މިދިޔަ ހަފުތާގައި މާލޭން ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނީ މިދިޔަ ހަފުތާގައި މާލޭ ސަރަހައްދުން ހިމަބިހި ޖެހުނީ 10 މީހަކަށް ކަމަށެވެ. އެއީ އޭގެ ކުރީ ހަފުތާއާ އަޅައިބަލާއިރު ވަރަށް ދަށް އަދަދެއް ކަމަށްވާއިރު، އެ ހަފުތާގައި 17 މީހަކު ހިމަބިއްސަށް ފައްސިވިއެވެ.
މިދިޔަ ހަފުތާގައި ބަލި ޖެހުނު މީހުންނާއެކު، މި އަހަރުގެ މިހާތަނަށް ހިމަބިއްސަށް ފައްސިވި މީހުންގެ އަަދަދު ވަނީ 226އަށް އަރައިފައެވެ.
އެޗްޕީއޭއިން ބުނިގޮތުގައި، މިހާތަނަށް 15،552 މީހަކަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ މީހުންނަށް، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށް އެ އެޖެންސީއިން ވަނީ ބުނެފައެވެ.
ހަމައެއާއެކު، އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރަށްތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެކަން ފާހަގަކޮށްފައެވެ.
ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުންނެވެ.
ޑރ. ޢަބްދުލް ޢަޒީޒު ޙަމީދުގެ 'ސިއްހަތު ބްލޮގް'ގައިވާ ގޮތުން، އެ ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމުންނާއި، އެ ޖަރާސީމުން ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލެވުމަށްފަހު، އަތްނުދޮވެ، ނޭފަތް، އަނގަ ނުވަތަ ލޮލުގައި އަތްލުމުންނެވެ. އަދި ބަލިޖެހިފައިވާ މީހާ ބޭނުންކޮށްފައިވާ ކާބޯތަކެތި އަނެކާ ބޭނުންކުރުމަކީ ވެސް، މަދުން ނަމަވެސް ހިމަބިހި ޖެހޭ ގޮތެއް ކަމަށް ލިޔުއްވާފައިވެއެވެ.
ޞިއްޙީ މާހިރުން ވަނީ، ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން، އާބާދީގެ ނިސްބަތުން ހިމަބިހި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުގެ ތެރޭގައި ދާދި ފަހުން ރާއްޖެ ހިމެނުނެވެ. އަދި، އެ ބައްޔަށް ފަރުވާ ދެމުންދިޔަ ދިވެހި ޒުވާނަކު ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު މަރުވެފައެވެ.