މާލެއިން ދެކުނުގެ ރަށެއްގެ ސްކޫލެއްގައި، އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި އިސްލާމް ޓީޗަރަކު، 15 އަހަރަށް ޖަލަށްލާން، ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މިއީ މީގެ ގާތްގަނޑަކަށް 10 އަހަރު ކުރިން، ސްކޫލެއްގެ އިސްލާމް ޓީޗަރަކު އެ ސްކޫލުގައި ކިޔެވި ގިނަ އަންހެން ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެކެވެ. ދަށު ކޯޓުން ސާބިތުނުވެ އޮތް މި މައްސަލައަކީ، ދައުލަތުން ކުރި އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދައުވާއެކެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި އިސްލާމް ޓީޗަރު، ޖިންސީ ގޯނާ ކޮށްފައި ވަނީ ގްރޭޑް ހަތެއްގައި ކިޔަވަމުން ދިޔަ ދަރިވަރުންތަކަކަށެވެ. ދަށު ކޯޓުން މި މައްސަލަ ސާބިތު ނުވުމުން ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ 2024 ވަނަ އަހަރެވެ.
މި މައްސަލައިގެ ޝަރިއަތުގައި އިސްލާމް ޓީޗަރުގެ ފަރާތުން ޗެލެންޖްކޮށްފައި ވަނީ ދަރިވަރުންގެ ގައިގައި އޭނާ އަތްލާފައި އޮތްނަމަވެސް، އެއީ ޖިންސީ ނިޔަތެއްގައި ކުރިކަމެއްކަން ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. ދައުލަތުން ވަނީ މި މައްސަލައިގައި، ހެކިންގެ ގޮތުގައި ދަރިވަރުންގެ ބަޔާންތަކާއި، މެޑިކަލް ރިޕޯޓްތަކުގެ އިތުރުން ސްކޫލުގެ ލީޑިން ޓީޗަރާއި އެހެންވެސް ބައެއް މީހުންގެ ތަހުގީގު ރިޕޯޓްތައް ވެސް ހުށަހަޅައިފައެވެ.
މި މައްސަލައިގައި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ އިސްލާމް ޓީޗަރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ހައިކޯޓުގައި މައްސަލަ ބެލީ ފަނޑިޔާރު ހުސެއިން މަޒީރު، ހަސަން ޝަފީއު އަދި ފާތިމަތު ފަރުހީޒާއެވެ.