އެމްބާޕޭގެ ހެޓްރިކާއެކު ރެއާލް މެޑްރިޑަށް ފުރިހަމަ މޮޅެއް

ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑް މެޗުގައި ހެޓްރިކް ފުރިހަމަކުރުމަށްފަހު ރެއާލް މެޑްރިޑުގެ އެމްބާޕޭ--

ސްޕެނިޝް ލީގުގައި މި ސީޒަނުގައި ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި، ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ހެޓްރިކާއެކު 4-1 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ބަލިކޮށްފިއެވެ.

ރެއާލުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 40 ވަނަ މިނެޓުގައި ރެއާލަށް ކުރިހޯދައިދިނީ އެމްބާޕޭއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ފެޑެރީކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި، އިދިކޮޅު ޑިފެންޑަރެއްގެ ކައިރިން ނައްޓާލުމަށްފަހު ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން ސޮސިއެޑާޑުގެ ލޫކާ ސޫޗިޗް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ދެވަނަ ހާފަށް ރެއާލް މެޑްރިޑުން ނުކުތީ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މާކް ކުކުރެޔާ ކުޅެން ނެރެގެންނެވެ. މި ހާފުގައި ރެއާލުން ކުޅުން ވަރުގަދަކޮށް، މެޗުގެ 60 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ޖޫޑް ބެލިންހަމްއާ ގުޅިގެން އުފެއްދި ރީތި ހަމަލާއަކުން ދެވަނަ ފަހަރަށް އެ ޓީމަށް ކުރިހޯދައިދީފައެވެ.

ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން--

އޭގެ އަށް މިނެޓު ފަހުން، ބެލިންހަމް އިދިކޮޅު ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދައި ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލްގެ ތިންވަނަ ލަނޑު ޖަހައިދިނީ ވިނީޝިއުސް ޖޫނިއާއެވެ.

ރެއާލް މެޑްރިޑުން މެޗުގެ ނަތީޖާ ކަށަވަރުކުރީ 80 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ވިނީޝިއުސް ދިން ރީތި ޕާހަކުން އެމްބާޕޭ ކާމިޔާބުކޮށް، އޭނާގެ ހެޓްރިކް ފުރިހަމަކުރި ލަނޑެވެ.

ރެއާލް މެޑްރިޑުން ދެން އެންމެ އަވަހަށް ނުކުންނާނީ ސްޕެނިޝް ލީގުގައި މަލަގާއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 30 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ ރޭ، ރެއާލްގެ އަމިއްލަ ދަނޑުގައެވެ. މިއީ ސީޒަނުގެ ލީގުގައި ރެއާލުން ކުޅޭ ތިންވަނަ މެޗެވެ.

މި މެޗަށްފަހު 4 ސެޕްޓެމްބަރުގައި ރެއާލް ނުކުންނާނީ ރަށުން ބޭރުގައި ރެއާލް ބެޓިސްއާ ދެކޮޅަށެވެ. އޭގެ ފަހުން 13 ސެޕްޓެމްބަރުގައި އަމިއްލަ ދަނޑުގައި ރާޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުމަށްފަހު، 16 ސެޕްޓެމްބަރުގައި ރަށުން ބޭރުގައި ނުކުންނާނީ އެލްޗޭ ސީއެފްއާ ދެކޮޅަށެވެ.

comment ކޮމެންޓް