ވެރިކަމުގެ މި ދައުރުގެ ފަހު އަހަރު ގިނަ މީހުންނަށް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ލިބޭނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވަކިވަކި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ފެށްޓެވި "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައިވަކިވަކި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ފެށްޓެވި "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ބައެއް މީހުން ވަނީ އެ މީހުންނަށް ދިމާވާ ގެދޮރުވެރިކަމުގެ ދަތިކަން ހިއްސާކޮށްފައެވެ.
އެގޮތުން މާލޭގައި ގާތްގަނޑަކަށް 50 އަހަރު ދިރިއުޅުނު ޢަލީ ވަޙީދު ބުނީ، އެއްވެސް ސަރުކާރަކުން މިހާތަނަށް ހުޅުވައިލި ސޯޝަލް ހައުސިން ސްކީމަށް ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައިފައިވާ ކަމަށެވެ.
"އަޅުގަނޑު އުޅެނީ ކުންފުނީ ތަނެއްގައި،" ލިލީ ކުންފުނީގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރި ޢަލީ ވަޙީދު ރައީސް އަރިހު ބުންޏެވެ.
އޭނާ ބުނިގޮތުގައި، ހާލަތުގެ ގޮތުން މާދަން ވެސް ވަޒީފާއިން ވަކިކޮށްފިއްޔާ މަގުމަތިވާނެއެވެ.
"އަޅުގަނޑުގެ ހަމައެކަނި މައްސަލައަކީ ގެދޮރު ނެތީމަ ދުނިޔޭގެ އެއްވެސް ތަނެއްގައި، މާދަން އަޅުގަނޑު ވަޒީފާއިން ވަކިވިޔަސް އަޅުގަނޑު މަގުމަތިވީ،" ޢަލީ ވަޙީދު ބުންޏެވެ.
ރައީސާ ބައްދަލުކުރެއްވި އިތުރު މީހަކު ބުނީ، 1999އިން މާލޭގައި އުޅެމުން އަންނަ ކަމަށާއި، ނަމަވެސް ފުލެޓެއް ނުވަތަ ގޯއްޗެއް ނުލިބޭ ކަމަށެވެ.
އޭގެ އިތުރުން ރައީސާ ބައްދަލުކުރެއްވި ދެމަފިރިއަކު ވަނީ، 30 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މާލޭގައި ދިރިއުޅެމުންދާ ކަމަށް ބުނެފައެވެ. އެ ދެމަފިރިންގެ ނަމުގައި ބޯހިޔާވަހިކަމެއް ނެތް ކަމަށާއި، އުޅެމުން އަންނަނީ މުޅިން ވެސް ކުލި ދައްކައިގެން ކަމަށް، ދެމަފިރިންގެ ފަރާތުން ބުންޏެވެ.
އެ ހުރިހާ ފަރާތްތަކަށް ވެސް ރައީސް ވަނީ، ގޯއްޗާއި ފުލެޓު ދިނުމުގެ ކަންކަން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކީ ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އޭގެ އިތުރުން، ފުލެޓުތައް ޝަރުތުހަމަވާ މީހުންނަށް ހަމަޖެހޭނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވައިފައެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ފުލެޓުތައް އެޅުމަށްޓަކައި މަސައްކަތް އެބަ ކުރާ ކަމަށެވެ.
"2028ގެ ތެރޭ އިރާދަކުރަެއްވިއްޔާ ވަރަށް ގިނަ މީހުންނަށް ލިބޭނެ ފުލެޓު މި ސަރަހައްދުން،" އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރީ ސޯޝަލް ހައުސިން ސްކީމްތަކުގައި ފުލެޓު ލިބުނު ނަމަވެސް ފުލެޓުތައް އަތުލައިފައި ތިބި މީހުންނަށް ވެސް ތަންތަން ދޭން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ބޯހިޔާވަހިކަމުގެ ދަތިކަން ރާއްޖެއަށް ވަރަށް ބޮޑެވެ. ޚާއްސަކޮށް މާލެ ސަރަހައްދުގައި އިތުރުއިރު، ގިނަ ބަޔަކު އުޅެން ޖެހެނީ ބޮޑު ކުއްޔެއް ދައްކައިގެންނެވެ.
ރާއްޖޭގައި ދަރިން ހޯދާ ނިސްބަތް ވެސް ދަށްވެ، ދޮށީ އާބާދީއަކަށް މިސްރާބު ޖަހާފައިވާއިރު ދިވެހީން ގިނަ ދަރީން ނުހޯދާ އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ވެސް ބޯހިޔާވަހިކަމާއި މާލީ ނުތަނަވަސްކަން ހިމެނޭ ކަމަށް ސާވޭތަކުން ދައްކައެވެ.
އޭގެ އިތުރަށް، މިދިޔަ އަހަރުގެ ބަޖެޓު ޚާއްސަ ކުރީ ބޯހިޔާވަހިކަމަށެވެ. އެފަދަ މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިއެވެ. އެކަމަކު، މިދިޔަ އަހަރު އެ ބަޖެޓުން ޚަރަދުކުރީ އެންމެ 204.5 މިލިއަން ރުފިޔާއެވެ. އެއީ، އެ ކަމަށް ޚާއްސަކުރި ބަޖެޓުގެ އެންމެ 11 ޕަސެންޓެވެ. ބާކީ 89 ޕަސެންޓް އޮތީ އެއްވެސް ވަރަކަށް ބޭނުންނުކޮށެވެ.