ސަލްޓަން ޕާކުގައި އީ-ސްޕޯޓްސް ސަރަހައްދެއް ގާއިމުކުރަން ބީލަމަށް ހުޅުވައިލި މުއްދަތު އަނެއްކާ އިތުރުކޮށްފި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓްގެ ތެރެއިން: އީ-ސްޕޯޓްސް އަށް ޚާއްސަ ސަރަހައްދެއް ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނުކޮށް ބިޑަށް ހުޅުވައިލި މުއްދަތު އަނެއްކާ ވެސް ވަނީ އިތުރުކޮށްފައި --- ސަން ފޮޓޯ / މޫސާ ނަދީމް

މާލޭ ސަލްޓަން ޕާކުގައި އީ-ސްޕޯޓްސްއަށް ޚާއްސަ ސަރަހައްދެއް ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވައިލި މުއްދަތު އިތުރުކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެދުމުގެ މަތިން، ސަލްޓަން ޕާކުގައި އީ-ސްޕޯޓްސްއަށް ޚާއްސަ ސަރަހައްދެއް ގާއިމުކުރުމަށް އެންމެ ފުރަތަމަ ހުޅުވައިލީ މިދިޔަ ޖޫން މަހުގެ ފަހުކޮޅެވެ. އެގޮތުން އެންމެ ފުރަތަމަ ބީލަމަށް ހުޅުވައިލީ ޖޫން 30އިން މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ އިއުލާނުކުރިތާ ފަސް ދުވަސް ފަހުން ޖުލައި މަހުގެ ފަސްވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ވަނީ، އީ-ސްޕޯޓްސް ސަރަހައްދު ގާއިމުކުރަން ޝައުގުވެރިވާ ފަރާތްތަކުން ބީލަމަށް އެދި ހުށަހެޅުމުގެ މުއްދަތު އެ މަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ނަމަވެސް އެ ކަމަށް މާ ބޮޑު ތަރުހީބެއް ލިބިފައިނުވާ ކަމަށް ބުނެ، އީ-ސްޕޯޓްސް އަށް ޚާއްސަ ސަރަހައްދެއް ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވައިލީ މި މަހުގެ 10ވަނަ ދުވަހެވެ. އެ އިއުލާނުގައި ފިނޭންސް މިނިސްޓްރީން ވަނީ، އީ-ސްޕޯޓްސް ސަރަހައްދު ގާއިމުކުރުމުގެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ މިއަދު މެންދުރު ކަން ބަޔާންކޮށްފައެވެ.

އެކަމަކު މިއަދު ކުރި އިއުލާނުގައި ވަނީ، ބީލަން ހުށަހަޅަންޖެހޭ އެންމެ ފަހު މުއްދަތަކީ އަންނަ ހަފުތާގެ ބުދަ ދުވަސް ކަމަށް ކަނޑައަޅައިފައެވެ.

މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، ބީލަމުގައި ބައިވެރިވާ ފަރާތްތަކުން މި މަހުގެ 10ވަނަ ދުވަހާއި އަންނަ ހޯމަ ދުވަހާ ދެމެދު ބަނޑޭރި ޕޭ މެދުވެރިކޮށް ރަޖިސްޓްރޭޝަން ފީ ގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހޭނެއެވެ. މި މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 148 ދުވަހުގެ ތެރޭ 36،500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އިއުލާނުގައި ވެއެވެ.

އީ-ސްޕޯޓްސް ނުވަތަ ގޭމިން ބައެއް ޒުވާނުންގެ މެދުގައި މަގުބޫލެވެ. އަދި އީ-ސްޕޯޓްސް މުބާރާތްތައް ދޭތެރެއަކުން ބާއްވައެވެ.

https://sun.mv/182570

ފާހަގަކުރެވޭ ގޮތުގައި، ސެޕްޓެންބަރު 2023ގައި އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އީސްޕޯޓްސް އެރީނާ އަޅައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އެގޮތުން ރިޔާސީ ކެމްޕެއިންގެ ތެރެއިން ބޭއްވި "މުއިއްޒު ފޯ އީސްޕޯޓްސް" ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެ ތަނުގައި ތިބި ޒުވާނުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އޭރު ވިދާޅުވީ އިންޓަނޭޝަނަލް އީސްޕޯޓްސް އެރީނާއެއް މާލޭގެ އިތުރުން، ރާއްޖޭގެ އުތުރާއި، ދެކުނުގެ ދެ ރަށެއްގައި ގާއިމުކޮށްދެއްވާނެ ކަމަށެވެ

comment ކޮމެންޓް