އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޑްޓާމް އިންތިޚާބުތަކާ ދިމާކޮށް، ސިޔާސީ ފަރާތްތަކަށް އެންމެ ގިނައިން ފައިސާ ހަދިޔާކުރާ ފަރާތްތަކުގެ ލިސްޓުގެ ހަތަރުވަނައަށް ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އީލޮން މަސްކް އަރައިފިއެވެ.
ނިއުޔޯކް ޓައިމްސްގެ އެނަލިސިސްއަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި މަސްކް ވަނީ މި ބުރުގައި ރިޕަބްލިކަން ކެންޑިޑޭޓުންނަށް 90 މިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ. މަސްކް އިތުރަށް ފައިސާ ޚަރަދުކުރުމުގެ ފުރުސަތު އޮތްއިރު، އޭނާ ވަނީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރު މައިކް ޖޯންސަންއާ ވެސް ބައްދަލުކޮށްފައެވެ.
އެމެރިކާގެ ފެޑެރަލް އިންތިޚާބުތަކަށް އެންމެ ބޮޑަށް ޚަރަދުކުރި 20 ފަރާތުން ޖުމްލަ 1.2 ބިލިއަން ޑޮލަރު ވަނީ އިންތިޚާބީ ކެމްޕޭންތަކަށް އޮއްސާލައިފައެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ 115 މިލިއަން ޑޮލަރާއެކު މާކް އެންޑްރީސަން އަދި ބެން ހޮރޮވިޓްޒްއެވެ.
ދެވަނައިގައި 103 މިލިއަން ޑޮލަރާއެކު ޖޯޖް އަދި އެލެކްސް ސޯރޯސް އޮތްއިރު، ތިންވަނައިގައި 94 މިލިއަން ޑޮލަރާއެކު އޮތީ ޖެފް ޔާސްއެވެ. ފަސްވަނައިގައި 76 މިލިއަން ޑޮލަރާއެކު ރިޕަބްލިކަން ޖަމާއަތެއް ކަމަށްވާ ވަން ނޭޝަން ހިމެނެއެވެ. ގަދަ ފަހެއްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ސޯރޯސްގެ އާއިލާ ފިޔަވައި އެހެން ހުރިހާ ފަރާތްތަކަކުން ވެސް ތާއީދުކުރަނީ ރިޕަބްލިކަން ޕާޓީއަށެވެ.
މަސްކް ވަނީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕާއި ރިޕަބްލިކަން ޕާޓީ ވެރިކަމަށް ގެނައުމަށްޓަކައި ގާތްގަނޑަކަށް 290 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ. އޭގެ ބަދަލެއްގެ ގޮތުން އޭނާއަށް ވަނީ ޑިޕާޓްމަންޓް އޮފް ގަވާމަންޓް އެފިޝެންސީ (ޑޯޖް) ގެ އިސްވެރިޔާގެ މަގާމު ދީފައެވެ. އެ މަގާމުގައި ހުރެ މަސްކް ވަނީ ފެޑެރަލް ސަރުކާރުގެ ގާތްގަނޑަކަށް 300,000 މުވައްޒަފުން ވަކިކޮށް، ކޮންގްރެސްގެ ހުއްދައެއް ނެތި ސަރުކާރުގެ އެތައް ޕްރޮގްރާމެއް އުވާލުމަށް އަމިއްލައަށް ނިންމައިފައެވެ.
ކުރިއަށް އޮތް ނޮވެމްބަރު މަހުގެ މިޑްޓާމް އިންތިޚާބާ ދިމާކޮށް މަސްކްގެ އެމެރިކާ ޕެކް މެދުވެރިކޮށް މަދުވެގެން 100 މިލިއަން ޑޮލަރު ޚަރަދުކުރުމުގެ ހުއްދަ ދީފައިވާއިރު، އޭނާ 200 މިލިއަން ޑޮލަރާ ހަމައަށް ހޭދަކުރުމަށް ރާވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއާއެކު ޑިމޮކްރެޓުންނާ އަޅާބަލާއިރު ރިޕަބްލިކަނުންނަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މަސްކްގެ މިފަދަ ޚަރަދުތަކުގެ ފަހަތުގައި ގިނަ މަޤްޞަދުތަކެއް ވާކަމަށް ފާހަގަކުރެވެއެވެ. އެގޮތުން އެމެރިކާގެ އާބާދީގެ ނަސްލީ ހަމަޖެހުމާ ގުޅޭގޮތުން އޭނާ ދައްކާ ވާހަކަތަކާއި، ހުދު ނަސްލުގެ މީހުންނަށް އިސްކަންދޭ ސިޔާސަތުތަކަށް އޭނާ ބާރުއަޅައެވެ.
ޓްރަމްޕްގެ ވެރިކަމުގައި 2025 ވަނަ އަހަރު ދެކުނު އެފްރިކާގެ ހުދު ނަސްލުގެ މީހުން ފިޔަވައި އެހެން ރެފިއުޖީން އެތެރެވުން ހުއްޓުވާފައިވާއިރު، އެފަދަ ފަރާތްތަކަށް މާލީ އިނާޔަތް އިތުރުކުރުމަށް ވެސް ވަނީ ނިންމައިފައެވެ. މަސްކަކީ ވެސް ދެކުނު އެފްރިކާއިން އެމެރިކާއަށް ހިޖުރަކުރި މީހެކެވެ.
މީގެއިތުރުން ސްޕޭސްއެކްސް ފަދަ އޭނާގެ ވިޔަފާރިތަކަށް ސަރުކާރުގެ ބޮޑެތި ކޮންޓްރެކްޓްތައް ހޯދުމަކީ ވެސް މަސްކްގެ މައިގަނޑު އެއް ބޭނުމެވެ.
ޑޯޖްގެ ވެރިޔާގެ ހައިސިއްޔަތުން އެހެން ޕްރޮގްރާމްތައް އުވާލި ނަމަވެސް މަސްކްގެ އަމިއްލަ ޕްރޮޖެކްޓްތަކަށް އުނިކަމެއް ނާންނަކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
857 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮތް މަސްކް، 2024 ގެ އިންތިޚާބުގެ ކުރިން ޓަކާ ކާލްސަންއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޓްރަމްޕް ބަލިވެއްޖެނަމަ އޭނާ ޖަލަށް ދާންޖެހިދާނެ ކަމުގެ ބިރު އޮތް ކަމަށެވެ.
މަސްކް ވަނީ އޭނާއާ ޚިޔާލު އެއްގޮތް ދެ ކެންޑިޑޭޓަކަށް 15 މިލިއަން ޑޮލަރު ވެސް ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި އޮހާޔޯގެ ގަވަރުނަރު ކަމަށް ވާދަކުރާ ވިވެކް ރާމަސްވާމީ އަދި ކެންޓަކީގެ ސެނެޓް ގޮނޑިއަށް ވާދަކުރަން އުޅުނު ނޭޓް މޮރިސް ހިމެނެއެވެ. މޮރިސް ފަހުން ރޭހުން ވަކިވުމުން ޓްރަމްޕް ވަނީ އޭނާ ކޮލަމްބިއާއަށް ކަނޑައަޅާފައިވާ އެމެރިކާގެ ސަފީރަކަށް ހަމަޖައްސައިފައެވެ.
އެމެރިކާގެ ސިޔާސީ ނިޒާމުގެ ތެރެއިން މުއްސަނދިން ބޮޑެތި އަދަދުތަކުން ފައިސާ ޚަރަދުކޮށްގެން ނުފޫޒު ފޯރުވުމަކީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ރިޝްވަތެއްގެ ގޮތުގައި މަސްކްގެ އެކުވެރިއެއް ކަމަށްވާ ޖޭސަން ކަލަކާނިސް ފަދަ ފަރާތްތަކުން ވެސް ވަނީ ސިފަކޮށްފައެވެ.
މި މައްސަލަތަކާ ގުޅިގެން މަސްކްގެ ކުންފުނި އެކްސް އިން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.