އެކްސިނޮސް 2500 ޗިޕްސެޓާއެކު ގެލެކްސީ އެސް26 އެފްއީ ބާޒާރަށް ނެރެފި

ސެޕްޓެމްބަރު 4 އިން ފެށިގެން އޮންލައިންކޮށް ގަންނަން ލިބޭނެ ---

ސެމްސަންގް ކުންފުނީގެ ގެލެކްސީ އެސް26 ސީރީޒްގެ އައު "ފޭން އެޑިޝަން" (އެފްއީ) ފޯނު ކަމަށްވާ "ގެލެކްސީ އެސް26 އެފްއީ" ދުނިޔޭގެ ބައެއް މާކެޓުތަކަށް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. މި ފޯނު ސެމްސަންގްގެ އޮންލައިން ސްޓޯރު މެދުވެރިކޮށް ދުނިޔޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.

މި ފޯނު ބާޒާރަށް ނެރެނީ ބްލޫބެރީ، ގްރެފައިޓް އަދި ޕިސްޓާޗިއޯ ހިމެނޭހެން ތިން ކުލައެއްގައެވެ. ފޯނުގެ އަގުތަކަށް ބަލާއިރު، 8 ޖީބީ ރެމް އަދި 128 ޖީބީ ސްޓޯރޭޖް ހިމެނޭ ބޭސް ވޭރިއަންޓުގެ އަގަކީ ގާތްގަނޑަކަށް 870 ޑޮލަރެވެ. މީގެ އިތުރުން 8 ޖީބީ ރެމް އަދި 256 ޖީބީ ސްޓޯރޭޖް ހިމެނޭ މޮޑެލްގެ އަގަކީ ގާތްގަނޑަކަށް 980 ޑޮލަރު ކަމަށްވާއިރު، އެންމެ މަތީ ވޭރިއަންޓް ކަމަށްވާ 8 ޖީބީ ރެމް އަދި 512 ޖީބީ ސްޓޯރޭޖް ލިބެން ހުންނާނީ ގާތްގަނޑަކަށް 1،200 ޑޮލަރަށެވެ.

އެންޑްރޮއިޑް 17 ގެ މައްޗަށް ބިނާކޮށްފައިވާ ވަންޔޫއައި 9 ހިންގާ މި ޑުއަލް ސިމް ފޯނުގައި ހިމެނެނީ 120Hz ގެ ރިފްރެޝް ރޭޓާއި 1،900 ނިޓްސްގެ ޕީކް ބްރައިޓްނެސް ސަޕޯޓްކުރާ 6.7 އިންޗީގެ ފުލް-އެޗްޑީ+ ޑައިނަމިކް އެމޯލެޑް 2X ޑިސްޕްލޭއެކެވެ. މީގެ އިތުރުން މި ފޯނަކީ ހިރަފުހާއި ފެނުން ރައްކާތެރިކޮށްދޭ IP68 ރޭޓިން ލިބިފައިވާ ފޯނެކެވެ.

ބްލޫބެރީ، ގްރެފައިޓް އަދި ޕިސްޓާޗިއޯ ހިމެނޭހެން ތިން ކުލައެއްގައި މިފޯން ލިބޭނެ ----

ފޯނުގެ ޕާފޯމަންސަށް ބަލާއިރު، ބޭނުންކޮށްފައިވަނީ 3 ނެނޯމީޓަރުގެ ޕްރޮސެސްއަކުން އުފައްދާފައިވާ އެކްސިނޮސް 2500 ޗިޕްސެޓެވެ. މި ފޯނުގައި 8 ޖީބީ ރެމްގެ އިތުރުން 512 ޖީބީއާ ހަމައަށް އޮންބޯޑް ސްޓޯރޭޖް ހިމެނެއެވެ.

ކެމެރާ ސިސްޓަމަށް ބަލާއިރު ފަހަތުގައި ތިން ކެމެރާގެ ސެޓަޕެއް ހިމެނެއެވެ. އޭގެ ތެރޭގައި އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒޭޝަން (އޯއައިއެސް) އެކުލެވޭ 50 މެގަޕިކްސެލްގެ މައި ކެމެރާއާއި، 123 ޑިގްރީ ފީލްޑް އޮފް ވިއު ލިބޭ 12 މެގަޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާ އަދި 3 ގުނަ އޮޕްޓިކަލް ޒޫމް، 30 ގުނަ ޑިޖިޓަލް ޒޫމް އަދި އޯއައިއެސް ސަޕޯޓްކުރާ 8 މެގަޕިކްސެލްގެ ޓެލެފޮޓޯ ކެމެރާއެއް ހިމެނެއެވެ. އަދި ސެލްފީ ނެގުމަށާއި ވީޑިއޯ ކޯލްތަކަށް 85 ޑިގްރީ ފީލްޑް އޮފް ވިއު ލިބޭ 12 މެގަޕިކްސެލްގެ ފްރަންޓް ކެމެރާއެއް ހިމަނާފައިވެއެވެ.

މި ފޯނުގައި ހިމެނެނީ 45 ވޮޓުގެ ވައިޔާޑް ފާސްޓް ޗާޖިން އަދި 15 ވޮޓުގެ ވަޔަލެސް ޗާޖިން ސަޕޯޓްކުރާ 4،900 އެމްއޭއެޗްގެ ބެޓެރިއެކެވެ. ފޯނުގެ ކަނެކްޓިވިޓީ ފީޗާތަކުގެ ތެރޭގައި 5G، 4G LTE، ވައިފައި 6E، ބްލޫޓޫތު 5.4 އަދި ޔޫއެސްބީ ޓައިޕް-ސީ ޕޯޓް ހިމެނޭއިރު، ސެކިއުރިޓީއަށް އިން-ޑިސްޕްލޭ ފިންގަރޕްރިންޓް ސްކޭނަރެއް ވެސް ވެއެވެ.

މި ފޯނުގެ ބޮޑުމިނަކީ 161.6x76.9x7.4 މިލިމީޓަރު ކަމަށްވާއިރު، ބަރުދަނަކީ ގާތްގަނޑަކަށް 193 ގްރާމެވެ.

comment ކޮމެންޓް