އިންޑިއާގެ ޓަމިލްނާޑޫ ސްޓޭޓް ސަރުކާރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް، ތިންވަނަ ދަރިފުޅު ލިބުމުން ދޭ ވިހެއުމުގެ ޗުއްޓީ 365 ދުވަސް (އެއް އަހަރު) އިތުރުކޮށްފިއެވެ.
ޗީފް މިނިސްޓަރު ވިޖޭގެ ސަރުކާރުން މި ބަދަލު ގެނައިކަން އިއުލާންކުރީ ޓަމިލްނާޑޫގެ ގާނޫނުހަދާ މަޖިލީހުގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައެވެ. އެ ސްޓޭޓުގެ ހިއުމަން ރިސޯސަސް މެނޭޖްމަންޓް މިނިސްޓަރު ޑީ. ސަރަތުކުމާރު ވިދާޅުވި ގޮތުގައި، މި ބަދަލު ގެނައީ އަންހެނުން ބާރުވެރިކުރުވުމަށާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުގެ ދަށުންނެވެ.
އޭނާގެ ވުޒާރާގެ ބަޖެޓާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަދައްކަވަމުން ސަރަތުކުމާރު ފާހަގަކުރެއްވި ގޮތުގައި، ޓަމިލްނާޑޫ ސަރުކާރަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދޭ ސަރުކާރަކަށް ވުމާއެކު، އަންހެން މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ މުހިންމު ކަމެކެވެ.
މިހާތަނަށް އަމަލުކުރަމުން އައި އުސޫލުގެ ދަށުން، ސަރުކާރުގެ އަންހެން މުވައްޒަފުންނަށް 365 ދުވަހުގެ މެޓާނިޓީ ލީވް ނުވަތަ ވިހެއުމުގެ ޗުއްޓީ ލިބެނީ ފުރަތަމަ ދެ ކުދިންނަށެވެ. އަދި ދެ ކުދިންނަށް ވުރެ ގިނަ ކުދިން ތިބޭ މުވައްޒަފުންނަށް ތިންވަނަ ދަރިފުޅު ލިބުމުން މުސާރައާއެކު ލިބެނީ 12 ހަފުތާ ނުވަތަ 84 ދުވަހުގެ ޗުއްޓީއެކެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތިންވަނަ ދަރިފުޅަށް 12 ހަފުތާގެ ޗުއްޓީއެއް ދޭން ފެށީ، ތިންވަނަ ދަރިފުޅު ލިބޭ ހާލަތުގައި ވެސް ވިހެއުމުގެ ޗުއްޓީގެ ހައްގު މުޅިން ނިގުޅައިނުގަނެވޭނެ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު، ފުރަތަމަ ދެ ކުދިންނެކޭ އެއްފަދައިން ތިންވަނަ ދަރިފުޅާ އެކުވެސް އެއް އަހަރު ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
ޓަމިލްނާޑޫ ސަރުކާރުން ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ވިހެއުމުގެ ޗުއްޓީގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ 90 ދުވަހުގެ ގޮތުގައި އޮތް ޗުއްޓީ، 2011 ވަނަ އަހަރު ވަނީ ހަ މަސް ދުވަހަށް އިތުރުކޮށްފައެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އެ މުއްދަތު ނުވަ މަސް ދުވަހަށް އިތުރުކުރުމަށްފަހު، 365 ދުވަހަށް ޗުއްޓީ އިތުރުކުރީ 2021 ވަނަ އަހަރުގެ ޖުލައި މަހުގައެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިފަދަ ލުއިތަކެއް ސަރުކާރުން ދެމުން އަންނަނީ އެ ސްޓޭޓުގެ އާބާދީ އިތުރުވާ ނިސްބަތް ދަށްވަމުންދާތީއެވެ. އެގޮތުން ޓަމިލްނާޑޫގެ ފާޓިލިޓީ ރޭޓް ނުވަތަ ދަރިމައިވާ ނިސްބަތް މިހާރު ހުރީ 1.4 ގައެވެ. މިއީ އާބާދީ އެއްވަރެއްގައި ހިފެހެއްޓުމަށް ބޭނުންވާ 2.1 ގެ ނިސްބަތަށް ވުރެ މާ ބޮޑަށް ވެސް ދަށް އަދަދެކެވެ.
މިނިސްޓަރު ސަރަތުކުމާރު މަޖިލީހުގައި މިކަން އިއުލާންކުރެއްވުމާ ގުޅިގެން، ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ނިންމުން ތަންފީޒުކުރުމަށްޓަކައި ސަރުކާރުގެ ރަސްމީ އަމުރެއް ވަރަށް އަވަހަށް ނެރޭނެއެވެ.