ސޮނާކްޝީއާ ދެކޮޅަށް ބީޖޭޕީން ކެމްޕޭނެއް ހިންގާ ކަމަށް ސަތަރޭ ތުހުމަތުކޮށްފި

އިންޑިއާގެ ބަތަލާ ސޮނާކްޝީ ސިންހާ އަދި ކުރީގެ އެކްޓަރު ޝަތުރުގަން ސިންހާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާއާ ދެކޮޅަށް ބަޔަކު މީހުން ކެމްޕޭންތަކެއް ހިންގަމުން އަންނަ ކަމަށާއި އަދި އެ ކެމްޕޭނަކީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ އައިޓީ ސެލްއިން އަޑީގައި އޮވެގެން "އުފައްދާފައިވާ" ކަމެއް ކަމަށް ބަތަލާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރުގަން ސިންހާ ތުހުމަތުކޮށްފިއެވެ.

ދާދިފަހުން އިންޑިއާގެ ދިއްލީގައި ކުރިއަށްދިޔަ ދަރިވަރުންގެ މުޒާހަރާތަކަށް ތާއީދުކުރުމާ ގުޅިގެން ސޮނާކްޝީއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ ދެކޮޅަށް، އެކްޓަރު އަދި ތުރިނަމޫލް ކޮންގްރެސް (ޓީއެމްސީ)ގެ ލީޑަރު ޝަތުރުގަން ސިންހާ ވަނީ އޭނާގެ ދަރިފުޅުގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.

ޝަތުރުގަން ތުހުމަތުކުރި ގޮތުގައި ސޮނާކްޝީއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ ފައިސާދީގެން މީހުން މެދުވެރިކޮށް ރާވައިގެން ހިންގާ ކަމެކެވެ.

ދަރިވަރުންގެ ހަރަކާތްތަކަށް ފާޅުގައި ތާއީދުކޮށް، ޖަންތަރު މަންތަރުން އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ދުރުކުރި ކުރުން ކުށްވެރިކުރި ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކުގެ ތެރޭގައި ސޮނާކްޝީ ވެސް ހިމެނެއެވެ.

ފިލްމު "ސިސްޓަމް"ގެ މަންޒަރެއްގައި ސޮނާކްޝީ އަދި ދެކުނު އިންޑިއާގެ ބަތަލާ ޖިއޮތިކާ--ފޮޓޯ/ޕިންކްވިލާ

ނަމަވެސް، ޖަރްކަންދުގައި ކުރިއަށްދިޔަ ދަރިވަރުންގެ މުޒާހަރާތަކާ ގުޅިގެން ސޮނާކްޝީ އެފަދަ އެއްބާރުލުމެއް ދީފައި ނުވަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ބައެއް ފަރާތްތަކުން ވަނީ އޭނާއަށް ފާޑުކިޔާފައެވެ.

އޭބީޕީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޝަތުރުގަން ވަނީ މި ފާޑުކިޔުންތައް ދޮގުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ދަރިފުޅު ވަނީ އޭގެ ދުވަސްކޮޅެއް ކުރިން ޖަރްކަންދުގެ ދަރިވަރުންނަށް ވެސް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަދައްކާފައެވެ.

މީގެއިތުރުން، ސޮނާކްޝީއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުކުރަނީ ބީޖޭޕީގެ އައިޓީ ސެލްއާއި އެ ޕާޓީގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުން އަޑީގައި ތިބެގެން ކަމަށް ވެސް ޝަތުރުގަން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް އެފަދަ ފާޑުކިޔުންތަކަށް ސޮނާކްޝީ ތަބާނުވާނެ ކަމަށާއި ދަރިފުޅު އަބަދުވެސް ހުންނާނީ ހަގީގަތާ އެއްކޮޅަށް ވާހަކަދައްކާ މީހުންނާ އެކު ކަމަށް ޝަތުރުގަން ވަނީ ބުނެފައެވެ.

ސޮނާކްޝީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މެއި މަހު އެމެޒޯން ޕްރައިމްއިން ގެނެސްދިން ލީގަލް ޑްރާމާ ފިލްމު "ސިސްޓަމް"އިންނެވެ.

comment ކޮމެންޓް