މާލޭގައި ޒުވާނަކު ދުއްވަމުން ދިޔަ ސައިކަލެއް ފުލުހެއްގެ ގައިގައި ޖެހުމުން ފިލަން އުޅުމުގެ ތުހުމަތުގައި އެ ޒުވާނާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، އިއްޔެ ހަވީރު 17:34ހާއިރު، ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށް ފަހު މީހަކު ފިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި ފުލުސް އޮފިސަރަަށް އަނިޔާވި ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހަތި / ގދ. ފަރެސްމާތޮޑާ، ސާއިން އަބްދުލްގައްޔޫމް ހައްޔަރުކޮށްފައިވާ ކަމަށެވެ. އުމުރުން 23 އަހަރުގެ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.
އެ މުއައްސަސާއިން ބުނީ، މައްސަލައިގައި ހިމެނޭ ސައިކަލު ޓޯކޮށް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިން ވެސް، ޓްރެފިކް ބަލަހައްޓަމުން ދަނިކޮށް ފުލުހުންނަށް ނުކިޔަމަންތެރިވުމާއި، ފުލުހެއްގެ ގައިގައި އުޅަނދު ޖެއްސުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ.