އެންމެ އަގުހެޔޮކޮށް ކާބޯތަކެތި ލިބޭނެ ފިހާރަތައް ދައްކުވައިދޭ ޕޯޓަލްއެއް ތައާރަފުކޮށްފި

"އަގުމަގު ޕޯޓަލް" ލޯންޗުކުރުން: ޕޮޓޯ/ޕީއެސްއެމް

އެންމެ އަގުހެޔޮކޮށް ކާބޯތަކެތި ލިބޭނެ ފިހާރަތައް ދައްކުވައިދޭ ޕޯޓަލްއެއް އިކޮނޮމިކް މިނިސްޓްރީން ރޭ ތައާރަފުކޮށްފިއެވެ.

ދައުލަތުގެ މީޑިއާގެ 'ރޯދައަށް ތައްޔާރު' ޕްރޮގުރާމުގައި 'އަގުމަގު' ޕޯޓަލް އިފުތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، އެ ޕޯޓަލް މެދުވެރިކޮށް އެއްތަނަކުން އެންމެ ހެޔޮ އަގުގައި އަސާސީ ކާބޯތަކެތީގެ އަގުތައް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން އެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނަ މައުލޫމާތަކީ އެ މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުގެ ފަރާތުން ކޮންމެ ހަފުތާއަކު ފިހާރަތަކަށާއި ބާޒާރުތަކަށް ގޮސް އެއްކުރާ މައުލޫމާތު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެ ޕޯޓަލްގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ހިމަނައިފައިވާނީ، ބައިނަލްއަގުވާމީ ގޮތުންނާއި ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތި ކަމުގައި ކަނޑައަޅާފައިވާ މިންގަޑުތަކަށް ފެތޭ ކާބޯތަކެތި ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މިވަގުތު އަގުތައް ބަލަމުން އަންނަނީ މާލެ ސަރަހައްދުގައާއި ހުޅުމާލޭގެ ދެ ފިޔަވަހީގައި ނަމަވެސް، މުސްތަގުބަލުގައި އަތޮޅުތަކުގެ އެކި ރަށްތަކުގެ ފިހާރައިގެ އަގުތައް ވެސް ހިމަނާނެކަން މިނިސްޓްރީން ފާހަގަކުރިއެވެ.

އެ ޕްރޮގްރާމުގައި ސައީދު ވިދާޅުވީ އެ ޕޯޓަލްގައި ދެން އޮތް މަރުހަލާއަކީ، ވިޔަފާރިވެރީން އަމިއްލައަށް ވެސް އަގު ހިއްސާކުރެވޭނެ ގޮތް ހެދުން ކަމަށެވެ.

"އެޕްލިކޭޝަންއިން ލިބޭނެ ފައިދާތަކުގެ ތެރޭގައި ވިޔަފަރިވެރިންނަށް އަޅުގަނޑުމެން ދޫކޮށްލާނަން އެބޭފުޅުން އަމިއްލައަށް އެޕްލިކޭޝަންގައި އަގު ޕޯސްޓްކުރަން. އެއީ މީގައި ދެން އޮތް މަރުހަލާއަކީ. އަޅުގަނޑުމެންގެ އިންސްޕެކްޓަރުން އެކި ތަންތަނަށް ގޮސްގެން ހޯދާ ގޮތަށް މިހުންނަނީ. އެޕްލިކޭޝަން ވެގެންދާނީ އެންމެ ހެޔޮ އަގު ބަލާލަން ބޭނުންވީމަ ބަލާލެވޭނެ އެޕްލިކޭޝަންއަކަށް،" އޭނާ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ޕޯޓަލްގެ ބޭނުމަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ލިބޭނެ ގޮތް ފަހިކޮށްދިނުން ކަމަށެވެ.

ރޯދަމަހާ ދިމާކޮށް އަސާސީ ތަކެތި އަގުބޮޑުކޮށް ވިއްކާނަމަ، ސަރުކާރުން އެކަން ހުއްޓުވާނެ ކަމަށް މީގެ ކުރިން ސައީދު ވިދާޅުވެފައިވެއެވެ. އަދި އަގުތައް އުފުލުން ހުއްޓުވުމަށްޓަކައި ޚާއްސަ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

https://sun.mv/202870

މި ރޯދަމަހު ކާބޯތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ވިޔަފާރިވެރިން ވަނީ ލަފާކޮށްފައެވެ. އެހެންނަމަވެސް، މިއަދަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށްވާއިރު، ބާޒާރުގައި އަގުތައް ހުރީ މީގެ ހަފުތާއެއްހާ ދުވަސް ކުރީން ހުރި އަގުތަގަކުގައި ހިފެހެއްޓިފައި ކަމަށް ވިޔަފާރިވެރީން މިހާރު ބުނެއެވެ.

comment ކޮމެންޓް