ލެގޫންސް މައްސަލައިގައި ދަންވަރު އަމުރު ނެރުނު ގާޒީ ސަސްޕެންޑްކޮށްފި

ގާޒީ އަބްދުﷲ އިހްސާން --

ލެގޫންސް ސްޕޯޓްސް ކްލަބާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، ދަންވަރު އަމުރު ނެރުނު ގާޒީ، އަބްދުﷲ އިހްސާން ސަސްޕެންޑްކޮށްފިއެވެ.

އިހުސާން ސަސްޕެންޑް ކޮށްފައިވާކަން، ޖޭއެސްސީން ވަނީ ކަށަވަރު ކޮށްދީފައެވެ.

ޖޭއެސްސީން ބުނީ، ސިވިލް ކޯޓުގެ ޤާޟީ އިހްސާނާ ގުޅޭ ގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައާ ގުޅިގެން މައްސަލައިގެ ބާވަތަށާއި، މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، އިޙްސާން، ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ސަސްޕެންޑް ކުރި ސީދާ ސަބަބެއް ޖޭއެސްސީން ނުބުނެއެވެ.

އެކަމަކު އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި އިހުސާން ސަސްޕެންޑްކޮށްފައި ވަނީ އާއްމު އުސޫލުތަކުގެ ބޭރުން، ދަންވަރު ގަޑީގައި އަމުރެއް ނެރުނު މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައި އޮއްވައެވެ.

އެ އަމުރަކީ ލެގޫންސް ސްޕޯޓްސް ކްލަބުގެ މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރެކެވެ.

މި އަމުރުން، އެ ކްލަބުގެ ބޭންކް އެކައުންޓްތައް ވެސް ހިފަހައްޓާފައިވެއެވެ. މިއީ އެ ކްލަބަށް ރައްދުވާ ގޮތަށް ދެ މީހަކު ހުށަހެޅި މައްސަލައެކެވެ.

އިހުސާން މިއަދު ސަސްޕެންޑްކޮށްފައިވާއިރު، އޭނާއާ ދެކޮޅަށް މި ފަހުން ވަނީ ޖޭއެސްސީއަށް ޝަކުވާތަކެއް ވެސް ހުށަހަޅާފައެވެ. އިހުސާންއާ ދެކޮޅަށް ޖޭއެސްސީއަށް މި ފަހުން ހުށަހެޅި މައްސަލައިގައި ދަންވަރުގެ ވަގުތެއްގައި ދަޢުވާ ރައްދުކޮށްފައިވާ ފަރާތްތަކުގެ ކިބައިން އަޑުއެހުމެއްނެތި ޙުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން، ކަމާ ގުޅުން ނެތް ދާއިރާތަކެއްގެ މައްޗަށް އަމުރުކޮށް ވަގުތީ އަމުރެއް ނެރެފައިވާ ނެރުމާމެދު ސުވާލު އުފައްދާފައިވެއެވެ.

މީގެ ކުރިންވެސް އިހްސާނާ ގުޅޭ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހެޅުނުކަން މީޑިއާއަށް ތިލަވެފައި ވެއެވެ. އެ ފަހަރު އެ މައްސަލަތައް ހުށަހަޅާފައި ވަނީ ސިވިލް ކޯޓުގެ މުވައްޒަފުން ކަމަށް ވަނީ މީޑިއާގައި މީގެ ކުރިން ރިޕޯޓްކޮށްފައެވެ.

https://sun.mv/226251

ފާހަގަކޮށްލެވޭ ގޮތުގައި ކުލަބު ލެގޫންްސްގެ އިންތިޚާބުގެ މައްސަލައިގައި ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ޠަލާލް ކޯޓުގެ ޙުރުމަތް ކަނޑައިފިކަމަށް ބުނެ، އެ މައްސަލަ ބަލައި ދިނުމަށް އެދި ލެގޫންސްގެ އާންމު މެމްބަރުންތަކެއް ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ރައީސަށް ރަސްމީކޮށް ވަނީ މައްސަލައެއް ވެސް ހުށައަޅައިފައެވެ.

comment ކޮމެންޓް