ޔޫޓިއުބާ ވާދަކުރުމަށް ޗައިނާގެ ބިލިބިލީ މުޅި ދުނިޔެއަށް ފުޅާކުރަނީ

ބިލިބިލީގެ ބައިނަލްއަގުވާމީ ވާޝަން ވަކިކޮށް ދެނެގަތުމަށްޓަކައި އެޕްގެ އައިކަން ފަރުމާކޮށްފައިވަނީ ފިޔާތޮށި (ޕިންކް) ކުލައިގައި ----

ޗައިނާގައި ޔޫޓިއުބްގެ ބަދަލުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ވީޑިއޯ ޕްލެޓްފޯމް ކަމަށްވާ ބިލިބިލީ މުޅި ދުނިޔެއަށް ފުޅާކުރުމަށް ނިންމައިފިއެވެ.

ބިލިބިލީ އިން އެ ކުންފުނީގެ ޚިދުމަތްތައް ބައިނަލްއަގުވާމީ މާކެޓަށް ފުޅާކުރުމަށްޓަކައި ޚާއްސަ މޯބައިލް އެޕެއް ނެރެފައިވާއިރު، މި އެޕް މިހާރު އެންޑްރޮއިޑް ޑިވައިސްތަކުން ލިބެން ހުރިއިރު، ވަރަށް އަވަހަށް އައިއޯއެސް (އައިފޯން) އަށް ވެސް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި އައު އެޕްލިކޭޝަނާ އެކު، ބައިނަލްއަގުވާމީ ބެލުންތެރިންނަށް އެ ޕްލެޓްފޯމް ބޭނުންކުރުމުގައި ކުރިން ދިމާވި އެންމެ ބޮޑު ހުރަސް ކަމަށްވާ، ޕާސްޕޯޓް ނުވަތަ އައިޑީ ކާޑު ހުށަހަޅައިގެން އައިޑެންޓިޓީ ވެރިފައިކުރަން ޖެހޭ ހަރުކަށި އުސޫލު ވަނީ އުވާލާފައެވެ.

މީގެ އިތުރުން މަގުބޫލު ކްރިއޭޓަރުންގެ ކޮންޓެންޓް ފަސޭހައިން ބަލާލެވޭނެ ގޮތަށް އިނގިރޭސި ބަހުން ޚާއްސަ ވެބްސައިޓެއް އެކުލަވާލުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

ބައިނަލްއަގުވާމީ ވާޝަން ވަކިކޮށް ދެނެގަތުމަށްޓަކައި އެޕްގެ އައިކަން ފަރުމާކޮށްފައިވަނީ ފިޔާތޮށި (ޕިންކް) ކުލައިގައެވެ. އަދި އައިކަންގެ މަތީ ކަނުގައި ކުޑަ ދުނިޔޭގެ ބައްޓަމެއް (ގްލޯބް އައިކަންއެއް) ހިމަނާފައިވެއެވެ.

މި ޕްލެޓްފޯމް ފުޅާކުރުމުގެ ގޮތުން ލޮސް އެންޖެލިސް، ލަންޑަން، މެކްސިކޯ ސިޓީ، ސައޮ ޕައުލޯ، އިސްތަންބޫލް އަދި ޓޯކިޔޯ ފަދަ ދުނިޔޭގެ މުހިންމު ސިޓީތަކުން ކޮމިއުނިޓީ މެނޭޖަރުން ހޯދުމުގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ކޮންޓެންޓް މޮޑަރޭޓްކުރާ ނިޒާމުތައް ތަރައްގީކުރުމަށް ސިންގަޕޫރުން މުވައްޒަފުން ހޯދުމުގެ މަސައްކަތް ލިންކްޑްއިން މެދުވެރިކޮށް ދަނީ ކުރަމުންނެވެ.

ކުންފުނީގެ ރަސްމީ އެކްސް އެކައުންޓުން މިކަން ކަށަވަރުކޮށްދެމުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާ ވާޝަނާއި ގްލޯބަލް ވާޝަނުގައި ވެސް ހުންނާނީ އެއް ކޮންޓެންޓެކެވެ. ނަމަވެސް ބައިނަލްއަގުވާމީ ވާޝަނަކީ ބޭރުގެ ފަރާތްތަކަށް ފަސޭހައިން ސައިންއަޕް ވެވޭނެ އަދި ލޯކަލައިޒޭޝަން ފުރިހަމަކޮށް ފަރުމާކުރެވިފައިވާ ވާޝަނެކެވެ.

މަހަކު 376 މިލިއަނަށް ވުރެ ގިނަ އެކްޓިވް ޔޫޒަރުން ބޭނުންކުރާ ބިލިބިލީން ދަނީ މިސްޓަ ބީސްޓް ފަދަ ދުނިޔޭގެ މަޝްހޫރު ޔޫޓިއުބަރުންނާއި އިންފްލުއެންސަރުން އެ ޕްލެޓްފޯމަށް ގެނައުމަށް ބާރުއަޅަމުންނެވެ. މީގެ އިތުރުން ކްރިއޭޓަރުންނަށް އާމްދަނީ އިތުރުކުރެވޭނެ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ޑިސްކޯޑް ސާވަރެއް ހަދައި، ޒުވާން، ތައުލީމީ އަދި ތަނަވަސް ޖީލަކާ ގުޅުވައިދޭނެ އެންމެ އެކަށީގެންވާ ޕްލެޓްފޯމަކީ ބިލިބިލީ ކަމަށް ބުނެ ކްރިއޭޓަރުންނަށް މައުލޫމާތު ދަނީ ފޯރުކޮށްދެމުންނެވެ.

2009 ވަނަ އަހަރު އުފެއްދި ބިލިބިލީ އަކީ ފުރަތަމަ އެނިމޭ، ކޮމިކްސް އަދި ގޭމިން (އޭޖީޖީ) ކޮންޓެންޓަށް ޚާއްސަވެގެން ފެށި ނަމަވެސް، ފަހުން ޗައިނާގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ވީޑިއޯ ޕްލެޓްފޯމަށް ބަދަލުވި ވެބްސައިޓެކެވެ.

ޗައިނާގައި ޔޫޓިއުބް ބްލޮކްކޮށްފައި އޮންނާތީ، ވީޑިއޯ މެދުވެރިކޮށް މައުލޫމާތާއި މުނިފޫހިފިލުވުން ފޯރުކޮށްދިނުމުގައި ބޮޑު ކުރިއެރުމެއް ހޯދައި، އެމެރިކާގެ ނަސްޑެކް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ މި ކުންފުންޏަކީ މިހާރު ޗައިނާގެ ޑިޖިޓަލް މީޑިއާގައި ބޮޑު ނުފޫޒެއް އޮތް ކުންފުންޏެކެވެ.

ދުނިޔޭގެ މާކެޓަށް މި ޕްލެޓްފޯމް ފުޅާކުރަން ފެށުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ގޫގުލްގެ ޔޫޓިއުބާ ސީދާ ވާދަކުރުމަށް ޗައިނާގެ ޓެކް ކުންފުންޏަކުން އެޅި ވަރަށް ބޮޑު ފިޔަވަޅެކެވެ.

comment ކޮމެންޓް