ޖުމްލަ 14 ޓީމާއެކު ކ. މާފުށީގައި އިއްޔެ ބޭއްވި އުރީދޫ މޯލްޑިވްސް މަސްރޭހުގެ ޗެމްޕިއަންކަން ޓީމް އެންޒީއިން ހޯދައިފިއެވެ.
އެންޒީ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 923 ޕޮއިންޓާއެކުގައެވެ.
މަސް ރޭހުން ދެވަނަ ކާމިޔާބުކޮށްފައިވަނީ ޓީމް ސްޓެލްކޯގެ ފިރިހެން ޓީމުންނެވެ. އެ ޓީމުން ވަނީ 606.25 ޕޮއިންޓު ހޯދާފައެވެ.
އެ މުބާރާތުގެ ތިންވަން ހޯދައިފައިވަނީ، 597.75 ޕޮއިންޓާއެކު އޭވިއަން ޓީމުންނެވެ.

އުރީދޫ މޯލްޑިވްސް މަސްރޭހުގެ ރަނަރަޕް ޓީމް، 'ޓީމް ސްޓެލްކޯ މެން' --- ފޮޓޯ: އުރީދޫ
މި މުބާރާތުގެ އެއްވަނަ ޓީމަށް އުރީދޫގެ ފަރާތުން 25،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފައިވާއިރު ދެވަނައަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. އަދި ތިންވަނައަށް ދިޔަ ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު އުރީދޫއިން ވަނީ ހަދިޔާކޮށްފައެވެ.
މީގެ އިތުރުން އުރީދޫން ވަނީ މަސް ރޭހުގެ އެންމެ ބަރު މަސް ބޭނި މަސްވެރިޔާ ވެސް އިއުލާނުކޮށްފައެވެ. އެގޮތުން މިފަހަރުގެ މަސް ރޭހުގެ އެންމެ ބަރު މަސް ބާނައިފައިވަނީ، ތިން ވަނައަށް ދިޔަ ޓީމު، ޓީމު އޭވިއަންގެ އަލީއެވެ. އޭނާ ވަނީ ޖުމްލަ 8.55 ކިލޯގެ މަހެއް ބާނައިފައެވެ.

އުރީދޫ މޯލްޑިވްސް ަސްރޭހުގެ ތިން ވަނައަށް 'ޓީމް އަވިއަން' --- ފޮޓޯ: އުރީދޫ
މި މަސްރޭހުގެ 'ބެސްޓް ފިޝަމެން' އަކަށް ހޮވިފައިވަނީ ސްޓެލްކޯ ޓީމުގެ އިޝްހާގް މުޙައްމަދެވެ. އޭނާ ވަނީ 13 މަސް ބާނާފައެވެ.
'ބެސްޓް ފިޝަވުމަން'އަކަށް ހޮވިފައިވަނީ 'ޓީމް ސީ ޕީލް'ގެ ޝަހީދާ މުޙައްމަދެވެ. ޝަހީދާ ވަނީ 19 މަސް ބާނައިފައެވެ.

އުރީދޫ މޯލްޑިވްސް މަސް ރޭހުގެ އެންމެ ބަރު މަސް ބޭނި އަލީ --- ފޮޓޯ: އުރީދޫ
އެންމެ ބަރު މަސް ބޭނި މަސްވެރިޔާއަށާއި އެންމެ މޮޅު ފިރިހެން އަދި އަންހެން މަސްވެރިޔާއަށް ވަނީ ފައިސާގެ އިނާމުގެ ގޮތުގައި 1000 ރުފިޔާ ހަދިޔާކޮށްފައެވެ.
މި މުބާރާތުގައި ސަރުކާރުގެ މުއައްސަސާތަކާއި، ޕްރައިވެޓް ކުންފުނިތަކުގެ އިތުރުން އަމިއްލަ ޓީމުތަކުންވެސް ވަނީ ބައިވެރިވެފައެވެ.