އިހުސާންގެ އިންޒާރެއް: ބޮޑުއަގުގައި ޑޮލަރު މާރުކުރުމަކީ މަނީލޯންޑާކުރުން، ގާނޫނު އަރައިހަމަކުރާނެ!

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިޙްސާން -- ފޮޓޯ: ރައީސް އޮފިސް

ގާނޫނާއި ގަވާއިދާ ޚިލާފަށް ހުއްދަ ނުނަގައި ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު މާރުކުރުމަކީ ޖިނާއީ ކުށެއް ކަމަށާއި، އެފަދަ ފަރާތްތަކާ ދެކޮޅަށް ގާނޫނު ތަންފީޒުކުރަން ފަށާފައިވާ ކަމުގެ އިންޒާރު ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިޙްސާން ދެއްވައިފިއެވެ.

ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލައާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، ރާއްޖޭގައި ހުއްދަ ނުނަގައި ޑޮލަރު މާރުކުރުމަކީ ގިނަ ބަޔަކު އާދައިގެ ކަމެއްގެ ގޮތުގައި ދެކެމުން އައި ނަމަވެސް އެއީ ރާއްޖޭގެ ގާނޫނުގައި ސީދާ ޖިނާއީ ކުށެއް ކަމަށެވެ.

އަދި މި ކަމުގެ ތެރޭގައި ވަކިވަކި ފަރުދުންވެސް ހިމެނޭކަން ފާހަގަކުރެއްވިއެވެ.

"މިސާލަކަށް އަޅުގަނޑަށް މުސާރަ ލިބެނީ ޑޮލަރުން. އަޅުގަނޑު އަނެއްކާ ކަޅުބާޒާރަށް މި ޑޮލަރު ވިއްކަނީ. އެއީ ހުއްދަ ނުނަގާ މަނީ ޗޭންޖްކުރުން. އެހެންވީމަ ނޭނގި ތިބެގެން ނަމަވެސް މިފަދަ ޖިނާއީ ކުށްތަކުގެ ތެރެއަށް ނުވަނުމަށް ހުރިހާ ބޭފުޅުންނަށް ވެސް އިލްތިމާސްކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ބޭރު ފައިސާ މާރުކުރަންވާނީ އެކަމުގެ ހުއްދަ އޮންނަ ލައިސެންސް ލިބިފައިވާ ތަންތަނުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓުގައި ކަމަށެވެ.

އަދި ހުއްދަ އޮންނަ މަނީ އެކްސްޗޭންޖްތަކުން ވެސް ކަނޑައެޅިފައިވާ ރޭޓަށްވުރެ ބޮޑުކޮށް މުއާމަލާތްކުރާނަމަ، އެމްއެމްއޭގެ ގަވާއިދުގެ ދަށުން ކޮންމެ މުއާމަލާތަކަށް އެވްރެޖްކޮށް ފަސް ލައްކަ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އުސޫލުތައް ގާނޫނުގައި އެބަހުރި ކަމަށް ވިދާޅުވިއެވެ.

https://sun.mv/226254

މީގެ އިތުރުން، ފާއިތުވި ޒަމާންތަކުގައި މި ގާނޫނުތައް ތަންފީޒު ނުކުރެވި އޮތުމަކީ އެއީ ދާއިމަށް އޮންނާނެ ސަގާފަތެއް ނޫން ކަމަށާއި، މިހާރު މި ގާނޫނުތައް ތަންފީޒުކުރަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މިފަދައިން ފިޔަވަޅު އަޅަން ފެށީ ޑޮލަރުގެ މާކެޓް އާދައިގެ ބާޒާރުގެ އުސޫލުތަކުން ބޭރުން މެނިޕިއުލޭޓްކޮށް، ސިޔާސީ ބަޔަކު މިކަމުގެ ތެރެއަށް ވަދެ މަންފާ ހޯދަން އުޅޭކަން ފާހަގަކުރެވިފައިވާތީ ކަމަށް ވެސް މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.

comment ކޮމެންޓް