ގާނޫނާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތް ހިންގާ ކަމަށް ބުނެ، އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ މަނީ ޗޭންޖިން ބިޒްނަސް ލައިސަންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ.
އެމްއެމްއޭ އިން ބުނީ، ބޭރު ފައިސާ ބަދަލުކުރުމުގެ ވިޔަފާރި ހިންގުމާ ބެހޭ ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ، އެ ކުންފުނީގެ ލައިސަންސް ބާތިލްކޮށްފައިވާ ކަމަށެވެ.
ބޭރު ފައިސާގެ މުއާމަލާތް ހިންގުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކާއި ގަވާއިދުތަކަށް އަމަލުކުރުމުގެ މުހިންމުކަން، އެ އޮތޯރިޓީއިން ވަނީ ތަކުރާރުކޮށް ހަނދާންކޮށްދީފައެވެ.
އަދި ގާނޫނާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފަރާތްތަކާ ދެކޮޅަށް، ކަމާ ބެހޭ ތަންފީޒީ އިދާރާތަކާ ގުޅިގެން ފިޔަވަޅު އެޅުމަށް ތައްޔާރަށް ތިބި ކަމަށްވެސް އެ އޮތޯރިޓީ ވަނީ ބުނެފައެވެ.
ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް އާންމުކޮށް ރިޕޯޓުކުރުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން (ފަސް ލައްކަ) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އިސްލާހު ގެނެސްފައެވެ.
އޭގެއިތުރަށް، އަގު ބޮޑުކޮށް ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތް ހެދުމަށް ކޮމިޓީން ވަނީ އިސްލާހު ގެނެސްފައެވެ.
އެ ކަމާ ގުޅިގެން ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު އަހުމަދު އެކްސްގައި ކުރެއްވި ކުރު ޕޯސްޓެއްގައި ވަނީ، މިހާރު ސަރުކާރުން ހުށަހަޅާފައިވާ ޖޫރިމަނާތަކަކީ އެމްއެމްއޭގެ ގާނޫނުގައި މިހާރު ވެސް އޮތް އެއްޗެއް ކަމަށެވެ. އަދި، މައްސަލައަކީ، ގާނޫނު ތަންފީޒު ނުކުރެވުން ކަމަށް އަހުމަދު ލިޔުއްވާފައިވެއެވެ.