ހުޅުމާލެ ފޭސް 2 ގައި މިރޭ އެކްސިޑެންޓު ހިނގީ މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހިގެންކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިރޭ 21:04 އެހައިކަންހާއިރު، ހުޅުމާލެ ފޭސް-2 ގެ ހިތިގަސްމަގު، ވިނަރެސް-7 ކައިރީގައެވެ.
ފުލުހުން ބުނި ގޮތުގައި އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް-7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، އެ ސައިކަލުގެ ފަހަތުގައި އިން ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ.
އެ ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ނުވަ އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުން ބުނީ، ސައިކަލު ދުއްވާފައިވަނީ އެ ކެޓެގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތެއް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މަގުގެ އެއް އަރިމަތީގައި އޮންނަ ސައިކަލު ލޭނުގައި ޓެކްސީއެއް އޮތްއިރު، އޭގެ ކުރިމަތީގައި ސައިކަލެއް ވެއްޓިފައި އޮތް މަންޒަރު ފެނެއެވެ.
މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.