އިއްޔެއަކީ ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު ދުވަހެކެވެ. މާލެ އާއި ވިލިމާލެ ގުޅުވައިދޭ ބްރިޖުގެ ސުޕަސްޓްރަކްޗާގެ އެންމެ ފަހު ސެގްމަންޓް ކާމިޔާބުކަމާއެކު ބަހައްޓައި، މާލެ އާއި ވިލިމާލެ ކަނޑުމަގުން ގުޅާލައިފިއެވެ.
އިންޖިނިއަރުންނާއި މަސައްކަތްތެރިން އަދި ޕްލޭނަރުން އެތައް އަހަރެއް ވަންދެން ކުރި މަސައްކަތް ހަގީގަތަކަށްވެ، ކަނޑުގެ ލޮނުގަނޑުގެ މަތިން ދަގަނޑާއި ކޮންކްރީޓް އެކުވެގެން އުފެދުނު މި ބިޔަ އޮނިގަނޑު މިއަދު ފެންނަން އެހެރީ އެތައް ބަޔަކު ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ހަދައިދެމުންނެވެ.
ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ) ނުވަތަ "ތިލަމާލެ ބްރިޖު" މަޝްރޫއަކީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ.
ތިލަމާލެ ބްރިޖުގެ މާލެ ވިލިމާލެ ސުޕަސްޓްރަކްޗާ ނިންމަން އެންމެ ފަހު ސެގްމަންޓު ހަރުކުރަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ
އިންޑިއާގެ 500 މިލިއަން ޑޮލަރުގެ މާލީ އެހީ، ހިލޭ އެހީ އާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި މަޝްރޫއަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި 6.74 ކިލޯމީޓަރުގެ ބްރިޖާއި ކޯޒްވޭގެ ވިއުގައަކުން ގުޅާލުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ. މާލެ-ވިލިމާލެ ސެކްޝަންގެ ސުޕަސްޓްރަކްޗާގެ މަސައްކަތް ނިމުމަކީ މި މަޝްރޫއުގެ އެންމެ އުނދަގޫ އަދި އެންމެ މުހިންމު އެއް މަރުހަލާ ފުރިހަމަވުމެވެ.
ތާރު އެޅުމާއި، ރެއިލިން ހަރުކުރުމާއި ހިނގާ ސަރަހައްދުތައް ހެދުމުގެ ފިނިޝިން މަސައްކަތްތަކުގެ އިތުރުން ގުޅީފަޅާއި ތިލަފުށީގެ ގުޅުމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް، މިއަދު ފެންނަން މިހުރީ މި ބިޔަ ބިނާގެ އެންމެ އަސާސީ ބަޔެވެ.
ހާމަވަނީ އިންޑިއާ ރާއްޖެ ގުޅުމުގައި އޮތް ބަދަހިކަން
މި ކާމިޔާބީއަކީ ހަމައެކަނި އިންޖިނިއަރިންގެ ކާމިޔާބީއެއް ނޫނެވެ. މިއީ އިތުބާރުގެ ވެސް ރަމްޒެކެވެ. ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ތަރައްގީގެ ބައިވެރިންނާ މެދު އުފެދުނު ބަހުސްތަކާއި، ވެވޭ ވައުދުތައް ފުއްދުމާ މެދު އުފެދުނު ސުވާލުތަކަށް މި މަޝްރޫއިން މި ދެނީ ވަރުގަދަ ޖަވާބެކެވެ. އެއީ އިންޑިއާ އިން މަސައްކަތް ފެށި ކަމާއި، އެ މަސައްކަތް ނިންމައި އޮނިގަނޑު ކޮޅަށް ނަގައިދިން ކަމުގެ ހަގީގަތެވެ. ރާއްޖޭގެ ވެރިކަމަށް އައި ކޮންމެ ސަރުކާރަކާއެކު ވެސް، އިންޑިއާއިން މި މަޝްރޫއު މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަކީ ގުޅުމުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެކެވެ.
ލޮލަށް ފެންނަން ހުރި މިފަދަ ބޮޑެތި މަސައްކަތްތަކަކީ ޑިޕްލޮމެޓިކް ބަޔާންތަކަށްވުރެ ބޮޑަށް ދެ ގައުމުގެ މެދުގައި އިތުބާރު އުފައްދައިދޭ ކަންކަމެވެ.
މި ބްރިޖާއެކު ދެން އަންނަން އޮތީ އިގްތިސާދީ ބޮޑު އިންގިލާބެކެވެ. ވިލިމާލެ ބަދަލުވާން ތައްޔާރުވެއްޖެއެވެ. ވެރިރަށް މާލެއާ ގުޅިލާމެހުމާއެކު، ވިލިމާލޭގެ އިގްތިސާދީ ދޮރުތައް ހުޅުވޭނެއެވެ. އެ ރަށުގައި އަޅަމުންދާ އައު ހޮސްޕިޓަލުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ލިބި، މާލޭގެ ސިއްހީ ނިޒާމަށް އޮތް ބާރު ކުޑަވާނެއެވެ. ވިޔަފާރިތަކާއި އިންވެސްޓްމަންޓްތައް އެ ރަށަށް ފުޅާވާނެއެވެ.
ހަމައެއާއެކު، މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަކީ މުޅި ރާއްޖޭގެ ލޮޖިސްޓިކްސް އަދި ސިނާއީ ދާއިރާއަށް ޒަމާންތަކަކަށް ފައިދާ ކުރާނެ މުހިންމު ފިޔަވަޅެކެވެ. މީގެއިތުރުން، ގުޅީފަޅުން ބޯހިޔާވަހިކަން ފަހިވެގެން ދިއުމަކީ މާލޭގެ ތޮއްޖެހުމަށް އޮތް ބޮޑު ހައްލެކެވެ.

ތިލަމާލެ ބްރިޖުގެ މާލެ ވިލިމާލެ ސުޕަސްޓްރަކްޗާ ނިމިފައި -- ފޮޓޯ: ހައުސިން މިނިސްޓްރީ
ވާހަކަދައްކަން ނުތިބެ، ހަރުދަނާ ޕްލޭނެއް މުހިންމު
މި މަޝްރޫއުގެ މުހިންމުކަމާ ގުޅޭގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހްމަދު މުޙައްމަދު (އަންޑޭ) ދެކެވަޑައިގަންނަވާ ގޮތުގައި، ތިލަމާލެ ބްރިޖުގެ ހަގީގީ ބޭނުން ހިފޭނީ މާލެ ސަރަހައްދުގެ އިގްތިސާދީ މުޅި އޮނިގަނޑު ބަދަލުކޮށްލެވޭނެ ހަރުދަނާ ޕްލޭނަކާއެކުގައެވެ.
އަންޑޭ ފާހަގަކުރެއްވި ގޮތުގައި، ސިނާމާލެ ބްރިޖުގެ ތަޖުރިބާއިން އަޅުގަނޑުމެން އިބުރަތް ހާސިލުކުރަން ޖެހެއެވެ. ސިނާމާލެ ބްރިޖުން ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބުނު ނަމަވެސް، ސަރުކާރުގެ އޮފީސްތަކާއި ޚިދުމަތްތައް މާލެއިން ބަދަލުނުކުރެވުމާއި، ޕާކިން އަދި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ތަރައްގީ ނުކުރެވުމުގެ ސަބަބުން މާލޭގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ނުލިބުނެވެ.
އެހެންކަމުން، ތިލަމާލެ ބްރިޖު ނިމުމަށްފަހު އޭގެ ބޭނުން ހިފާނެ ގޮތަކާމެދު ވާހަކަ ދައްކަން ތިބުމުގެ ބަދަލުގައި، މިހާރުން މިހާރަށް ވެސް ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވާލެވިފައި އޮންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ބިން ބޭނުންކުރާނެ އުސޫލުތަކާއި، އޮފީސްތަކާއި ވިޔަފާރިތައް ބަދަލުކުރުމާއި، އާންމު ދަތުރުފަތުރާއި ޕާކިންގެ ނިޒާމު ހަރުދަނާ ގޮތެއްގައި ރޭވިއްޖެނަމަ، މިއީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، އިގްތިސާދީ މުޅިން އައު މައިދާނަކަށް ރާއްޖެ ގެންގޮސްދޭނެ އިންގިލާބީ ބަދަލަކަށް ވާނެއެވެ.
މާލެ-ވިލިމާލެ ބްރިޖުގެ ސުޕަސްޓްރަކްޗާ މިއަދު ކޮޅަށް އެހެރީ އިންޑިއާ އާއި ރާއްޖޭގެ ބަދަހި ގުޅުމުގެ ހެއްކެއްގެ ގޮތުގައެވެ.
ދެން އޮތީ މި ބިޔަ މަޝްރޫއުގެ ފުރިހަމަ ފައިދާ ހިފައި، ގައުމުގެ އިގްތިސާދު އައު އުސްމިންތަކަކަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށުމެވެ. އެންމެ ފުރިހަމަ މަންފާ އަދި އޮތީ ކުރިއަށެވެ.