ލޯނު ގަވާއިދުން ދެއްކުން މުހިންމުވަނީ ކީއްވެ؟

ދިވެހިންގެ އާންމު ދިރިއުޅުމުގައި ލޯނު ނެގުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ގެދޮރު އިމާރާތްކުރުމަށާއި، އުޅަނދުފަހަރު ގަތުމަށާއި، އަމިއްލަ ބޭނުންތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިސާ ހޯދުމަށް ބޭންކުތަކާއި މާލީ އިދާރާތަކަށް ބަރޯސާވާ މިންވަރު ވަނީ ބޮޑުވެފައެވެ. ނަމަވެސް، މި ނިޒާމު އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރަނީ ނަގާ ލޯނުތައް ގަވާއިދުން އަނބުރާ ދެއްކުމުންނެވެ. ލޯނު ދެއްކުމުގެ އާދަ މުޖުތަމައެއްގައި ދަށްވެއްޖެނަމަ، އޭގެ ގެއްލުން ހަމައެކަނި ލޯނު ނެގި މީހާއަކަށް ނޫނެވެ. އޭގެ ސަބަބުން މުޅި އިގުތިސާދުގައި ލޯނުތަކުގެ އިންޓަރެސްޓް ރޭޓު ބޮޑުވެ، އާންމުންނަށް ލޯނު ލިބުމުގެ ދަތިކަމާ ކުރިމަތިލާން ޖެހެއެވެ.

މިއީ ރާއްޖޭގައި މިވަގުތު ދައްކަން މުހިންމު ވާހަކައެކެވެ. ދެކުނު އޭޝިއާ ސަރަހައްދުގައި ގަވާއިދުން ނުދައްކާ ލޯނުތައް ނުވަތަ ނޮން-ޕާފޯމިން ލޯން (އެންޕީއެލް) ހުންނަ ނިސްބަތަށް ބަލާއިރު، ދިގު މުއްދަތެއްގައި ރާއްޖޭގެ އެންޕީއެލް ނިސްބަތް ހުރީ ސަރަހައްދުގެ އެންމެ މަތީގައެވެ. އެއީ އެވްރެޖްކޮށް 13.4 އިންސައްތައިގައެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ މާލީ ހިސާބުތަކަށް ބިނާކޮށް ވޯލްޑް ބޭންކުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2022 ވަނަ އަހަރު ރާއްޖޭގެ އެންޕީއެލް ނިސްބަތް 9.41 އިންސައްތައިގައި ހުރުމަށްފަހު، 2023 ވަނަ އަހަރު ވަނީ 8.35 އިންސައްތައަށް ދަށްވެފައެވެ. މިއީ ކުރިއެރުމެއް ނަމަވެސް، މާލީ އިދާރާތަކުން ގަބޫލުކުރާ ސިއްހަތު ރަނގަޅު މިންގަނޑު ކަމަށްވާ ތިނަކާއި ފަސް އިންސައްތައާ ދެމެދުގެ އަދަދަށް ވުރެ މިއީ މާ މަތީ އަދަދެކެވެ. މިކަން މުހިންމުވަނީ، ނުދައްކާ ލޯނުތަކުގައި ތާށިވެފައި ހުންނަ ކޮންމެ ރުފިޔާއަކީ، އަލަށް ގެދޮރު ގަންނަން ބޭނުންވާ އާއިލާއަކަށް ނުވަތަ ވިޔަފާރި ފުޅާކުރަން ބޭނުންވާ ކުދި ވިޔަފާރިއަކަށް ބޭންކުތަކުން ދޫކުރުމަށް ހުރަސްއެޅޭ ރުފިޔާއަކަށް ވާތީއެވެ.

ރާއްޖޭގެ ބޭންކަކުން ނުވަތަ މާލީ ކުންފުންޏަކުން ޕާސަނަލް ލޯނެއް، ހައުސިން ލޯނެއް، ވެހިކަލް ލޯނެއް، ކްރެޑިޓް ކާޑެއް ނުވަތަ ކުދި ވިޔަފާރީގެ ލޯނެއް ނެގި ނަމަވެސް، އެ ލޯނެއް އަނބުރާ ދައްކާ ގޮތުގެ ރެކޯޑު ބަލަހައްޓައެވެ.

މިކަން އަމިއްލަ ފަރުދުންނަށް މުހިންމުވާ ސަބަބުތައް ގިނައެވެ. ފުރަތަމަ ކަމަކީ، ލޯނު ދެއްކުމުގެ ރަނގަޅު ރެކޯޑެއް އޮތުމުން ފަސޭހައިން ލޯނު ލިބުމާއި، ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯނު ލިބުމުގެ ފުރުސަތު ބޮޑުވުމެވެ. ސަބަބަކީ ބޭންކަށް އޮންނަ ރިސްކު ކުޑަވުމެވެ. ދެވަނަ ކަމަކީ، ދަރަނީގެ މަޅިއަކުން ސަލާމަތްވުމެވެ. ލޯނު ނުދެއްކިއްޖެނަމަ ޖޫރިމަނާ އަރައި، ދައްކަންޖެހޭ އަދަދު އަތްނުފޯރާ ފަށަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ތިންވަނަ ކަމަކީ، ދިރިއުޅުމުގެ މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރަސް ނޭޅުމެވެ. ގިނަ ދިވެހިންނަކީ ގެދޮރު ބިނާކުރުމަށާއި، ތައުލީމު ހާސިލުކުރުމަށާއި، ކުދި ވިޔަފާރިތަކަށް ލޯނަށް ބަރޯސާވާ ބަޔަކަށް ވާއިރު، ކްރެޑިޓް ރެކޯޑު ގޯސްވުމުން މިކަންކަން އަހަރުތަކަކަށް ލަސްވެގެން ހިނގައިދާނެއެވެ. މީގެ އިތުރުން، ރިސޯޓު ދާއިރާ ފިޔަވައި ރާއްޖޭގެ އިގުތިސާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބަލާއިރު، ކްރެޑިޓް ރެކޯޑު ގޯސްވުމުގެ ސަބަބުން ވިޔަފާރި ހިންގަން އެންމެ ބޭނުންވާ ވަގުތު ފައިސާ ނުލިބި، ވިޔަފާރި ހުއްޓުމަކަށް އައުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މުސްތަގުބަލަށް ބަލާއިރު ވެސް ކްރެޑިޓް ހިސްޓްރީ ރަނގަޅަށް އޮތުމަކީ ބޭންކްތައް މެދުވެރިކޮށް ލޯނުތަކާއި އެހެން ފައިނޭންސިން ޚިދުމަތްތައް ހޯދުމަށް ވެސް ފަސޭހަ ވާނެ ކަމެކެވެ. އަދި ލޯނު ގަވާއިދުން ދައްކާނަމަ އިތުރު ޖޫރިމަނާ ފީތައް ނުދައްކައި ވާނެއެވެ. މިފަދަ ގިނަ ސަބަބުތަކަށްޓަކައި ގަވާއިދުން ލޯނުތައް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިކަންކަމުން ސަލާމަތްވުމަށްޓަކައި އާންމުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް ވެއެވެ. އެންމެ ފުރަތަމަ ކަމަކީ، އަނބުރާ ދެއްކޭނެ މިންވަރަކަށް އެކަނި ލޯނު ނެގުމެވެ. ޒަރޫރީ ހަރަދުތައް ކެނޑުމަށްފަހު ބާކީ އޮންނަ އާމްދަނީން ލޯނު ދެއްކޭނެކަން ކަށަވަރުކުރަން ޖެހެއެވެ. އަދި ލޯނު ދައްކަންޖެހޭ ތާރީހަށް ފައިސާ ދެއްކުމަށް ސަމާލުކަން ދޭންޖެހެއެވެ. އެންމެ މަހަކު ފައިސާ ނުދެއްކުނު ނަމަވެސް އެކަން ކްރެޑިޓް ރެކޯޑުން ފެންނަން އޮންނާނެއެވެ. މީގެ އިތުރުން، ސިއްހީ ރެކޯޑުތައް ބަލާ ފަދައިން، އަމިއްލަ ސީއައިބީ ރިޕޯޓު ގަވާއިދުން ބަލައި، ކުށެއް އުޅޭނަމަ އެކަން އިސްލާހުކުރުމަކީ މުހިންމު ކަމެކެވެ. ލޯނު ދެއްކުމަށް ދަތިތަކަކާ ކުރިމަތިވެއްޖެނަމަ، ފައިސާ ނުދައްކައި ހުރުމުގެ ބަދަލުގައި، ވީހާވެސް އަވަހަކަށް ބޭންކާ ވާހަކަދައްކައިގެން ލޯނު ރީސްޓްރަކްޗާ ކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ކްރެޑިޓް ހިސްޓަރީއަކީ ހަމައެކަނި އެއްފަހަރު ލޯނެއް ނަގަން ބޭނުންކުރާ އެއްޗެއް ނޫނެވެ. އެއީ މުޅި އުމުރަށް ދެމިގެންދާ މާލީ އިތުބާރެވެ.

comment ކޮމެންޓް