އެ އިރެއްގައި އިދިކޮޅުގައި ތިބޭ ބަޔަކު އަބަދު ވެސް މަސައްކަތްކުރާނީ ސަރުކާރުން ކުރާ ކަންކަން ފެއިލްކޮށްލަން ކަމަށް ވިދާޅުވެ، ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގައި ކައުންސިލުތަކުގެ ދަށުން އެ ބިންތައް ވަކިކުރުމުގެ ބާރު ސަރުކާރަށް ދޭ ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު އެ ބިލު ދިފާއުކުރައްވައިފިއެވެ.
ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގައި އެ ބިންތައް ކައުންސިލުތަކުގެ ދަށުން ވަކިކުރުމުގެ ބާރު ސަރުކާރަށް ދިނުމާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނަށް ބަހުސްކުރައްވަމުން ސަރުކާރާ ގާތް ގުޅުމެއް އޮންނަ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން ވިދާޅުވީ، އެ ބިލުގެ ބޭނުމަކީ ކައުންސިލުތަކާއި މައި ސަރުކާރާ އޮންނަ ގުޅުން ހަރުދަނާކުރުން ކަމަށެވެ.
އެ ބިލުގައި އޮތީ ކައުންސިލުތަކުގެ އިޚްތިޞާޞްގައިވާ ބިންތައް ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި، އާންމުންގެ ފައިދާއަށް އެ ބިންތަކުގައި މަޝްރޫއުތައް ހިންގާ ވާހަކަ ކަމަށް ޢަބްދުލްޙަންނާން ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުުގައި އެއްވެސް ހާލެއްގައި ސަރުކާރުގެ ބެލުމުގެ ދަށަށް ކައުންސިލުތަކުގެ އިޚްތިޞާޞްގައިވާ ބިންތައް ނަގަނީއެއް ނޫނެވެ.
"އެހެންވީމާ މިއީ ވަރަށް ބޮޑު ކުށްހީއެއް އިނގޭތޯ، އަޅުގަނޑު ގަބޫލުކުރަން ވާދަވެރި ފަރާތްތަކުން އަބަދު ވެސް ބަލާނީ އެ ވެރިކަމުގައި ތިބޭ ބަޔަކާ ތޮޅިގެން ނަމަވެސް އަދި އެހެން ގޮތަކަށް ނަމަވެސް އެ މީހުން (ސަރުކާރުން) އެ ކުރާ ކަމެއް ފެއިލްކުރުމަށްޓަކައި،" ސަރުކާރަށް ތާއީދުކުރައްވާ ޢަބްދުލްޙަންނާން ވިދާޅުވިއެވެ.
މީގެ ކުރިން ޢަބްދުލްޙަންނާން ވިދާޅުވެފައި ވަނީ، މި އިޞްލާހުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ. އަދި ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާކުރުމަކީ ވެސް މި ބިލުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މި އިޞްލާހުގެ ދަށުން ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް، ވަޒީރުންގެ މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްގެ ދަށުން ބިން ވަކިކޮށް ސަރުކާރަށް ނެގޭނެ ގޮތަށް އޮތުމުން، އެކަމަށް ކަންބޮޑުވުން ވަނީ އަމާޒުވެފައެވެ.
ޕީއެންސީގެ މެންބަރުންގެ ތާއީދާއެކު މި ބިލު ބަލައިގަތް ނަމަވެސް، މިއީ ސަރުކާރުން ހުށަހެޅި ބިލެއް ނޫން ކަމަށް، އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވަނީ ވިދާޅުވެފައެވެ.
ކައުންސިލްގެ ބާރުތައް ކުޑަކޮށް އެ ބާރުތައް ސަރުކާރަށް ލިބޭގޮތަށް ހަދައިފައިވާ އެ ބިލުގެ ބަހުސް އެއް ދުވަހުން ނިންމައިލައި ދިރާސާކުރަން ފޮނުވީ މި މަހުގެ 10ވަނަ ދުވަހެވެ.