ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އަމާޒުކޮށް ފޮނުވާލި މިސައިލްތަކެއް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމަށް ދެނެގަނެވިފައިވާ ކަމަށް ބުނެ، ރައްކާތެރި ތަންތަނަށް ވަނުމަށް އަންގައި އެ ގައުމުގެ ރައްޔިތުންނަށް މިއަދު ކުއްލި އިންޒާރުގެ މެސެޖެއް ފޮނުވައިފިއެވެ.
ޔޫއޭއީގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ ގައުމަށް އަމާޒުކޮށް ފޮނުވާލި މިސައިލްގެ ނުރައްކަލެއް ދެނެގަނެވިފައިވެއެވެ.
ޔޫއޭއީގެ ދާހިލީ ވުޒާރާއާއި ނޭޝަނަލް އިމަޖެންސީ ކްރައިސިސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންސީއީއެމްއޭ) އިން މޯބައިލް ފޯނުތަކަށް ފޮނުވި ކުއްލި އިންޒާރުގެ މެސެޖުގައި ބުނެފައިވަނީ، މިހާރު އޮތް ހާލަތާއި، ކުރިމަތިވެދާނެ މިސައިލް ހަމަލާއެއްގެ ނުރައްކަލަށް ބަލައި، އެންމެ ކައިރީގައިވާ ރައްކާތެރި އިމާރާތަކަށް ވަގުތުން ވަނުމަށެވެ. ނަމަވެސް، މި އިންޒާރު ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހާލަތު އާންމު ގޮތަކަށް ބަދަލުވެފައިވާ ކަމަށް ބުނެ، އެ އިންޒާރު ވަނީ އަނބުރާ ގެންގޮސްފައެވެ. ޔޫއޭއީގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި، އާންމުންނަށް އިވުނު އަޑުތަކަކީ ވައިގެ ދިފާއީ ނިޒާމުން އެ މިސައިލްތައް ވައްޓާލުމުގެ ސަބަބުން އިވުނު އަޑުތަކެކެވެ. އަދި ރަސްމީ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ ވުޒާރާއިން ވަނީ އާންމުންނަށް އަންގާފައެވެ.
މިއީ ފާއިތުވި މަސްތަކުގެ ތެރޭގައި ޔޫއޭއީން މިފަދަ އިންޒާރެއް ދިން ފުރަތަމަ ފަހަރެވެ. މީގެ ކުރިން، މި އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު ވެސް މިފަދަ އިންޒާރެއް ދީފައިވެއެވެ. ނަމަވެސް، ފަހުން އެންސީއީއެމްއޭއިން ބުނި ގޮތުގައި އެއީ އިންޒާރުދޭ ނިޒާމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެރި އޮޅުމެކެވެ.
އޭގެ ފަހުން ޖުލައި މަހު ވެސް ހަމަލާއެއްގެ އިންޒާރު ދިން ނަމަވެސް، އެ ހަމަލާ ޔޫއޭއީގެ ސަރަހައްދަށް ވަދެފައެއް ނުވެއެވެ. އަދި އޭގެ ކުރިން މެއި މަހުގެ ކުރީކޮޅު ވެސް މިސައިލް ހަމަލާއެއްގެ އިންޒާރު އެ ގައުމުން ދީފައިވެއެވެ. މި ހާދިސާތަކާ ގުޅިގެން، ކުންފުނިތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ވަނީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ހަރުދަނާކުރުމަށް ގޮވާލާފައެވެ.
މި ހަމަލާގެ އިންޒާރު ދީފައިމިވަނީ މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ މުއްދަތު ހޯމަ ދުވަހު ހަމަވުމާ ގުޅިގެން ސަރަހައްދީ ނުރައްކާ ވަނީ ބޮޑުވެފައެވެ.
މި އަހަރުގެ ފެބްރުއަރީ 28 ގައި މެދުއިރުމަތީގެ ހަނގުރާމަ ފެށުނުއިރު، އީރާނުން ފޮނުވާލި 3،000 އަށް ވުރެ ގިނަ މިސައިލާއި ޑްރޯންގެ އަމާޒަކަށް ވެފައިވަނީ ޔޫއޭއީއެވެ. އޭގެ ފަހުން ޖޫން މަހު ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ގާއިމުކުރެވުނު ނަމަވެސް، އެ އެއްބަސްވުން މިހާރު ވަނީ އުވިފައެވެ. މީގެ އިތުރުން، ޔޫއޭއީގެ ދައުލަތުގެ ތެޔޮ ކުންފުނި، އެޑްނޮކްގެ ތެޔޮ ޓޭންކަރުތަކަށް ވެސް ފާއިތުވި ހަފުތާތަކުގައި ވަނީ އަމާޒުކޮށްފައެވެ. ޔޫއޭއީގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި، ގައުމުގެ ސިޔާދަތާއި ސަލާމަތްތެރިކަން ރައްކާތެރިކުރުމަށްޓަކައި ކޮންމެ ނުރައްކަލަކާ ކުރިމަތިލުމަށް ވެސް އެ ގައުމުގެ އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރުވެގެންނެވެ.