ވިޖޭގެ ވަދާއީ ފިލްމު ސްޓްރީމިންގްއަށް ދޫކޮށްލަނީ

ފިލްމު "ޖަނަ ނަޔަގަން"ގެ މަންޒަރެއްގައި ވިޖޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ ތަމަޅަ ނާޑޫގެ ޗީފް މިނިސްޓަރު އަދި ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ތަލަޕަތީ ވިޖޭގެ ވަދާއީ ފިލްމު "ޖަނަ ނަޔަގަން" ސްޓްރީމިންގްއަށް ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މިދިޔަ ޖުލައި މަހުގެ 23ގައި ސިނަމާތަކުގައި ރިލީޒްކުރި ވިޖޭގެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވަނީ ޒީ5 މެދުވެރިކޮށް މި އަންނަ ހުކުރު ދުވަހުއެވެ.

މި ފިލްމު ޒީ5އިން ދައްކަން ފަށާނެކަން އެ ޕްލެޓްފޯމުން ހޯމަ ދުވަހު ވަނީ އިއުލާންކޮށްފައެވެ. ކޭވީއެން ޕްރޮޑަކްޝަންއިން އެޗް ވިނޯދު ޑައިރެކްޓްކޮށް ވެންކަތު ކޭ ނާރަޔަނާ ޕްރޮޑިއުސްކޮށްފައިވާ "ޖަނަ ނަޔަގަން" އަކީ، ވިޖޭގެ ފިލްމީ ހަޔާތުގެ ވަރަށް ހާއްސަ އަދި ތާރީހީ މަސައްކަތެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

ފިލްމު "ޖަނަ ނަޔަގަން"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އަދި ހަމައެއާއެކު ފިލްމު ބެލުންތެރިންނަށް ހަމައަށް ގެނެސްދެވުނީ ވެސް ވަރަށް ގިނަ އިމްތިހާނުތަކެއް ކަޑައްތުކުރުމަށްފަހު ކަމަށް ކޭވީއެންއިން ބުނެފައިވެއެވެ.

ވިޖޭގެ ސަޕޯޓަރުންނަށް އެކްޓަރުގެ ފަރާތުން ގެނެސްދިން މި ވަދާއީ ފިލްމަކީ ވަރަށް ވަރުގަދަ ޕޮލިޓިކަލް ޑްރާމާއެކެވެ. މުޅިއެކު 500 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް މިހާތަނަށް ބޮކްސް އޮފީހުގައި 300 ކްރޯޑު ރުޕީސް އާއި 325 ކްރޯޑު ރުޕީސްއާ ދެމެދުގެ އާމްދަނީއެއް ލިބިފައިވާއިރު ފިލްމުގެ ޑިޖިޓަލް ރައިޓްސް ވިއްކާލައިގެން ހަރަދު ފޫބެއްދޭނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ވިޖޭގެ އިތުރުން ބިބީ ޑިއޯލް އަދި ޕޫޖާ ހެގްޑޭ މުހިއްމު ރޯލް ކުޅެފައިވާ "ޖަނަ ނަޔަގަން"ގެ އެޗްޑީ ކޮޕީއެއް އޮންލައިންކޮށް ލީކުވުމަކީ ވެސް ފިލްމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. ފިލްމުގެ ކާމިޔާބީ ފާހަގަކުރުމަށްޓަކައި އުފެއްދުންތެރިން ދާދިފަހުން ވަނީ ޗެންނާއީގައި ހާއްސަ ހަފްލާއެއް ވެސް ބާއްވާފައެވެ.

comment ކޮމެންޓް