ޗައިނާގެ ރޮބޮޓް ކުންފުނި ޔުނިޓްރީގެ އާ ރޮބޮޓް 'ސުޕަމޭން' ދައްކާލައިފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ހިއުމަނޮއިޑް ރޮބޮޓް އުފައްދާ ކުންފުނި ކަމަށްވާ ޗައިނާގެ ޔުނިޓްރީން ތަޢާރަފުކުރި "ސުޕަމޭން" ރޮބޮޓަކީ އެ ކުންފުނިން ޗައިނާގެ ސްޓޮކް މާކެޓަށް ނުކުތުމަށް ތައްޔާރުވަމުންދާ ދަނޑިވަޅުގައި އާންމުންނަށް ދައްކާލި ވަރަށް ޚާއްސަ އުފެއްދުމެކެވެ.
މިއާއެކު ޔުނިޓްރީ ވެގެންދާނީ ޗައިނާގެ މެއިންލޭންޑް ސްޓޮކް މާކެޓުގައި ލިސްޓުކުރާ، އާންމު ބޭނުންތަކަށް ރޮބޮޓް އުފައްދާ ފުރަތަމަ ކުންފުންޏަށެވެ.
އެންމެ ތިން މަސްދުވަހުގެ ތެރޭގައި ފަރުމާކޮށް ތަރައްޤީކޮށްފައިވާ މި ރޮބޮޓަކީ ވަރަށް ހަލުވި ދުވެލީގައި ހަރަކާތްތެރިވުމުގެ ޤާބިލުކަން ލިބިގެންވާ އުފެއްދުމެކެވެ. ކޮޅަށް ހުރެފައި ދެ މީޓަރުގެ އުސްމިނަށް ފުންމާލުމުގެ ކުޅަދާނަކަން މި ރޮބޮޓަށް ލިބިފައިވާއިރު، މީގެ އެންމެ ބާރު ދުވެއްޔަކީ ސިކުންތަކު 12.66 މީޓަރެވެ. ނަމަވެސް، ކުންފުނިން ބުނެފައިވަނީ މިއީ އަދި މުޅިން ނިމިފައިވާ އުފެއްދުމެއް ނޫން ކަމަށާއި، ކުރިއަށް އޮތް މަސްތަކުގައި މިއަށް އިތުރު ފުރިހަމަކަމެއް ގެންނާނެ ކަމަށެވެ.
ޗައިނާގެ ހަންގްޒޯގައި މައި އޮފީސް ހުންނަ ޔުނިޓްރީން، ޝަންހާއީގެ ސްޓޮކް މާކެޓުގައި މި އަންނަ ބުދަ ދުވަހު ވިޔަފާރިކުރަން ފަށާނެއެވެ.
މިދިޔަ ހަފްތާގައި އެ ކުންފުނިން ވަނީ އިނިޝަލް ޕަބްލިކް އޮފަރިން (އައި.ޕީ.އޯ) މެދުވެރިކޮށް 6.1 ބިލިއަން ޔުއާން ނުވަތަ 905 މިލިއަން އެމެރިކާ ޑޮލަރު ހޯދާފައެވެ. މިއީ ޝަންހާއީގެ ޓެކްނޮލޮޖީއަށް ޚާއްސަ ސްޓާ މާކެޓުގައި ރީޓެއިލް އިންވެސްޓަރުންގެ ފަރާތުން 8،000 ގުނަ އިތުރަށް ތަރުހީބު ލިބި، ރެކޯޑު މުގުރާލި އައި.ޕީ.އޯ އެކެވެ.
ޔުނިޓްރީ ސްޓޮކް މާކެޓަށް ނުކުންނަ ދުވަސް ދިމާވަނީ، ބެއިޖިންގައި ފަށާ ވޯލްޑް ރޮބޮޓް ކޮންފަރެންސްއާ ވެސް އެކުއެކީގައެވެ. ދުވުމާއި، ނެށުމުގެ އިތުރުން މާޝަލް އާޓްސްގެ ހަރަކާތްތައް ދައްކުވައިދޭ ހިއުމަނޮއިޑް ރޮބޮޓްތައް އުފައްދައިގެން ބައިނަލްއަޤުވާމީ ސަމާލުކަން ހޯދާފައިވާ މި ކުންފުނިން، މިދިޔަ ޖުލައި މަހުގެ ނިޔަލަށް އެކި މޮޑެލްތަކުގެ ދެފައިމައްޗަށް ހިނގާ 18،000 އެއްހާ ރޮބޮޓް އުފައްދައި ޑެލިވަރކޮށްފައިވެއެވެ.
ޓެންސެންޓް، އަލީބާބާ އަދި ޑީޕްސީކް ފަދަ ޗައިނާގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ މާލީ އެހީތެރިކަން ލިބިފައިވާ ޔުނިޓްރީގެ ފައުންޑާ ވާންގް ޝިންގްޝިންގް އަށް ޤައުމީ ފެންވަރުގައި ބޮޑު މަޝްހޫރުކަމެއް ލިބުނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އިސްކޮށް ހުންނަވައިގެން ޓެކްނޮލޮޖީ ދާއިރާގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި އެންމެ ކުރީ ސަފުން ޖާގަ ލިބުމާ ގުޅިގެންނެވެ.
މިއީ ޗައިނާގެ ރޮބޮޓިކްސް ސިނާޢަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.