ލިބުނު ތަޖުރިބާތަކުގެ އަލީގައި އީރާނުގެ ހަތިޔާރުގެ އިންޑަސްޓްރީ އިތުރަށް ތަރައްގީކޮށް ޒަމާނީ ކުރަނީ

އިރާނުން އުފައްދާ މިސައިލްތަކުގެ ރޭންޖް މަތިކުރުމަށް މަސައްކަތް ކުރަނީ

ތެހެރާން (30 އޮގަސްޓް 2026) : ހަނގުރާމައިގެ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލާފައި އޮތްނަމަވެސް އެމެރިކާ ކުއްލިގޮތަކަށް އަލުން ހަމަލާތައް ފަށައިފާނެކަމަށް ބަލައި އީރާނުގެ ހަތިޔާރުގެ އިންޑަސްޓްރީ އިތުރަށް ތަރައްގީކޮށް ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އިތުރުކުރަމުން ދާކަން އީރާނުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

އީރާނުގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާ އާއި އިސްރާއީލުން އިސްވެ ފެށި އުދުވާނީ ހަނގުރާމައިން އީރާނަށް ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ކަމަށާ މީގެތެރޭގައި ދުޝްމަނުންގެ ބަލިފައިތައް ދެނެގަނެވި ދުޝްމަނުންނަށް ރައްދު ދޭނެ އައުގޮތްތައް ދެނެގަނެވިފައިވާ ކަމުގައެވެ. އޭގެ އަލީގައި އީރާނުގެ ހަތިޔާރުތައް އިތުރަށް ޒަމާނީކޮށް ތަރައްގީ ކުރަމުން ގެންދާކަން މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން އީރާނުން ހާހަކަށް ވުރެގިނަ ބާވަތުގެ ހަތިޔާރު އުފައްދައެވެ. މީގެތެރޭގައި އެކި ރޭންޖްތަކުގެ އެކި ބާވަތުގެ މިސައިލް އާއި ރޮކެޓް އެކި މަރުކާތަކާއި އެކިކަންކަމަށް ބޭނުންކުރާ އެކި ރޭންޖްތަކުގެ ޑްރޯން، ވައިގެ ދިފާއީ ނިޒާމުތަކާއި އޭގެބެޓްރީތައް އަދި ޓޭންކާއި އާމެޑް ވެހިކަލް ތަކާއި ބޮޑުބަޑިއާއި މިލިޓްރީ ޓްރާންސްޕޯޓް މަތިންދާބޯޓާއި ރާޑަރާއި ސަވައިލެންސް ނިޒާމުތައް ފަދަ ބަރުހަތިޔާރު ހިމެނެއެވެ.

މަތިންދާ ބޯޓުތަކުގެ ޖެޓް އިންޖީނު އުފެއްދުމަށް އީރާން ކުރަމުން ގެންދާ ތަޖުރިބާތައް

އީރާނުގެ އަސްކަރީ މަސްއޫލުވެރިންނާ ހަވާލާދީ އެގައުމުގެ ރަސްމީ މީޑިއާ ބުނާގޮތުން އީރާނުގެ ބަލިސްޓިކް މިސައިލްގެ ރޭންޖްތައް މަތިކުރުމަށްވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިހާރު އީރާނުގައި އުފައްދާ އެންމެ ދުރުރާސްތާގެ ރޭންޖް ކަމަށްވާ 3 ހާސް ކިލޯމީޓަރުގެ ރޭންޖްގެ މިސައިލްތަކުގެ އިތުރުން 5 ހާސް އަދި 6 ހާސް ކިލޯމީޓަރުގެ ރޭންޖްގެ މިސައިލްތައް އުފެއްދުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން އިސްމާއީލް ބަގާއީ ދާދިފަހުންވަނީ ދެން އެމެރިކާ އުދުވާނީ ހަނގުރާމަ ފަށައިފިނަމަ އީރާނަށް ހަމަލާދިނުމުގައި އެމެރިކާގެ އަސްކަރިއްޔާއަށް ފަސޭހަތައް ދޭ ޔޫރަޕްގެ އަސްކަރީ ބޭސްތަކަށްވެސް އީރާނުން ހަމަލާދޭނެކަން ހާމަކޮށްފައެވެ. 6 ހާސް ކިލޯމީޓަރުގެ ރޭންޖްގެ މިސައިލްތައް އީރާނުން އުފައްދައިފިނަމަ ޔޫރަޕްގައިވާ އެމެރިކާގެ ގާތްގަނޑަކަށް ހުރިހާ ބޭސްތަކަކަށް ހަމަލާދިނުމުގެ ގާބިލްކަން އީރާނަށް ލިބިގެންދާނެއެވެ.

އީރާނުން އުފައްދާފައިވާ ރާޑަރު ސިސްޓަމެއް

އީރާނުގެ ދިފާއީ ވުޒާރާ ބުނާގޮތުން އެމެރިކާއާއި އިސްރާއީލުގެ އުދުވާނުގައި އީރާނަށް ބޮޑެތި ގެއްލުންތަކެއް ލިބުނުނަމަވެސް އީރާނުގެ ހަތިޔާރު ތަޖުރިބާކޮށް އޭގެ އަޖުމަ ބެލުމުގެ އަގުހުރި ފުރުސަތުތަކެއް ހަނގުރާމައިގެ ސަބަބުން އީރާނުގެ މިލިޓްރީ އިންޑަސްޓްރީއަށް ވަނީ ލިބިގެން ގޮސްފައެވެ. އީރާނުގެ ޑްރޯންތަކާއި ކްރޫޒް މިސައިލްތަކާ އަދި ބަލިސްޓިކް މިސައިލްއާއި ހައިޕާސޮނިކް މިސައިލް ތަޖުރިބާކޮށް އޭގެ އަޖުމަ ބަލާފައިވަނީ އިސްރާއީލުގެ މުހިއްމު ތަންތަނަށާއި ގަލްފާއި މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ސީދާ ގޮތެއްގައި ހަމަލާތައް ދީގެން ލައިވްކޮށެވެ.

މި ތަޖުރިބާތަކުގެ އަލީގައި އީރާނުގެ މިސައިލްތަކާއި ޑްރޯންތަކުގެ ބަލިފައިތައް ދެނެގަނެވި އެތަކެތީގެ ޓެކްނޮލޮޖީ ވަނީ އިތުރަށް ޒަމާނީކޮށް ވަރުގަދަ ކުރެވިފައެވެ. އީރާނުގެ މިސައިލްތަކުގެ އަމާޒު ކުރިން ކަސިޔާރު ވިޔަސް އެންމެފަހުން އީރާން އެމެރިކާގެ ބޭސްތަކަށް ދިން މިސައިލް ހަމަލާތައް ވަރަށް ޕްރެސިޝަންކޮށް އެއްވެސް ކަސިޔާރު ކަމެއްނެތި ސީދާ އަމާޒަށް ވާސިލް ވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.

މިހާރު އީރާން އަލަށް އުފައްދާ ހަތިޔާރު ކުރީގެ ހަތިޔާރުތަކަށްވުރެ އެތައް ގުނައެއް ބާރުގަދަވެފައި ޕްރެސިޝަންކޮށް އަމާޒަށް ވާސިލްވާނެކަމަށާ އެމެރިކާއާއި އިސްރާއީލުގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލެވޭނެ ގޮތް ވަރަށް ރަނގަޅަށް ދެނެގަނެވިފައިވާކަމަށާއި މީގެއަލީގައި މިސައިލް ޓެކްނޮލޮޖީ އެތަށް ގުނައެއް ތަރައްގީކޮށް އިތުރަށް ޒަމާނީ ކުރެވިފައިވާކަން މިބަޔާންބުނެއެވެ.

އިސްރާއީލާއި އެމެރިކާއިން ދެން އީރާނަށް ހަމަލާދީފިނަމަ އީރާނުގެ ރައްދު އާދަޔާ ޚިލާފަށް ވަރުގަދަވެ ކުރިން ރައްދު ނުދޭ އެމެރިކާއާއި އިސްރާއީލުގެ އެތަށް ތަނަކަށް ވަރަށް ވަރުގަދައަށް ހަމަލާދޭނެކަމަށްވެސް މިބަޔާން ބުނެއެވެ. އީރާނުގެ ހަތިޔާރުގެ އިންޑަސްޓްރީގައި އެތަށް ސަތޭކަ ކުންފުންޏެއް ހަރަކާތްތެރިވެއެވެ. މީގެތެރޭގައި ޕްރައިވެޓް ކުންފުނިތައްވެސް ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު