އިއްޔެ ސިނަމާތަކުގައި ރިލީޒްކުރި ކަންނާޑާ އެކްޓަރު ޔަޝްގެ ފިލްމު "ޓޮކްސިކް" އަކީ، ރޫހެއް ނެތް، ބޭރުފުށަށް ފަރި ފިލްމެއްގެ ގޮތުގައި ފިލްމު ކްރިޓިކް އަދި ޓްރޭޑް އެނަލިސްޓް ތަރަން އާދަޝް ބުނެފިއެވެ.
ގީތޫ މޯހަންދާސް ޑައިރެކްޓްކޮށް ޔަޝް އަދި ވެންކަޓް ކޭ ނާރަޔަން ޕްރޮޑިއުސަރުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ "ޓޮކްސިކް"އަށް ދިން ރިވިއުގައި ތަރަން ބުނީ، ފިލްމުގެ މައި ތަނބަކީ ޔަޝް ކަމަށާއި އޭނާގެ ހަރަކާތްތަކުން މުޅި ފިލްމަށް ދިރުން ގެނެސްދޭކަން ފާހަގަކުރެވޭ ކަމަށެވެ.
ވަރުގަދަ އެކްޝަން މަންޒަރުތަކަކާއެކު ފިލްމުގެ ބައެއް ބައިތައް ޝައުގުވެރިވި ނަމަވެސް، ފިލްމުގެ ފަހުބައި ފެންނަނީ ވަރަށް ފޫހިކޮށް ކަމަށާއި ޔަޝް ފަދަ ކުޅަދާނަ އެކްޓަރަކަށް މިއަށްވުރެ މާ ރަނގަޅު ސްކްރިޕްޓެއް ހައްގު ކަމަށް ތަރަން ވަނީ ބުނެފައެވެ.
ފިލްމު "ޓޮކްސިކް" އަކީ އާންމުކޮށް ފެންނަ ކަހަލަ ފިލްމެއް ނޫންކަން ފެށޭއިރުވެސް ފާހަގަވާއިރު، ޑައިރެކްޓަރު ގީތޫ މޯހަންދާސް ކިޔައިދެނީ ތަފާތު، އުންމީދު ނުކުރާ ކަހަލަ އަދި ޝައުގުވެރި ދުނިޔެއަކާއި ކެރެކްޓަރުންތަކެއްގެ ވާހަކައެއް ކަމަށް ތަރަން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ފިލްމު "ޓޮކްސިކް"ގެ ކާސްޓުގައި ހިމެނޭ މުހިއްމު ތަރިން--ފޮޓޯ/ފޭސްބުކް
ތަރަން އިތުރަށް ބަޔާންކުރި ގޮތުގައި، ފިލްމުގެ ފުރަތަމަ ބައިގައި ހަނދާނުން ފޮހެލަން އުނދަގޫ މޮޅު ބައިތަކެއް ހިމެނެއެވެ. ވަކިން ހާއްސަކޮށް ފުރަތަމަ 20 މިނެޓާއި، އިންޓަވަލްއާ ހަމައަށް އަންނަ މަންޒަރުތައް ވަރަށް ފުރިހަމަކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ޑްރާމާ، ގްލޭމަ، އަދި އެކްޝަން - "ޓޮކްސިކް"ގައި އެކަށީގެންވާ ވަރަށްވުރެ ގިނައިން ހިމެނޭއިރު، ފިލްމުގެ ފުރަތަމަ ބައި ބިނާވެފައިވަނީ ވަރުގަދަ އިހުސާސްތަކެއްގެ މައްޗަށް ކަމަށްވިޔަސް، ހިތާމައަކީ އިންޓަވަލްގެ ފަހުން މިބައިތައް ވަރަށް ބޮޑަށް ބަލިކަށިވެގެން ދިއުންކަން ތަރަން ފާހަގަކޮށްފައިވެއެވެ.
ލިޔުންތެރިކަމުގައި އެއްވެސް އޮއްޓަރެއް "ޓޮކްސިކް"ގައި ފެންނަން ނެތްއިރު އޭގެ ބަދަލުގައި ފެންނަނީ ހުސް އެކްޝަން މަންޒަރުތައް ކަމަށް ތަރަން ވަނީ ބުނެފައެވެ.
މި ފިލްމުން ފާހަގަކޮށްލެވުނު ރަނގަޅު ކަންކަމުގެތެރޭ "ކޭޖީއެފް 2"ގެ ބޮޑު ކާމިޔާބީ އަށްފަހު ޔަޝްގެ ހުނަރުވެރިކަން އިތުރަށް ތަރައްގީވެފައިވާކަން ތަރަން ފާހަގަކުރިއެވެ. އެގޮތުން ޔަޝްގެ ކުޅަދާނަކަމާއި، ސްކްރީންގައި ހުންނަ ފުރިހަމަ ސަހުސިއްޔަތުން މުޅި ފިލްމު ކޮންޓްރޯލްކުރިކަން ތަރަން ފާހަގަކޮށްފައިވެއެވެ.
ތަރަންގެ ރިވިއު ނިންމާލަމުން ބުނެފައި ވަނީ، ޖުމްލަކޮށް ފިލްމު "ޓޮކްސިކް" އަކީ، މާނަހުރި ވާހަކައަކަށްވުރެ ބޮޑަށް ފެންނަ ފެނުމުގެ ފުރިހަމަކަމަށް އިސްކަންދީފައިވާ ފިލްމެއް ކަމަށެވެ.
ފިލްމު ބިނާވެފައިވަނީ ހަމައެކަނި ޔަޝްގެ މަގުބޫލުކަމާއި އޭނާގެ ކުޅަދާނަކަމުގެ މައްޗަށް ކަމުން ބޮކްސް އޮފީހުގައި މި ފިލްމަށް ލިބުނު ބޮޑު ތަރުހީބުގެ އަސްލަކީވެސް އެއީކަން ތަރަން ފާހަގަކުރިއެވެ. އެހެންނަމަވެސް، ފުރަތަމަ ދުވަސްކޮޅުގެ ފޯރި ކެނޑުމަށްފަހު، މި ފިލްމަށް ބޮކްސް އޮފީހުގައި ކުރިއަށް ދެވޭނީ ކިހާ ވަރަކަށްތޯ އެއީ އުފެދޭ ސުވާލެއް ކަމަށް ތަރަން ވަނީ ބުނެފައެވެ.
ކޭވީއެން ޕްރޮޑަކްޝަންސް އާއި ޔަޝްގެ މޮންސްޓާ މައިންޑް ކްރިއޭޝަންސް ގުޅިގެން އުފައްދާފައިވާ ފިލްމު "ޓޮކްސިކް"ގެ ކާސްޓުންގެތެރޭ ފިލްމީ ތަރިން ކަމަށްވާ، ކިއާރާ އަދުވާނީ، ނަޔަންތާރާ، ހުމާ ގުރައިޝީ، ތާރާ ސުތާރިއާ، ރުކްމަނީ ވަސަންތު، އަކްޝޭ އޮބޮރޯއި އަދި ސަންޖީދާ ޝޭހް ހިމެނެއެވެ.