ބެލްޖިއަމްގެ ޕްރިންސް ލޯރެންޓްގެ ދަރިއެއްގެ ގޮތުގައި، ކުރިން ކާރު ވިއްކުމުގެ މަސައްކަތްކުރި އުމުރުން 26 އަހަރުގެ ކްލެމެންޓް ވެންޑެންކާކޯވް ގާނޫނީ ގޮތުން ބަލައިގަނެފިއެވެ.
މީގެ ހަ މަސް ކުރިން ޓައުން ހޯލެއްގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނާ ޝާހީ އާއިލާއަށް ވެއްދި ނަމަވެސް، މިކަމުގެ ތަފްސީލުތައް ހާމަވެފައިވަނީ ދާދި ފަހުންނެވެ. ކްލެމެންޓަކީ ޕްރިންސް ލޯރެންޓާއި ބެލްޖިއަމްގެ ލަވަކިޔުންތެރިޔާ ވެންޑީ ވެން ވެންޓަންއާ ދެމެދު އޮތް ގުޅުމެއްގެ ތެރެއިން ލިބިފައިވާ ދަރިއެކެވެ.
ރަސްމީކޮށް ޕްރިންސްއެއްގެ ލަގަބު ލިބުނު ނަމަވެސް، ކްލެމެންޓަށް ޝާހީ އެލަވަންސެއް ނުލިބޭނެއެވެ. އަދި އޭނާގެ އެއްބަފާ ކުދިން ކަމަށްވާ ޕްރިންސަސް ލުއީސް، ޕްރިންސް އައިމެރިކް އަދި ޕްރިންސް ނިކޮލަސްއާ ޚިލާފަށް، ބެލްޖިއަމްގެ ރަސްކަމުގެ ސިލްސިލާގައި އޭނާ ނުހިމެނޭނެއެވެ. މީގެ އިތުރުން ޝާހީ އާއިލާގެ ރަސްމީ ހަރަކާތްތަކުގައިވެސް އޭނާ ބައިވެރިއެއް ނުވާނެއެވެ.
ޝާހީ ބައްޕައަކު ހުރިކަން ގަބޫލުކުރަން ކްލެމެންޓަށް އެތައް އަހަރެއް ނެގިއިރު، ބައްޕަގެ ނަން ކަމަށްވާ "ސެކްސް-ކޯބާގް" ބޭނުންކުރަން ފަށާނެކަން އަދި ޔަގީންނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
"ހެޓް ނިއުސްބްލާޑް" ނޫހަށް މައުލޫމާތު ދެމުން ކްލެމެންޓް ވިދާޅުވީ، އެ ނަން ބޭނުންކުރަން ބޭނުންވެދާނެ ކަމަށާއި، ނަމަވެސް ވެންޑެންކާކޯވް ނަމާމެދު ފަޚުރުވެރިވާ ކަމަށެވެ. އަދި އެ ނަން ދޫކޮށްލުމަކީ އޭނާގެ މަންމަ އޭނާއަށްޓަކައި ކޮށްދިން ހުރިހާ ކަމަކަށް ވެވޭ ޚިޔާނާތަކަށް ވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އޭނާގެ މަންމަ ވެންޑީ ވެން ވެންޓަންގެ އަސްލު ނަމަކީ އައިރިސް ވެންޑެންކާކޯވްއެވެ.
ޕްރިންސް ލޯރެންޓް 2003 ވަނަ އަހަރު ޕްރިންސަސް ކްލެއާއާ ކައިވެނިކުރުމުގެ ކުރިން، އޭނާ ވަނީ ވެންޑީއާ ގުޅުން ބާއްވާފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ފްލެމިޝް ޓީވީން ގެނެސްދިން ޑޮކިއުމެންޓްރީއެއްގައި ކްލެމެންޓް ވަނީ އޭނާގެ ބައްޕައާ ބައްދަލުވި ގޮތް ކިޔައިދެއްވާފައެވެ. ދެހާސް ތޭރަ ވަނަ އަހަރު ވިޔަފާރި މަރުކަޒަކުން ޕްރިންސް ލޯރެންޓާ ކުއްލި ގޮތަކަށް ބައްދަލުވިއިރު، އެއީ ކާކުކަން އޭނާއަށް ނޭނގޭ ކަމަށް ވިދާޅުވެފައިވެއެވެ. ބައްޕައަކީ ކާކުކަން މަންމަ ކިޔައިދިނީ އޭނާގެ އުމުރުން 16 އަހަރުގައެވެ. އޭގެ ހަތަރު އަހަރު ފަހުން ހިތްވަރުކޮށްފައި ބައްޕައަށް ގުޅި ކަމަށާއި، އެތައް ފަހަރަކު ގުޅުމަށްފަހު ދެމީހުން ބައްދަލުކޮށް، ޑީއެންއޭ ޓެސްޓެއް ހެދުމަށް ޕްރިންސް ލޯރެންޓް ހުށަހެޅި ކަމަށް ކްލެމެންޓް ވިދާޅުވިއެވެ. ލެބޯޓަރީން ލިބުނު އީމެއިލްއިން 99.5 އިންސައްތަ ޑީއެންއޭ ދިމާވާކަން ކަށަވަރުވިއެވެ.
ޕްރިންސް ލޯރެންޓްގެ ޑީއެންއޭ ޓެސްޓުގެ މައްސަލައަކީ އޭނާގެ ބައްޕަ، ކުރީގެ ރަސްގެފާނު އަލްބަޓް ދެވަނައަށްވެސް ދިމާވި ފަދަ މައްސަލައެކެވެ. ދިގު މުއްދަތެއްގެ ކޯޓު މައްސަލައަކަށްފަހު، އަލްބަޓް ވަނީ އޭނާގެ ސިއްރު ގުޅުމަކުން އަންހެން ދަރިއަކު ލިބިފައިވާކަން 2020 ވަނަ އަހަރު ގަބޫލުކޮށްފައެވެ. އެއީ މިހާރު ޕްރިންސަސްގެ ލަގަބު ހޯދައި، ޑެލްފިން ޑި ސެކްސް-ކޯބާގްގެ ނަން ބޭނުންކުރަމުން އަންނަ ކުރެހުންތެރިޔާ ޑެލްފިން ބޯއެލްއެވެ.
މި މައްސަލަ ޝާހީ އާއިލާގެ ބޮޑު މައްސަލައަކަށް ވުމާ ގުޅިގެން 2013 ވަނަ އަހަރު އަލްބަޓް ވަނީ ރަސްކަމުން ފައިބާވަޑައިގެންފައެވެ. ހަމަ އެ އަހަރު ބެލްޖިއަމްގެ ގާނޫނަށް ގެނައި ބަދަލާއެކު، ދައުލަތުގެ އެލަވަންސް ލިބެނީ ޝާހީ އާއިލާގެ މަދު ބަޔަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރަސްގެފާނު ފިލިޕް، ކުރީގެ ރަސްގެފާނު އަލްބަޓް ދެވަނަ، ޕްރިންސް ލޯރެންޓް އަދި ޕްރިންސަސް އެސްޓްރިޑްއެވެ.