ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލެއް އެކުލަވާލައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލެއް އެކުލަވާލައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައި ވާނެ ކަމަށެވެ. އަދި މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ގާނޫނީ އޮނިގަނޑެއް ތައާރުފުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ސަބަބުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު އެކި ފަރާތްތަކުން ޖިނާއީ ބޮޑެތި ކުށް ކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ގާނޫނީ މައްސަލައަށް ވެސް މި ބިލުން ހައްލެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެ ބިލާ ގުޅޭ އިތުރު ތަފްސީލެއް މަޖިލީހުގެ ވެބްސައިޓުން އަދި ފެންނާކަށް ނެތެވެ.
ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ ބައެއް މިހާރު ވެސް ގާނޫނުގައި އޮތްއިރު މި ސަރުކާރުގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މީގެ ކުރިން ހުށަހެޅި ބިލެއްގައި ވެސް ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖާކުރުން ހިމެނިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބޮޑެތި މައްސަލަތަކުގައި ކުށް ކޮށްގެން ހޯދާފައިވާ ފައިސާއާއި މުދާ ދައުލަތަށް ނެގުމަށް ކޯޓުތަކުން އަމުރުކުރި ނަމަވެސް، އެކަމާ ގުޅޭ މުދާ ދައުލަތަށް ނެގުމަށް އަންގާފައިވަނީ ވަރަށް މަދު ފަހަރެއްގައެވެ.
މިފަދަ މުދާ ދައުލަތަށް ނަގައި، އެކަމުން މާލީ މަންފާ ހުއްޓުވަން ބިލެއް ހުށަހެޅިއިރު މީގެ ކުރިން ވަނީ ނުހައްގު މުއްސަނދިކަން ހުއްޓުވާ ބިލެއް ވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފައެވެ.