ވެމްކޯގެ އިދާރީ ޚިދުމަތްތައް ހޯދުމަށް ޚާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފި

ވެމްކޯގެ އިދާރީ ޚިދުމަތްތައް ހޯދުމަށް ޚާއްސަ މޯބައިލް އެޕްލިކޭޝަނެއް މިހާރު ވަނީ ތަޢާރަފުކޮށްފައި -- ފޮޓޯ/ ވެމްކޯ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އިދާރީ އެންމެހާ ޚިދުމަތްތައް އެއް ވިއުގައަކުން ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގްޞަދުގައި "ވެމްކޯ" ގެ ނަމުގައި ރަސްމީ މޯބައިލް އެޕްލިކޭޝަނެއް އިފްތިތާޙުކޮށްފިއެވެ.

ވެމްކޯއިން ބުނީ، މި އެޕްލިކޭޝަން މެދުވެރިކޮށް ކުނި ނެގުމާ ގުޅޭ އެންމެހާ އިދާރީ ޚިދުމަތްތައް މިހާރު ފަސޭހަކަމާއެކު އޮންލައިންކޮށް ހޯދޭނެ ކަމަށެވެ.

އެގޮތުން ވެމްކޯގެ ކުނި ނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީވުމާއި، ވަކިވަކިން އުކާލާ ކުނި (ކެޕްސް) އުކާލުމަށް ރިކުއެސްޓް ކުރުމުގެ ޚިދުމަތް މި އެޕްލިކޭޝަންގެ ތެރެއިން ލިބިގެންދާނެކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މި އެޕްލިކޭޝަން ބޭނުންކުރެވޭނީ "އީފާސް" މެދުވެރިކޮށް ރަޖިސްޓްރީވެގެން ކަމަށް ވެސް ވަނީ ބުނެފައެވެ.

https://www.facebook.com/share/r/1B7UbDvSio/

މީގެ އިތުރުން، ވެމްކޯގެ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ ކަންކަން ވެސް މި އެޕްލިކޭޝަނާއެކު އިތުރަށް ލުއިފަސޭހަވެގެން ގޮސްފައިވާ ކަމަށާއި އެގޮތުން ބިލުގެ ތަފްސީލުތަކާއި، ކުރީގެ ބިލުތައް ބަލައިލުމުގެ އިތުރުން، އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި ޚިދުމަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރުމަށް ވެމްކޯގެ އެޖެންޓުންނާ ޗެޓްކުރުމާއި، ޝަކުވާ ހުށަހެޅުމާއި، ހުށަހަޅާފައިވާ މައްސަލަތައް ކުރިއަށް ގޮސްފައިވާ މިންވަރު އަދި ކޮށްފައިވާ މުޢާމަލާތްތައް ވެސް އެޕް މެދުވެރިކޮށް ބަލައިލެވޭނެ އިންތިޒާމު ވެސް މި އެޕް މެދުވެރިކޮށް ހަމަޖެހިފައިވާ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ގްރޭޓަ މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައާއި އާބާދީ ބޮޑެތި ގިނަ ރަށްތަކެއްގައި ވެމްކޯއިން އަންނަނީ ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

އަލަށް ތަޢާރަފުކުރި މި އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރު އަދި ގޫގުލް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެ ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯއަކީ ދިވެހިރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ހަރުދަނާކޮށް، ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުނި ނައްތާލުމަށް ސަރުކާރުން އުފައްދާފައިވާ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

މި ކުންފުނީގެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ގޭބިސީތަކާއި، ވިޔަފާރިތަކާއި އަދި އޮފީސްތަކުން އުފެދޭ ކުނި އެއްކޮށް ރައްކާތެރިކަމާއެކު އުކާލަދިނުމާއި، އެއްކުރެވޭ ކުނި ތިލަފުށި ފަދަ ކުނި މެނޭޖްކުރާ ސަރަހައްދުތަކަށް ގެންގޮސް ތިމާވެށްޓަށް ނުރައްކާ ނުވާނޭހެން ނައްތާލުން ހިމެނެއެވެ.

މީގެ އިތުރުން، މުޖުތަމަޢުގައި ކުނި ވަކިކުރުމުގެ އާދަ އަށަގަންނުވައި ރީސައިކަލް ކުރުމަށް ބާރުއެޅުމާއި، މާލެ ސަރަހައްދާއި އެކި ރަށްރަށުގެ މަގުތަކާއި އާންމު ސަރަހައްދުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް ވެމްކޯއިން ކުރިއަށް ގެންދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް