ކެންސަރުގެ ފަރުވާއިން އުފެދޭ ކުނި ރައްކާކުރާ ފުރަތަމަ ފެސިލިޓީ އައްޑޫގައި އަޅަނީ

ކެންސަރުގެ ފަރުވާއިން އުފެދޭ ކުނި ރައްކާކުރާ ފުރަތަމަ ފެސިލިޓީ އައްޑޫގައި އަޅަން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް

ކެންސަރުގެ ފަރުވާއިން އުފެދޭ ކުނި ރައްކާކުރާ ފެސިލިޓީއެއް އައްޑޫ ސިޓީގައި ގާއިމުކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނާއިފާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ނިޒާމާއި އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އަހުމަދު އަދީލް ނަސީރެވެ.

މި އެއްބަސްވުމުގެ ދަށުން، ކެންސަރު ފަރުވާއިން އުފެދޭ ކުނި ރައްކާކުރުމަށް ފެސިލިޓީއެއް އަޅަން ވަނީ ނިންމާފައެވެ. މިއީ، މިފަދަ ކުނި ރައްކާކުރުމަށް ގާއިމުކުރާ ފުރަތަމަ ފެސިލިޓީއެވެ.

ދައުލަތުގެ މީޑިއާ (ޕީއެސްއެމް)އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަރުކަޒު ހިންގުމަށް މިނިސްޓްރީން މަޝްރޫއު ވިލަރެސްކުރާއިރު، އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުން ކެންސަރު ފަރުވާއިން އުފެދޭ ކުނި އުފުލުމާއި މަރުކަޒު ހިންގަން ފަށަން ވަނީ ހަމަޖެހިފައެވެ.

ކެންސަރުގެ ފަރުވާއިން އުފެދޭ ކުނި ރައްކާކުރާ ފުރަތަމަ ފެސިލިޓީ އައްޑޫގައި އަޅަން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް

މި މަރުކަޒު ބަލަހައްޓާ، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މި އެއްބަސްވުމުގެ ދަށުން ހަވާލުކޮށްފައި ވަނީ ވެމްކޯއާއެވެ.

ހަމައެއާއެކު މިއީ ރައްކާތެރިކަމާއެކު ކީމޯތެރަޕީގެ ކުނި ނައްތާލުމަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ފެށި މަސައްކަތެކެވެ.

މީގެ އިތުރުން، އެ ފެސިލިޓީގައި ކެންސަރު ފަރުވާއިން އުފެދޭ ކުނި ރައްކާތެރިކަމާއެކު ބަންދުކުރުމަށް 'ސޯޑާ ލައިމް'އާ އެއްކުރުމަށްފަހު 'ހައި-ޑެންސިޓީ ޕޮލީއެތިލީން' ފީފާތަކަށް އަޅައި ސިމެންތިން ބަންދުކުރާނެއެވެ. މިގޮތުން، ބަންދުކުރާ ތަކެތި ފެސިލިޓީގައި ބަހައްޓާނީ ކޮން އެއްޗެއްކަން އެނގޭނެހެން ލޭބަލް ކުރުމަށްފަހެވެ.

މި ފެސިލިޓީގެ އަމަލީ މަސައްކަތް ފެށުމަށް، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ނުރައްކާތެރި ކެމިކަލާއި އެއިން އުފެދޭ ކުނި ވަގުތީގޮތުން ރައްކާކުރާ މަރުކަޒާއި އިންވެގެންވާ ބިން، މިއަދު ވަނީ ރަސްމީކޮށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ. އަދި، މި މަރުކަޒުގެ އިމާރާތްކުރުމުގެ މަސައްކަތް ނިމި، މި އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފެށޭނެ ކަމަށް ދައުލަތުގެ މީޑީއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

comment ކޮމެންޓް