އިންޑިއާގެ ކުރީގެ މަޝްހޫރު އެކްޓަރު ގޯވިންދާގެ އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރާ މީހުންނަށް ޤާނޫނީ އިންޒާރުދީ ބަދަލުގެ ގޮތުގައި 100 ކްރޯޑު ރުޕީސް ހޯދުމަށް ހުށަހަޅާނެކަމަށް ބުނެފިއެވެ.
ގޯވިންދާގެ ކައިވެންޏާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އަލުން ތަފާތު ވާހަކަތަކެއް ދެކެވެން ފަށާފައިވާއިރު މި އިންޒާރު ދީފައި މިވަނީ ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާ ކޯޓަށް ހުށަހަޅާފައިވާ ވަރިވުމުގެ މައްސަލަ އަނބުރާ ގެންގޮސްފައިވާކަން އޭނާގެ މެނޭޖަރު ޝަޝީ ސިންހާ ކަށަވަރުކޮށްދިންތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.
އޭއެންއައި ރިޕޯޓްގައިވާ ގޮތުން، ގޯވިންދާގެ ފަރާތުން ނެރުނު އާންމު ނޯޓިސްގައި، އޭނާއާއި އޭނާގެ އާއިލާއާ ގުޅޭގޮތުން އެއްވެސް ކަހަލަ ދޮގު، އަބުރަށް ހުތުރުވާފަދަ، ހަގީގަތާ ހިލާފު ނުވަތަ ކަށަވަރުނުވާ މައުލޫމާތެއް އުފެއްދުމާއި، ޝާއިއުކުރުމާއި، ސޯޝަލް މީޑިއާއަށް އަޕްލޯޑްކުރުމާއި، އަދި އެފަދަ ތަކެތި ފެތުރުމުން ދުރުހެލިވުމަށް އާންމުންނަށާއި މީޑިއާ އިދާރާތަކަށް ވަނީ އަންގާފައެވެ.

ބަތަލާ ރާނީ ސްވަރްނަކަރްއާ ގޯވިންދާއާ އެކު އަދި ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާ--ފޮޓޯ/އިންޑިއާޓުޑޭ
މި ނޯޓިސްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި އެހެނިހެން ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ އަމަލުތަކަށް ވަކިން ހާއްސަ ސަމާލުކަމެއް ދީފައިވެއެވެ.
އެގޮތުން، ހުއްދަނެތި ގޯވިންދާގެ ފޮޓޯ އާއި ވީޑިއޯ އަދި އޯޑިއޯ ރެކޯޑިންގް އާއި އެޑިޓްކޮށްފައިވާ ފޮޓޯތަކާއި ޑީޕްފޭކް ނުވަތަ އޭއައި ބޭނުންކޮށްގެން އުފައްދާ އެނޫންވެސް ތަކެތި އުފެއްދުމާއި ދައުރުކުރުމާ ދެކޮޅަށް ވަނީ އިންޒާރު ދީފައެވެ. އަދި އޭނާގެ އަޑާއި، ފޮޓޯއާއި، އަމިއްލަ ވަނަވަރާއި، އާއިލީ ދިރިއުޅުމާ ގުޅޭ އެއްވެސް މައުލޫމާތެއް އޭއައި މެދުވެރިކޮށް ބޭނުންކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައިނުވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ގޯވިންދާގެ ގާނޫނީ ޓީމުން ބުނިގޮތުގައި، އަބުރަށް އަރައިގަތުމާއި، އަމިއްލަ ދިރިއުޅުމަށް ނުފޫޒު ފޯރުވުމާއި، އައިޑެންޓިޓީ ނަހަމަ ގޮތުގައި ބޭނުންކުރުމާއި، އަދި ސައިބާ ކްރައިމްގެ މައްސަލަތަކުގައި ކަމާބެހޭ ގާނޫނުތަކުގެ ދަށުން މަދަނީ އަދި ޖިނާއީ ދައުވާ ކުރާނެއެވެ.
އަދި މިފަދަ މައްސަލަތަކުގައި 100 ކްރޯޑް ރުޕީސްއާ ހަމައަށް ބަދަލު ހޯދުމަށް ހުށަހެޅިދާނެ ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ ދެކޮޅަށް ކޯޓު އަމުރު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
ގޯވިންދާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އެނބުރި އެކްޓިންގް ދާއިރާއާ ގުޅޭ ފިލްމު "ރޫޕާ"އިންނެވެ. މި ފިލްމުން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ ޒުވާން ބަތަލާ ރާނީ ސްވަރްނަކަރްއާ ގޯވިންދާއާ ދެމެދު ސިއްރު ލޯބީގެ ގުޅުމެއް އޮންނަކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފައެވެ.