ގާޒީ އިހްސާން ސަސްޕެންޑްކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި: ޖޭއެސްސީ

ގާޒީ އަބްދުﷲ އިހްސާން

ސިވިލް ކޯޓުގެ ގާޟީ ޢަބްދުﷲ އިޙްސާން، ވަގުތީގޮތުން 60 ދުވަހުގެ މުއްދަތަކަށް މަޤާމުގެ މަސައްކަތުން ދުރުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިހްސާން ސަސްޕެންޑްކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ކަމަށް ޖޭއެސްސީން ބުނީ، އިހްސާންގެ ސަސްޕެންޝަނާ ގުޅިގެން މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެގޮތުން އިޙްސާން ވަގުތީގޮތުން މަސައްކަތުން ދުރުކުރުމަށް ނިންމާފައި ވަނީ ޤާޟީގެ މައްޗަށް ރައްދުވާ ގޮތަށް އެ ކޮމިޝަނަށް ހުށަހެޅި ތަޙްޤީޤުކުރަމުންދާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ހިމެނޭ މައްސަލައަކާ ގުޅިގެން ކަމަށް ވަނީ ބުނެފައެވެ.

މި ކޮމިޝަނުގެ ތަޙްޤީޤީ އިޖުރާޢަތުގެ ތެރެއިން ކަށަވަރުކުރަންޖެހޭ އެންމެހައި ކަންކަން ކަށަވަރުކުރުމާއެކު ޤާޟީ އިޙްސާންގެ ބަޔާން ނަގައި އަދި ތަޙްޤީޤަށް ބޭނުންވާ އިތުރު ފަރާތްތަކެއްގެ ބަސް ވެސް ހޯދުމަށްފަހު، އިޙްސާންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގެ ބާވަތަށާއި، މައްސަލައިގެ ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، އިޙްސާން، މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލައިގެ ތަޙުޤީޤަށް ހުރަސް އެޅިދާނެކަމަށް ފެންނަ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެހެންކަމުން ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ސަސްޕެންޑުކުރީ ކަމުގައި ޖޭއެސްސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

comment ކޮމެންޓް