އަންކަރާ (22 އޮގަސްޓް 2026) : ޓެރަރިޒަމާއި ކަނޑުފޭރުމާ އަދި މީހުން މެރުމުގެ ކުށުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެ މައްޗަށް ތުރުކީގެ ކޯޓުތަކުގައި ޝައީއަތް ހިންގަން ބޭނުންވާތީ އޭނާ ހައްޔަރުކުރުމު ރެޑް ނޯޓިސް އެއް ނެރެދިނުމަށް ތުރުކީގެ ޖަސްޓިސް މިނިސްޓްރީން "އިންޓަޕޯލް" ގައި ރަސްމީކޮށް އެދިއްޖެއެވެ.
މިކަމާބެހޭގޮތުން ތުރުކީގެ ޖަސްޓިސް މިނިސްޓްރީން "އިންޓަޕޯލް" އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ތުރުކީގެ މަރުމަރާ ބޯޓު ބައިނަލްއަގްވާމީ ކަނޑުގައި ދަތުރުކުރަނިކޮށް ނަތަންޔާހޫގެ އަމުރަށް އިސްރާއީލު ސިފައިން ކަނޑުފޭރި އޭގެ ފަޅުވެރިންގެ ތެރެއިން 8 މީހަކު މަރާލާފައިވާ ކަމަށާ އެމައްސަލާގައި ޓެރަރިޒަމާއި ކަނޑުފޭރުމާ އަދި މީހުން މެރުމުގެ ކުށުގައި ނަތަންޔާހޫގެ މައްޗަށް ތުރުކީގެ ކޯޓުތަކަށް އުފުލިފައިވާ ދައުވާއަށް ޖަވާބުދާރީ ވުމަށްޓަކައި އޭނާ ހައްޔަރުކޮށްގެން ތުރުކީއާ ހަވާލުކޮށްދިނުމަށެވެ.
ތުރުކީގެ ޖަސްޓިސް މިނިސްޓަރު އައިނޫރު ގޯލާކު ވިދާޅުވިގޮތުގައި ނަތަންޔާހޫގެ އިތުރުން އިސްރާއީލުގެ ދިފާއީ ވަޒީރާއި އިސްރާއީލު ސިފައިންގެ ބައެއް ޖަނެރަލުންނާއި ސިފައިން ހިމެނޭގޮތަށް 35 މީހަކު 2010 ވަނައަހަރު، މަރުމަރާ ބޯޓު ކަނޑުފޭރުމާއި އޭގެ ފަޅުވެރިންނާ ދެކޮޅަށް ހިންގި ޓެރަރިޒަމްގެ އަމަލުތަކުގައި ބައިވެރިވެފައިވާތީ އެމީހުން ހައްޔަރު ކުރުމުގެ ރެޑް ނޯޓިސް ނެރެދިނުމަށް އިންޓަޕޯލް އަށް ފޮނުވި ސިޓީގައި އެދިފައިވާނެ ކަމުގައެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއަކީ ޔަހޫދީންނާ ޖައްސާލައިގެން އުޅޭ ޑިކްޓޭޓަރެއްކަމަށް އިސްރާއީލުން ސިފަކުރާއިރު ތުރުކީން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިފަކުރަނީ ބައިނަލްއަގްވާމީ އަމަނާއި ސަލާމަތަށް ނުރައްކާތެރި ޓެރަރިސްޓެއް ގެ ގޮތުގައެވެ.
ތުރުކީގެ މަރުމަރާ ބޯޓަކީ ޣައްޒާއާ ދެކޮޅަށް އިސްރާއީލު އަޅާފައިވާ ޣައިރު ގާނޫނީ ހިސާރުގެ ފިޔަވަޅުތައް ފޫއަޅުވާލުމަށް ޓަކައި ކާބޯތަކެއްޗާއި ބޭސް ހިފައިގެން 2010 ވަނަ އަހަރު ޣައްޒާއަށް ދަތުރުކުރި ތުރުކީގެ ބޯޓެކެވެ.
މިއީ ގަދަބާރުން އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ޣައްޒާގެ ހިސާރު ފޫއަޅުވާލުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ފެށި ސުމޫދު ފްލޮޓީލާ ގައި ހިމެނުނު ދެވަނަ ހަރަކާތެވެ. އިސްރާއީލުވަނީ އެބޯޓު ޣައްޒާގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ކުރިން ބައިނަލްއަގްވާމީ ކަނޑުގައި ދަތުރުކުރަނިކޮށް އެބޯޓު ކަނޑުފޭރި އޭގައި ތިބި ތުރުކީ ފަޅުވެރިންގެ ތެރެއިން 8 މީހަކު ޝަހީދުކޮށްލާފައެވެ.