އެވަގްރޭންޑްގެ ބާނީ އުމުރަށް ޖަލަށްލައި، ހުރިހާ މުދަލެއް ޗައިނާގެ ދައުލަތަށް ނަގައިފި

ޗައިނާގެ ޕްރޮޕަޓީ މާކެޓް އިނދަޖެހުމުގެ މައިގަނޑު ސަބަބު ކަމަށްވާ "އެވަގްރޭންޑް" ކުންފުނީގެ ބާނީ ހުއި ކާ ޔަން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށް، އޭނާގެ އަމިއްލަ ހުރިހާ މުދަލެއް ދައުލަތަށް ނެގުމަށް އަމުރުކޮށްފިއެވެ.

ދައުލަތުގެ މީޑިއާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޝެންޒެން އިންޓަމީޑިއޭޓް ޕީޕަލްސް ކޯޓުން ވަނީ އެވަގްރޭންޑް ގްރޫޕް 8.82 ބިލިއަން ޔުއާން (960 މިލިއަން ޕައުންޑް ނުވަތަ 1.31 ބިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން، އެ ކުންފުނީގެ ރިއަލް އެސްޓޭޓް ގޮފި ހަތް ބިލިއަން ޔުއާން އިން ޖޫރިމަނާކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހުއިގެ މައްޗަށް އިއްވި މި ހުކުމަކީ، ޗައިނާގެ ޕްރޮޕަޓީ ދާއިރާއަށް ބޮޑު ލޮޅުމެއް ގެނުވައި، އިންވެސްޓަރުންނާއި އެ ގައުމުގެ ބޭންކުތަކަށް ބޮޑެތި ގެއްލުންތަކެއް ކުރި އެވަގްރޭންޑްގެ ވެއްޓުމުގައި އައި މުހިންމު ނިންމުމެކެވެ.

މިދިޔަ އޭޕްރީލް މަހު ހުއި ވަނީ އޭނާގެ މައްޗަށް އުފުލި ގިނަ ދައުވާތަކަކަށް އިއުތިރާފުވެފައެވެ. އޭގެ ތެރޭގައި ކުންފުނީގެ މުދަލަށް ޚިޔާނާތްތެރިވުމާއި ކޯޕަރޭޓް ރިޝްވަތު ދިނުމުގެ ކުށް ހިމެނެއެވެ. ކޯޓުގައި ހާމަވި ގޮތުގައި، ގެދޮރު ގަންނަން ބޭނުންވި ފަރާތްތަކުން ޕްރީ-ސޭލްގެ ގޮތުގައި ދެއްކި އެތައް މިލިއަން ޑޮލަރެއް އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރުމުގެ ބަދަލުގައި، އެ ފައިސާ ވަނީ އާ ޕްރޮޕަޓީތައް ތަރައްގީކުރުމަށް އަނބުރާލާފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނުނިމި ހުރި އެތައް ސަތޭކަ ޕްރޮޖެކްޓެއް ވަނީ ހުއްޓިފައެވެ.

ޝޫ ޖިއާޔިންގެ ނަމުން ވެސް ނަންދެވިފައިވާ ހުއި އަކީ ޗައިނާގެ ރަށްފުށުގެ ފަގީރު އާއިލާއަކަށް އުފަންވެ، މާމަގެ ގާތުގައި ބޮޑުވި މީހެކެވެ. އޭނާ ޕްރޮޕަޓީ ތަރައްގީކުރުމުގެ ދާއިރާއަށް ވަދެ، 1996 ވަނަ އަހަރު އެވަގްރޭންޑް އުފެއްދިއެވެ. ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެން ކުންފުނި ފުޅާކުރުމަށް އޭނާ ގެންގުޅުނު ހަރުކަށި ސިޔާސަތުގެ ދަށުން، އެވަގްރޭންޑް ވެގެންދިޔައީ ޗައިނާގެ އެންމެ ބޮޑު ރިއަލް އެސްޓޭޓް ޑިވެލޮޕަރަށެވެ. އެ ކުންފުނީގެ ސްޓޮކް މާކެޓް އަގު 50 ބިލިއަން ޑޮލަރު (36.7 ބިލިއަން ޕައުންޑް) އަށް ވުރެ މައްޗަށް އެރިއިރު، ހުއި އަކީ އޭޝިއާގެ އެންމެ މުއްސަނދި މީހާ ކަމަށް ވެސް އެއް ދުވަސްވަރެއްގައި އަންދާޒާކުރެވުނެވެ.

ނަމަވެސް، ޗައިނާގެ ޕްރޮޕަޓީ ދާއިރާގެ ދަރަނި ކޮންޓްރޯލްކުރުމަށް 2020 ވަނަ އަހަރު ބެއިޖިންގް އިން އެޅި ފިޔަވަޅުތަކާ ގުޅިގެން އެ ކުންފުންޏަށް ބޮޑު ހީނަރުކަމެއް އައެވެ. ކުންފުނި ސަލާމަތްކުރުމަށްޓަކައި ބޮޑެތި ޑިސްކައުންޓްތަކުގައި ޕްރޮޕަޓީތައް ވިއްކަން މަޖުބޫރުވުމަށްފަހު، 2021 ވަނަ އަހަރު އެވަގްރޭންޑް ވަނީ އިނދަޖެހިފައެވެ.

މީގެ ކުރިން، ކުންފުނީގެ އާމްދަނީ 78 ބިލިއަން ޑޮލަރުން އިތުރުކޮށް ދައްކާފައިވާތީ، 2024 ވަނަ އަހަރުގެ މާޗް މަހު ހުއި ވަނީ 6.5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ޗައިނާގެ ކެޕިޓަލް މާކެޓުން އުމުރަށް މަނާކޮށްފައެވެ. އެވަގްރޭންޑްގެ ސްޓޮކް މާކެޓް އަގު 99 އިންސައްތަ ދަށަށް ދިއުމަށްފަހު، 15 އަހަރަށް ވުރެ ގިނަ ދުވަހު ވިޔަފާރިކުރުމަށްފަހު 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ހޮންގްކޮންގް އެކްސްޗޭންޖުން އެ ކުންފުނީގެ ހިއްސާ ވަނީ އުނިކޮށްފައެވެ.

އެވަގްރޭންޑް އިނދަޖެހުމަކީ ޗައިނާގެ މުޅި ޕްރޮޕަޓީ މާކެޓަށް އައި ބޮޑު ހީނަރުކަމުގެ ފެށުން ކަމަށް ތުހުމަތުކުރެވޭއިރު، އޭގެ ސަބަބުން އެ ގައުމުގެ އިގުތިސާދަށް އަދިވެސް ދަނީ ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ.

comment ކޮމެންޓް