އަރުޖުން އާއި ގެބްރިއާލް ކައިވެނިކޮށްފި

އަރުޖުން ރާމްޕާލް އަންހެނުން ގެބްރިއާލްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަރުޖުން ރާމްޕާލް އާއި އޭނާގެ ލޯބިވެރިޔާ ގެބްރިއޭލާ ޑެމެޓްރިއޭޑްސް ރަސްމީކޮށް ކައިވެނި ރަޖިސްޓްރީކޮށްފައިވާ ކަމަށް ޕީޓީއައިއިން ރިޕޯޓްކޮށްފިއެވެ.

ދެ މީހުންގެ ކައިވެނި ކުރެވުނީ އުތުރު ގޯއާގެ މަޕޫސާގައި ހުންނަ ސަބް ރެޖިސްޓްރާ އޮފީހުގައި ދެމަފިރިންގެ ގާތް ރަހްމަތްތެރިންނާ އެކު އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ސަބް ރެޖިސްޓްރާ ސޫރަޖް ވަރުނޭކަރް ޕީޓީއައިއަށް މައުލޫމާތު ދިން ގޮތުގައި، މި ކައިވެނި ރަޖިސްޓްރީކޮށްފައިވަނީ ގޯއާގެ ޔުނިފޯމް ސިވިލް ކޯޑުގެ ދަށުންނެވެ.

ދެކުނު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ގެބްރިއޭލާ އާއި އަރުޖުން މިހާރު ދިރިއުޅެމުންދަނީ ގޯއާގެ ޕަނަޖީ ކައިރީގައި އޮންނަ ސުކޯރޯ އަވަށުގައެވެ.

އަރުޖުންގެ ދޮށީ ދެ އަންހެން ކުދިން ގެބްރިއާލްއާ އެކު--ފޮޓޯ/ސްކްރީން

އަރުޖުން އާއި ގެބްރިއާލް ކައިވެނިކޮށްފައި މިވަނީ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަށެއްކަ އަހަރު ފަހުންނެވެ. އަދި އެ ގުޅުމަށް ދެ ފިރިހެން ކުދިންވެސް ވަނީ ލިބިފައެވެ. އަރުޖުން ވަނީ މީގެކުރިން ކައިވެންޏެއް ކޮށްފައެވެ.

ފިލްމީ ކެރިއަރުގެ ވަރަށް ކުރީކޮޅު އެކްޓަރު ކައިވެނިކޮށްފައި ވަނީ ކުރީގެ މޮޑެލް މެހެރް ޖޭސިއާއާއެވެ. ދެ މީހުންގެ 21 އަހަރު ކައިވެނި ރޫޅާލިކަން އިއުލާނުކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ. އެ ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައިވެއެވެ.

އަރުޖުން އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ، މި އަހަރުގެ މާޗް މަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ދުރަންދަރު: ދަ ރިވެންޖް" އަދި ފިލްމު "ސަތްލުޖް"އިންނެވެ.

comment ކޮމެންޓް