މީރާއަށް 2.8 މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ނިންމައި، މެދުފުށީގެ މައްސަލަ ބާތިލުކޮށްފި

މެދުފުށި: މީރާއަށް 2.8 މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ނިންމައި، މެދުފުށީގެ މައްސަލަ ވަނީ ބާތިލުކޮށްފައި --

ޖީއެސްޓީ އާއި އޭގެ ޖޫރިމަނާގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް 50,950 ރުފިޔާ އާއި 2.8 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ނިންމައި، އެ ކުންފުނީގެ ފަރާތުން ހުށަހެޅި މައްސަލަ ހައިކޯޓުން ބާތިލުކޮށްފިއެވެ.

މީރާއިން ދައުވާކުރީ މެދުފުށި އިންވެސްޓްމަންޓުން ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ އާއި އޭގެ ޖޫރިމަނާ ފައިސާ ހޯދުމަށެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ 50,950 ރުފިޔާއާއި 2,819,181.56 އެމެރިކާ ޑޮލަރު މީރާއަށް ދައްކައި ޚަލާޞްކުރުމަށެވެ.

ސިވިލް ކޯޓުގެ މި ނިންމުން މެދުފުށި އިންވެސްޓްމަންޓުން ހައިކޯޓުގައި އިސްތިއުނާފުކުރީ، އެ ކޯޓުން ގާނޫނު ތަތުބީގުކޮށްފައިވަނީ އިޖުރާއީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެއެވެ.

ނަމަވެސް، މީރާގެ ފަރާތުން އިޖުރާއީ އިޢުތިރާޟެއް ހުށަހަޅައި ބުނެފައިވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ކ) ގައި، އެ މާއްދާގެ ދަށުން ދައްކަންޖެހޭ ފައިސާ ހޯދުމަށް ކޯޓުން ކުރާ ނިންމުމަކީ ތަންފީޒީ ބާރު ހިނގާނެ އެންމެ ފަހުގެ ނިންމުން ކަމަށާއި، މަތީ މަރުޙަލާގެ ކޯޓެއްގައި އެ ނިންމުން އިސްތިއުނާފު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

މި މައްސަލައަކީ ހައިކޯޓަށް ބެލުމުގެ އިޚްތިޞާޞް އޮތް މައްސަލައެއް ނޫން ކަމަށް ބުނެ، މައްސަލަ ބާތިލުކޮށްދިނުމަށް މީރާއިން އެދުނެވެ.

މި މައްސަލައިގައި ހައިކޯޓުން ނިންމީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ސާފުކޮށް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާތީ، އިޖުރާއީ ނުކުތާތަކެއް ހުރުމަކުން އެކަނި އިސްތިއުނާފީ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންނުވާ ކަމަށެވެ.

އެހެންކަމުން، ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ މީރާގެ އިޖުރާއީ އިޢުތިރާޟު ޤަބޫލުކޮށް، މެދުފުށި އިންވެސްޓްމަންޓުން ހުށަހެޅި އިސްތިއުނާފީ މައްސަލަ ބާޠިލުކޮށްފައެވެ.

މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޙުސައިން މަޒީދު އަދި ފަނޑިޔާރު ފާޠިމަތު ފަރްހީޒާއެވެ.

comment ކޮމެންޓް