ކުރިއަށް އޮތް ފެސްޓިވަލް މޫސުމާ ދިމާކޮށް އިންޑިއާގައި ހަކުރުގެ އަގު އިންތިހާއަށް އުފުލި، އާންމުންނާއި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އިންޑިއާގެ ކޮންސިއުމާ އެފެއާޒް، ފުޑް އެންޑް ޕަބްލިކް ޑިސްޓްރިބިއުޝަން މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އާދިއްތަ ދުވަހާ ހަމައަށް އިންޑިއާގައި ހަކުރު ކިލޯއެއްގެ އެވްރެޖް ރީޓެއިލް އަގު ވަނީ 62.47 ރުޕީސްއަށް އުފުލިފައެވެ. މިއީ ޖުލައި މަހު ހަކުރު ކިލޯއެއް ލިބެން ހުރި 48.18 ރުޕީސްއާ އަޅައި ބަލާއިރު ބޮޑު އިތުރުވުމެކެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓް މަހު ހަކުރު ކިލޯއެއް ލިބެން ހުރީ 46.3 ރުޕީސްއަށެވެ. ހަމައެއާއެކު، ހޯލްސޭލް މާކެޓުގައި 100 ކިލޯގެ ހަކުރު ބަސްތާއެއްގެ އަގު ވަނީ 5،801.29 ރުޕީސްއަށް އުފުލިފައެވެ. މިއީ މިދިޔަ ޖުލައި މަހު ހުރި 4،510.76 ރުޕީސްއަށް ވުރެ ބޮޑު އަދަދެކެވެ.
އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ހަކުރު އިމްޕޯޓް ކުރާ ގައުމެވެ. އެސްޓީއޯ މެދުވެރިކޮށް އެ ގައުމުން އެތެރެކުރާ ހަކުރު ރާއްޖޭގައި ވިއްކަމުން އަންނަނީ ސަބްސިޑީގެ ގޮތުގައި ދައުލަތުން ބޮޑު ހޭދައެއްކޮށްގެންނެވެ. މިއީ ވަކި ތަފާތެއް ނެތި އެންމެންނަށް ލިބޭ ގޮތަށް އޮންނަ ސަބްސިޑީއެކެވެ.

ހަކުރުގެ އަގުތަކަށް އައި މި ބަދަލާއެކު އިންޑިއާގެ އެކި ސްޓޭޓްތަކުގައި ކާބޯތަކެތީގެ އަގުތަކަށް ވަނީ ބަދަލު އައިސްފައެވެ. ގުޖުރާތުގެ އަހުމަދުއާބާދުގައި ސައި ވިއްކާ ފަރާތްތަކުން ވަނީ ސައިތަށީގެ އަގު 10 ރުޕީސްއިން 15 ރުޕީސްއަށް ބޮޑުކޮށްފައެވެ. އަދި ކޮފީތަށީގެ އަގު 15 ރުޕީސްއިން 20 ރުޕީސްއަށް ވަނީ އުފުލިފައެވެ. މީގެ އިތުރުން، ޓެލަންގާނާ ސްޓޭޓުގައި ހަކުރު ކިލޯއެއްގެ އަގު 45 ރުޕީސްއިން 80 ރުޕީސްއަށް އުފުލިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ދުވަހުގެ ހަރަދުތައް ބޮޑުވެ، ކުދި ވިޔަފާރިތަކަށް ވަނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
ހަކުރުގެ އަގު އުފުލުމާ ގުޅިގެން ސިޔާސީ ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
މާހިރުންނާ ހަވާލާދީ އިންޑިއާ ސަރުކާރުން ބުނި ގޮތުގައި، ހަކުރުގެ އަގު އުފުލުމުގެ މައިގަނޑު ސަބަބަކީ "ރެޑް ރޮޓް" ބަލީގެ ސަބަބުން އުއްދަނޑީގެ ދަނޑުތަކަށް ލިބުނު ގެއްލުމެވެ. މި ފަންގަސް ބަލީގެ ސަބަބުން އުއްދަނޑިން ހަކުރު ނެރެވޭ މިންވަރު (ރިކަވަރީ ރޭޓް) ވަނީ 9.7 ޕަސެންޓުން 8.91 ޕަސެންޓަށް ދަށްވެފައެވެ. ސައިންސްވެރިން ބުނާ ގޮތުގައި، މިއީ އުއްދަނޑީގެ އެތެރެއަށް ގެއްލުންދީ، އޭގައި ހުންނަ ފެނާއި މާއްދާތައް ހިކިގެންދާ ބައްޔެކެވެ. މީގެ އިތުރުން، އެލް ނީނޯ މޫސުމީ ބަދަލުތަކުގެ ސަބަބުން އިންޑިއާއަށް ވާރޭވެހުނު މިންވަރު މަދުވުމަކީ ވެސް އުއްދަނޑި ހެއްދުމަށް އެޅުނު ހުރަހެއް ކަމަށް ސަރުކާރުން ފާހަގަކުރިއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ ޖޫން މަހު ކުރިމަތިވި އެލް ނީނޯގެ ސަބަބުން އިންޑިއާގެ ހަކުރު އުފެއްދުން ވަނީ 20 ޕަސެންޓް ދަށްވެފައެވެ.
ހަމައެއާއެކު، މެދުއިރުމަތީގެ މައްސަލަތަކާ ގުޅިގެން ހޮރުމުޒް ކަނޑުއޮޅީގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގު އުފުލި، ދަނޑުވެރިންނަށް ބޭނުންވާ ޑީސަލްއާއި ގަސްކާނާގެ އަގު ބޮޑުވުމަކީ ވެސް ހަކުރުގެ އަގަށް އަސަރުކުރި ކަމެއް ކަމަށް އިންޑިއަން ކައުންސިލް އޮފް އެގްރިކަލްޗަރަލް ރިސާޗް (އައިސީއޭއާރް) އިން ބުނެފައިވެއެވެ.
އައިސީއޭއާރްގެ އިސް ސައިންސްވެރިޔާ ލާލް ސިންގް ގަންގްވާރް ވިދާޅުވި ގޮތުގައި، މިކަމުގެ ސަބަބުން ދަނޑުވެރިންނާއި ހަކުރު އުފައްދާ ކާރުޚާނާތަކުގެ ހަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޔޫނިއަން މިނިސްޓަރު ޕްރަލްހާދު ޖޯޝީ ވިދާޅުވި ގޮތުގައި، ރެޑް ރޮޓް ބައްޔާއި އެލް ނީނޯގެ ސަބަބުން ހަމައެކަނި އިންޑިއާގައި ނޫން ކަމަށާއި، މުޅި ދުނިޔޭގައި ވެސް ދަނޑުވެރިކަމުގެ އުފެއްދުންތައް ވަނީ ދަށްވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އިންޑިއާއަށް އަހަރަކު 280 ލައްކަ ޓަނުގެ ހަކުރު ބޭނުންވާއިރު، މިހާރު ވެސް 20 ލައްކައާއި 25 ލައްކަ ޓަނާ ދެމެދުގެ އަދަދަކަށް އިތުރަށް ހަކުރު އެބަހުއްޓެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އެގޮތުން، މި އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު ސަރުކާރުން ނިންމި ނިންމުމެއްގެ ދަށުން، އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާއިން ހަކުރު އެކްސްޕޯޓުކުރުން ވަނީ މަނާކޮށްފައެވެ. އަދި މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޑިއުޓީއަކާ ނުލައި 10 ލައްކަ ޓަނުގެ ރޯ ހަކުރު އިމްޕޯޓުކުރުމުގެ ހުއްދަ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) އިން ވަނީ ދީފައެވެ. މީގެ އިތުރުން، ހަކުރު ވިއްކާ ވިޔަފާރިވެރިންނަށް ގުދަންކުރެވޭނީ ގިނަވެގެން 400 ޓަނުގެ ހަކުރު ކަމަށާއި، އެ ތަކެތި 30 ދުވަހަށް ވުރެ ގިނަ ދުވަހު ނުބެހެއްޓޭނެ ކަމަށް ވެސް ސަރުކާރުން ވަނީ އަންގައިފައެވެ.