މުއާޒު އަތުން ދެ ލައްކަ ރުފިޔާ ހޯދަން އޭޑީކޭއިން ހުށަހެޅި މައްސަލަ ބާތިލުކޮށްފި

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ: މުއާޒު އަތުން ދެ ލައްކަ ރުފިޔާ ހޯދަން އޭޑީކޭއިން ހުށަހެޅި މައްސަލަ ބާތިލުކޮށްފި -- ސަން ފޮޓޯ: ފަޔާޒް މޫސާ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހީމް މުއާޒު ޢަލީގެ އަތުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް އޭޑީކޭ އެންޓަޕްރައިޒް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، ޝަރީއަތުގެ މަޖިލީހަށް އޭޑީކޭއިން ހާޒިރުނުވުމުން ކޯޓުން ބާތިލުކޮށްފިއެވެ.

ސިވިލް ކޯޓުން ނިންމި މި ނިންމުމަކީ 2021 ވަނަ އަހަރު އޭޑީކޭގެ ފަރާތުން މުއާޒާ ދެކޮޅަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ނިންމި ނިންމުމެކެވެ. އެ މައްސަލައިގައި އޭޑީކޭއިން އެދިފައިވަނީ މުއާޒު އެ ކުންފުންޏަށް ދައްކަންޖެހޭ 262،880.52 ޝަރީއަތް މެދުވެރިކޮށް ހޯދައިދިނުމަށެވެ.

ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ އަޑުއެހުމެއް އިއްޔެ ހެނދުނު 10:00 އަށް ތާވަލުކޮށް، އަޑުއެހުމަށް ހާޒިރުވުމަށް އަންގައި އޭޑީކޭއަށް ވަނީ ޗިޓު ފޮނުވާފައެވެ. އަދި އެ ޗިޓު އެ ކުންފުންޏަށް ރައްދުވެފައިވާ ކަމަށްވެސް ކޯޓުގެ ލިޔެކިޔުންތަކުން ދައްކައެވެ.

ނަމަވެސް، ކަނޑައެޅުނު ގަޑިއަށް މައްސަލަ ހުށަހެޅި އޭޑީކޭގެ ފަރާތުން އެއްވެސް މީހަކު ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. އަދި ހާޒިރުނުވެވޭ ފަދަ މަގުބޫލު އުޒުރެއްވެސް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ޝަރީއަތް ކުރުމާ ބެހޭ އިޖުރާއާތުތަކާއި ކޯޓުގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދައުވާކުރާ ފަރާތް ޣައިރު ހާޒިރުވުމުގެ ސަބަބުން މި މައްސަލަ ކުރިއަށް ނުގެންދެވޭނެތީ، ސިވިލް ކޯޓުން ވަނީ މައްސަލަ ބާތިލުކޮށްފައިވާ ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައެވެ.

ސިވިލް ކޯޓުން މި މައްސަލަ ބާތިލުކުރީ، ގާޒީ ހާފިޒާ އަބްދުއްސައްތާރެވެ.

comment ކޮމެންޓް