ޕެކޭޖެއްގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު، ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ، މިދިޔަ ހޮނިހިރު ދުވަހު ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖެއް ބަލައިފާސްކުރިއިރު، އޭގެތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވުނު ކަމަށެވެ.
އެހެންވެ، އިތުރަށް ބެލި ބެލުމުން 3،207 ގުރާމުގެ ކެނަބިސް އެ ޕެކޭޖުން ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
މިއީ، މިދިޔަ ހޮނިހިރު ދުވަހު ކަސްޓަމްސްއިން، އަތުލައިގަތް މަސްތުވާތަކެތީގެ ދެވަނަ ޕެކޭޖެވެ. މިގޮތުން، އެ ދުވަހު އަތުލައިގަތް ފުރަތަމަ ޕެކޭޖުން ވެސް ވަނީ ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައެވެ.
ޕޯސްޓް މެދުވެރިކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކެއް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ. އެފަދަ މައްސަލަތަކުގައި، ޕެކޭޖާ ހަވާލުވާން ދާން މީހުން ހައްޔަރުކޮށް، މީގެ ކުރިން ޖަލު ހުކުމް ވެސް ކޮށްފައިވެއެވެ.
ކަސްޓަމްސްއިން މީގެ ކުރިން ވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެންނަ ޕެކޭޖުތައް ސްކޭން ކުރާ ކަމަށާއި، ޝައްކު ކުރެވޭ ޕެކޭޖުތައް ވަކިން ބަހައްޓައި އިތުރަށް ބަލާ ކަމަށް ބުނެފައެވެ.