އާސަންދަ ކޮމްޕެނީ ލިމިޓެޑުގެ ބޭނުމަށް އޭއައި ޗެޓްބޮޓެއް ހަދައިދޭނެ ފަރާތެއް ހޯދަން އެ ކުންފުނިން މިއަދު އިއުލާންކޮށްފިއެވެ.
އާސަންދައިން ހޯދަން ބޭނުންވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި މަސައްކަތްކުރާ، ދިވެއްސާއި އިނގިރޭސީން މުއާމަލާތްކުރެވޭ ޗެޓްބޮޓެކެވެ. މި ޗެޓްބޮޓް މެދުވެރިކޮށް އާސަންދައިގެ އެތެރޭގެ މައުލޫމާތުތަކާއި، ވެބްސައިޓުގައި ހުރި މައުލޫމާތާއި، އުސޫލުތަކާއި ސިޔާސަތުތަކުގެ އިތުރުން އާންމުކޮށް ކުރެވޭ ސުވާލުތަކަށް އޮޓަމެޓިކުން ޖަވާބު ދޭންޖެހެއެވެ.
މީގެ އިތުރުން، މި ޗެޓްބޮޓަކީ 24 ގަޑިއިރު ޚިދުމަތް ދެވޭ، އިނގިރޭސި ބަހާއި ދިވެހި ބަހުން މުއާމަލާތްކުރެވޭ ނިޒާމަކަށް ވާންޖެހެއެވެ. ޚާއްސަ ގޮތެއްގައި ދިވެހި ބަހުން ލިޔާއިރު ތާނަ އަކުރުންނާއި ލެޓިން އަކުރުން ލިޔުނު ކަމުގައި ވިޔަސް، އަމިއްލައަށް ބަސް ދެނެގަނެ ޖަވާބު ދިނުމުގެ ގާބިލުކަން ހުންނަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މި ނިޒާމުގައި މުވައްޒަފުންނަށް ކޯޑުކުރުމަކާ ނުލައި ފަސޭހައިން މައުލޫމާތު އަޕްޑޭޓް ކުރެވޭނެ ވެބް ޑޭޝްބޯޑެއް ހިމެނެން ޖެހެއެވެ. އަދި ޗެޓްބޮޓަށް ޖަވާބު ނުދެވޭ ސުވާލުތައް ކަސްޓަމާ ސާވިސްއަށް ނުވަތަ ހޮޓްލައިނަށް ފޮނުވާލެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމަކީވެސް އާސަންދައިން އެދޭ ކަމެކެވެ. މި ނިޒާމު ބަހައްޓަން ޖެހޭނީ ކްލައުޑްގައި ނުވަތަ ކުންފުނީގެ ސާވަރުތަކުގައެވެ.
މި ޗެޓްބޮޓް ބޭނުންކުރުމުގެ މައިގަނޑު މަގުސަދަކީ އާސަންދަ ވެބްސައިޓާއި "މައި އާސަންދަ" ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހައިން މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ ސަބަބުން އާންމުކޮށް އަންނަ ސުވާލުތަކަށް އޮޓަމެޓިކުން ޖަވާބުދެވި، ކަސްޓަމާ ސާވިސް މުވައްޒަފުންގެ މަސައްކަތް ލުއިވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މީގެ އެހީގައި އާންމުން އެންމެ ގިނައިން ކުރާ ސުވާލުތަކާއި މައުލޫމާތު މަދުވާ ދާއިރާތައް ދެނެގަނެވި، ކުންފުނިން އާންމުކުރާ މައުލޫމާތުތައް މެދުކެނޑުމެއްނެތި އަޕްޑޭޓް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އާސަންދައިން ބުނެފައިވެއެވެ.