ރާއްޖޭގައި ދޭ ޑުރަގު ފަރުވާއަށް އޭއައިގެ އެހީ ހޯދަނީ

އެންޑީއޭއާއި ޔުނާން ޔުނިވާސިޓީން އެއްބަސްވުމުގައި ސޮއިކުރުން: ރާއްޖޭގައި ދޭ ޑުރަގު ފަރުވާއަށް އޭއައިގެ އެހީ ހޯދަން އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައި -- ފޮޓޯ/ އެންޑީއޭ

ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ނެޝަނަލް ޑުރަގު އޭޖެންސީ (އެންޑީއޭ)އިން ދޭ ފަރުވާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމުގައި އެހީ ހޯދަން ޗައިނާގެ ޔުނިވާސިޓީއަކާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެންޑީއޭއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، އެ އިދާރާއިން ފޯރުކޮށްދޭ ރިހެބިލިޓޭޝަނާއި ނަފުސާނީ އެހީގައި އޭއައި ބޭނުންކުރުމާ ގުޅޭ ގޮތުން، ޗައިނާގެ ޔުނާން ޔުނިވާސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގައި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އަހުމަދު ސިއްދީގެވެ.

ޔުނާން ޔުނިވާސިޓީން އޭއައި ބޭނުންކުރުމާ ގުޅޭ ޕްރެޒެންޓޭޝަނެއް ދިނުން: ރާއްޖޭގައި ދޭ ޑުރަގު ފަރުވާއަށް އޭއައިގެ އެހީ ހޯދަން އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައި -- ފޮޓޯ/ އެންޑީއޭ

އެ އެމްއޯޔޫގައި ސޮއިކުރުމާއެކު، އޭއައި ބޭނުންކުރުމާ ގުޅޭ ގޮތުން ޔުނިވާސިޓީގެ ފަރާތުން އެންޑީއޭއަށް މިއަދު މައުލޫމާތު ދީފައި ވެސްވެއެވެ.

އެންޑީއޭއިން މިދިޔަ ޖަނަވަރީ މަހު ބުނެފައިވާ ގޮތުގައި، ބައި މިލިއަނެއްހާ އާބާދީއެއް އޮންނަ ރާއްޖޭގައި ދިހަ ހާހަށް ވުރެ ގިނަ މީހުން ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައެވެ. އެ އިދާރާއިން އޭރު ވަނީ، ރާއްޖޭގެ އާބާދީ ބޮޑެތި ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭން ނުވަ މަރުކަޒެއް ހުންނައިރު، އެ މަރުކަޒުތަކުގެ ޖާގަ އިތުރުކުރަން ޖެހޭކަން ފާހަގަކޮށްފައެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ފަރުވާދިނުމަށް ފަހު ބައެއް މީހުން މުޖުތަމައަށް ދޫކޮށްލުމުން، މުޖުތަމައާއި އާއިލާގެ އެއްބާރުލުން ނުލިބޭތީ އަލުން އެ މީހުން މަސްތުވާތަކެތި ބޭނުންކުރަން ފެށުމަކީ ގޮންޖެހުމެއްކަން އެންޑީއޭއިން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް