ސ. ފޭދޫ ސުކޫލުގައި ކެޑޭޓު ކޭމްޕުގައި އުޅެނިކޮށް ކާނާ ވިހަވެގެން ފަރުވާއަށް ގެންދިޔަ 30އަށްވުރެ ގިނަ ކުދިންގެ ތެރެއިން 15 ކުއްޖަކަށް އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މިރޭ ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލުތަކުގައި ކެޑޭޓާއި އެހެނިހެން ޔުނިފޯމް ހަރަކާތްތަކުގެ ކޭމްޕްތައް އަންނަނީ ބާއްވަމުންނެވެ. އޭގެ ތެރެއިން ފޭދޫ ސްކޫލުގައި ބޭއްވި ކޭމްޕުގައި ބައެއް ކުދިންގެ ފަރާތުން ވަނީ ހޮޑުލުމާއި ބޭރަށްހިންގުމުގެ އަލާމާތްތައް ފެނިފައެވެ.
މި ނޫހަށް ފުރަތަމަ މައުލޫމާތު ލިބުނު ގޮތުގައި، ބަލީގެ އަލާމާތްތައް ފެނުނު 31 ކުދިން، އައްޑޫގެ ސިއްހީ ޚިދުމަތްދޭ އެކި ތަންތަނުގައި އެޑުމިޓުކުރިއެވެ. އެއީ، ފޭދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނާއި މަރަދޫ ސިއްހީ މަރުކަޒުގައި 12 ކުދިންގެ އިތުރުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ހަތް ކުދިންނެވެ.
'ސަން'އިން ސުވާލުކުރުމުން އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުން މިރޭ ވަނީ، އެ ކުދިން ކާނާ ވިހަވިކަން ޔަގީންކޮށްދީފައެވެ. ނަމަވެސް، އެއީ ކޮން އެއްޗެއް ކައިގެންކަން ޔަގީންވާނީ، މިހާރު ހަދާފައިވާ ޓެސްޓުގެ ނަތީޖާ ލިބުމުން ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ފުރަތަމަ ގެނައި ހަތް ކުދިންގެ އިތުރުން ހަތަރު ކުއްޖަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުންޏެވެ. އެއީ، ފޭދޫ ސުކޫލުން ގެންދިޔަ ތިން ކުދިންނާއި މަރަދޫ ސިއްހީ މަރުކަޒުން ބަދަލުކުރި ކުއްޖެކެވެ.
އެ ހޮސްޕިޓަލުން ބުނީ، ފޭދޫ ސިއްހީ މަރުކަޒުގައި އެޑުމިޓުކުރި ހުރިހާ ކުދިން ދޫކޮށްލާފައިވާ ކަމަށާއި އޭއީއެޗްގައި ފަރުވާ ދިން ދެ ކުއްޖަކާއި މަރަދޫ ހެލްތު ސެންޓަރުގައި ފަރުވާދިން ފަސް ކުއްޖަކު ދޫކޮށްލާފައިވާ ކަމަށެވެ.
އެހެންވެ، މިހާރު ފަރުވާ ދެމުން އަންނަނީ އޭއީއެޗްގައި ނުވަ ކުއްޖަކަށާއި، މަރަދޫ ހެލްތު ސެންޓަރުގައި ހަ ކުއްޖަކަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
"ސަން"އަށް މައުލޫމާތު ދިން ބެލެނިވެރިއަކު ބުނި ގޮތުގައި، މި ހާދިސާގައި ބަލިވެގެން ފަރުވާ ދެމުން އަންނަނީ ފޭދޫ ސްކޫލުގެ ގްރޭޑް ހަތެއް އަދި އަށެއްގެ ދަރިވަރުންތަކަކަށެވެ.