީގެ އިތުރުން މި އެވޯޑު ދީފައިވަނީ 2019 އަދި 2021 ވަނަ އަހަރުގައެވެ.

comment ކޮމެންޓް