ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް)ގެ ސްޕައި ޔުނިވާސްއަށް ކުޅެދިން ފުރަތަމަ ފިލްމު "އަލްފާ" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށައިފިއެވެ.
މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާފައިވާ މި ފިލްމަކީ ޝިވް ރަވަޔަލް ޑައިރެކްޓްކޮށް، އަދިތްޔާ ޗޯޕްޅާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. އާލިއާ ބަޓް އާއި ޝަރުވަރީ މުހިންމު ރޯލުތަކުން ފެންނަ މި ފިލްމުގައި އަނިލް ކަޕޫރާއި ބޮބީ ޑިއޯލް ވެސް މުހިންމު ކެރެކްޓާތަކުން ވަނީ ފެނިފައެވެ.
މި ފިލްމުގައި އާލިއާ ކުޅެފައި ވަނީ މީގެކުރިން ފެނިފައިނުވާ ފަދަ ވަރުގަދަ އެކްޝަން ރޯލެކެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ބަދަލުހިފުމުގެ އަޒުމުގައި ނުކުމެ، އޭނާގެ މަގަށް ހުރަސްއަޅާ ކޮންމެ މީހަކު ނައްތާލަމުންދާ އަންހެން ކުއްޖެއްގެ މައްޗަށެވެ. އަދި މި ނުރައްކާތެރި ދަތުރުގެ ތެރެއިން އޭނާގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކެއް ވެސް ހާމަވެގެންދެއެވެ.

ފިލްމު "އަލްފާ"ގެ މަންޒަރެއްގައި އާލިއާ އަދި ޝަރުވަރީ--ފޮޓޯ/ސްކްރީން
މިއީ މީގެ ދެ އަހަރު ކުރިން އާލިއާ ބެލުންތެރިންނަށް ގެނެސްދިން ފިލްމު "ޖިގްރާ"އަށް ފަހު ބެލުންތެރިންނާ ހަމައަށް އައި ބަތަލާގެ ފުރަަތަމަ ފިލްމުކަންވެސް ފާހަގަކޮށްލެވެއެވެ.
މި ފިލްމުގެ ޑައިރެކްޓަރު ޝިވް ރަވަޔަލް އަކީ ނެޓްފްލިކްސްގެ މަގުބޫލު ސިލްސިލާ "ދަ ރޭލްވޭ މެން" އާއި "ފޭން" އަދި "ދޫމް 3" ފަދަ ފިލްމުތަކުގައި ވައިއާރްއެފްއާ އެކު މަސައްކަތްކޮށްފައިވާ ފަރާތެކެވެ.
ވައިއާރްއެފްގެ ސްޕައި ޔުނިވާސްއިން މިހާތަނަށް ގެނެސްދީފައިވާ މަގުބޫލު ފިލްމުތަކުގެތެރޭ، 2012 ވަނަ އަހަރު ސަލްމާން ޚާން އާއި ކެޓްރީނާ ކައިފްގެ "އޭކް ތަ ޓައިގާ"، "ޓައިގާ ޒިންދާ ހޭ"، "ވޯ"، "ޕަޓާން" އަދި "ޓައިގާ 3" ހިމެނެއެވެ.