ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރު އަދި މަޝްޙޫރު ޢިލްމުވެރިޔާ، ޑރ. ޙަސަން ޙަމީދު ގިނިކަންޏާ ގިނަ ވަގުތުތަކެއް ހޭދަކުރައްވައިގެން އެކުލަވައިލައްވައި ނެރުއްވި އިނގިރޭސި - ދިވެހި ބަސްފޮތަކީ ދިވެހި ބަހަށާއި އަދަބިއްޔާތަށް ލިބުނު ވަރަށް އަގުހުރި ޚަޒާނާއެއް ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ގައުމީ ޔުނިވަސިޓީގެ މަރުކަޒީ އިދާރާގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ބަސްފޮތް ރަސްމީކޮށް ނެރުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫންގެ ވާހަކަފުޅުގައި ވަނީ، މާޒީގައި މަލިން މޫސާ މާފަތްކަލޭގެފާނު ނެރުއްވި 'އަލްއިސްޢާފް' ފަދަ ޢަރަބި-ދިވެހި ބަސްފޮތްތަކުން ދައްކުވައިދެނީ ދިވެހި ޢިލްމުވެރިން ކުރީއްސުރެ ބަހުގެ މަސައްކަތްތަކަށް ދެއްވި އަހައްމިއްޔަތުކަން ކަމުގައި ފާހަގަކުރައްވައިފައެވެ.
އިނގިރޭސި-ދިވެހި ބަސް ފޮތް: އެއީ މިހާތަނަށް ރާއްޖޭގައި ނެރުނު އެންމެ ބޮޑު ފޮތް -- ސަން ފޮޓޯ/ ހުސައިން ހާފިޒްއަދި ދުނިޔޭގެ ތާރީޚުގައި މެސޮޕޮޓޭމިއާ ޒަމާނުން ފެށިގެން ބަސްފޮތްތަކަކީ ޢިލްމާއި ޙަޟާރަތް ކުރިއެރުވުމަށް ބޭނުންކުރެވުނު މުހިންމު ވަސީލަތެއްކަން ފާހަގަކުރައްވައި، ޑރ. ޙަސަން ޙަމީދުގެ މި މަސައްކަތްޕުޅަކީ ވެސް އެފަދަ ތާރީޚީ އަދި ނަމޫނާ ޢިލްމީ މަސައްކަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ބަސްފޮތެއް އެކުލަވައިލުމަކީ ކުޑަ ދުވަސްކޮޅަކުން ނުވަތަ އަހަރަކުން ދެ އަހަރަކުން ވާނޭ ކަމެއް ނޫން ކަމަށާއި، އެއީ އިންތިހާއަށް ކަވި އަދި ބުރަ މަސައްކަތެއްކަން ފާހަގަކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ، ޑރ. ޙަސަން ޙަމީދަކީ ހަމައެކަނި ނަމެއްގައި ޑޮކްޓަރެއް ނޫން ކަމަށާއި، އެއީ އަމަލީ ގޮތުން ބޮޑެތި ޢިލްމީ މަސައްކަތްތައް ކުރައްވާ ހަގީގީ ޢިލްމުވެރިއެއް ކަމަށެވެ.
"ބަސްފޮތެއް އެކުލަވައިލުމަކީ ކުޑަ ދުވަސްކޮޅަކުން ވާނޭ ކަމެއް ނޫން. މިއީ ގިނަ ވަގުތުތަކެއް ހޭދަވާ ވަރަށް ކަވި އަދި ބުރަ މަސައްކަތެއް. ޑރ. ޙަސަން ޙަމީދަކީ ހަމައެކަނި ނަމެއްގައި ޑޮކްޓަރެއް ނޫން. އެއީ ވަރަށް ހީވާގި އަމަލީ ގޮތުން ޢިލްމީ ބޮޑެތި މަސައްކަތްތައް ކުރައްވާ އަދި މިހާރުވެސް ކުރައްވަމުންގެންދަވާ މަޝްހޫރު ޢިލްމުވެރިއެއް." މައުމޫން ވިދާޅުވިއެވެ.
އެގޮތުން ޑރ. ޙަސަން ޙަމީދު 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވައި، 2015 އިން 2023 އަށް ގައުމީ ޔުނިވަސިޓީގެ ޗާންސެލަރުކަން ކުރެއްވިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ތަޢުލީމާއި ދިވެހި ބަހާއި ސައިންސަށް ކުރެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ގައުމީ ޔުނިވަސިޓީން އޭނާއަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދީފައިވާކަން ވެސް މައުމޫން ފާހަގަކުރައްވާފައިވެއެވެ.
މިއަދު ނެރުނު މި ބަސްފޮތަކީ 1،992 ޞަފުޙާގެ މައްޗަށް އެކުލެވިގެންވާ، 120،000 އަށްވުރެ ގިނަ ލަފުޒު ހިމެނޭ، ރާއްޖޭގައި މިހާތަނަށް ނެރުނު މިފަދަ އެންމެ ބޮޑު އެއް ފޮތްކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ، މިއަދުގެ ދުނިޔޭގައި އިނގިރޭސި ބަހަކީ ސައިންސާއި ޓެކްނޮލޮޖީގެ އިތުރުން ބައިނަލްއަގްވާމީ މުޢާމަލާތްތަކުގެ މައިގަނޑު ބަސް ކަމަށެވެ.
މިއީ އިނގިރޭސި ބަހުގެ މުއްސަނދިކަން ދިވެހި ބަހުގެ ތެރެއިން ދެނެގަތުމަށް ދަރިވަރުންނަށާއި، ލިޔުންތެރިންނަށާއި، ތަރުޖަމާނުންނަށް ލިބުނު ވަރަށް މުހިންމު ފާލަމެއްގެ ގޮތުގައި މައުމޫން ވަނީ ސިފަކުރައްވާފައެވެ.
މައުމޫން ވަނީ ރާއްޖޭގައި އިނގިރޭސި ބަސް ބޭނުންކުރުން އާންމުވަމުންދާތީ މާދަރީ ބަސް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކުދިންނަށް އެންމެ ފުރަތަމަ ދިވެހި ބަސް ދަސްކޮށްދިނުމަށާއި ބަހުގެ ކުށްތައް އިޞްލާޙުކުރުމަށް ރައީސް މައުމޫން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮންމެ ގައުމެއްގެ ވެސް ބަހަކީ އެ ބައެއްގެ ޝަޚްސިއްޔަތާއި ވަނަވަރާއި ސަގާފަތް ހާމަކޮށްދޭ އެންމެ މުހިންމު ވަސީލަތް ކަމަށްވާތީ، ދިވެހި ބަހަށް ލޯބިކޮށް، ބަހަށް ޚިދުމަތް ކުރުމުގައި އެންމެން އެކުގައި މަސައްކަތްކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.
ޑރ. ޙަސަން ޙަމީދު ލިޔުއްވި މި ބަސްފޮތުގެ ބަރުދަނުގައި 2.1 ކިލޯ ހުރެއެވެ. އަދި މި ފޮތް ނެރެ އާންމުންނަށް ހުޅުވާލުމާއި އެކު އެ ވަގުތު ވެސް ގިނަ އަދަދެއްގެ ފޮތް ވަނީ ވިކިފައެވެ.