ޕެނިކް އެޓޭކެއް އަންނަ ވަގުތު ހޭނެތިދާނެތަ؟

ޕެނިކް އެޓޭކެއް އަންނަ ވަގުތު ހިތުގެ ވިންދު އަވަސްވެ، ނޭވާލާން އުނދަގޫވެ، ބޯއެނބުރޭ ގޮތް ވެއެވެ. އަދި ލޯ ފުސްވުމާއެކު، ހޭނެތިދާނެ ކަމުގެ އިހުސާސް ކުރެވިދާނެއެވެ. ނަމަވެސް، ހަގީގަތުގައި ޕެނިކް އެޓޭކެއްގެ ސަބަބުން ހޭނެތުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ. މިކަން މެދުވެރިވާ ސަބަބު ދެނެގަތުމަކީ، މިފަދަ ވަގުތުތަކުގައި އުފެދޭ ބިރުވެރިކަން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ޕެނިކް އެޓޭކެއް އަންނަ ވަގުތު ހަށިގަނޑުގެ "ފައިޓް-އޯ-ފްލައިޓް" ނިޒާމު ހަރަކާތްތެރިވެއެވެ. ސިކުނޑިއަށް ނުރައްކަލެއް ކުރިމަތިވެއްޖެ ކަމަށް ހީވުމާއެކު، އެޑްރެނަލިން ފަދަ ސްޓްރެސް ހޯމޯންތައް ދޫކުރަން ފަށައެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ، ލޭގެ ޕްރެޝަރު މައްޗަށް ގޮސް، ނޭވާލުން އަވަސްވެއެވެ. އަދި ހަށިގަނޑުގެ މަސްތަކަށް ލޭ ފޮނުވައިދޭ މިންވަރު އިތުރުކުރެއެވެ. ހަމައެއާއެކު، ނޭވާލުން އަވަސްވެ ފުންވުމުގެ ސަބަބުން (ހައިޕަވެންޓިލޭޓް ވުމުން) ލޭގައި ހުންނަ ކާބަން ޑައިއޮކްސައިޑްގެ މިންވަރު ދަށްވެއެވެ.

މީގެ ނަތީޖާއެއްގެ ގޮތުން ބޯއެނބުރުމާއި، އަތްފައި އަދި މޫނު އައްސިވުމާއި، ލޯ ފުސްވުމުގެ އިތުރުން އަމިއްލަ ނަފްސާ ނުވަތަ ވަށައިގެންވާ މާހައުލާ ގުޅުން ކެނޑިފައިވާ ފަދަ އިހުސާސެއް ކުރެވެއެވެ. މިއީ ހޭނެތުމުގެ ކުރިން އާންމުކޮށް ކުރެވޭ އިހުސާސްތަކާ ވަރަށް އެއްގޮތް ކަންކަމެވެ.

އާންމުގޮތެއްގައި މީހުން ހޭނެތެނީ ލޭގެ ޕްރެޝަރު ދަށްވެ، ސިކުނޑިއަށް ލޭ ފޯރުކޮށްދޭ މިންވަރު މަދުވުމުންނެވެ. ނަމަވެސް ޕެނިކް އެޓޭކެއްގައި ހަށިގަނޑުގެ ސްޓްރެސް ނިޒާމު ހަރަކާތްތެރިވުމުގެ ސަބަބުން ލޭގެ ޕްރެޝަރު އާންމުކޮށް ދަނީ މައްޗަށެވެ. އެހެންކަމުން، ޕެނިކް އެޓޭކެއްގެ ތެރެއިން ހޭނެތުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެންނަމަވެސް، ބައެއް ހާލަތްތަކުގައި މާބޮޑަށް ބިރުގަތުމުގެ ސަބަބުން ނުވަތަ ވޭނެއްގެ ސަބަބުން "ވެސޯވެގަލް" ރެސްޕޮންސެއް މެދުވެރިވެ، ކުއްލިއަކަށް ހިތުގެ ވިންދާއި ލޭގެ ޕްރެޝަރު ދަށްވެ، ކުޑަ ވަގުތުކޮޅަކަށް ހޭނެތިދާނެއެވެ. މިއީވެސް ޕެނިކް އެޓޭކެއްގައި ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ.

ނޭވާލުމަށާއި ހިތުގެ ވިންދަށް އަންނަ ބަދަލުތަކަކީ ހޭނެތެން އުޅޭކަމުގެ ނިޝާނެއް ކަމަށް ސިކުނޑިއަށް ގޯސްކޮށް މާނަކުރެވެއެވެ. މިކަމުގެ ސަބަބުން ބޯއެނބުރޭކަން އިހުސާސްވުމާއެކު، ހޭނެތިދާނެކަމުގެ ބިރު ބޮޑުވެ، ހާސްވުން އިތުރުވެ، ނޭވާލުން އިތުރަށް އަވަސްވެއެވެ. އަދި ބޯއެނބުރުން އިތުރަށް ގޯސްވެއެވެ. މިއީ އޮކްސިޖަން މަދުވެގެން ވާކަމެއް ނޫންކަން ދެނެގަތުމަކީ މި ބިރުވެރިކަމުން ސަލާމަތްވުމަށް މުހިންމު ފިޔަވަޅެކެވެ.

ޕެނިކް އެޓޭކެއް އަންނަ ވަގުތު ބޯއެނބުރޭނަމަ، ނޭފަތުން އެތެރެއަށް މަޑުމަޑުން ނޭވާލުމަށްފަހު އަނގައިން ބޭރުކުރާށެވެ. މާ ފުންކޮށް ނޭވާލުމުގެ ބަދަލުގައި އާދައިގެ ވަރެއްގައި ނޭވާލުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި އަނިޔާއެއް ލިބިދާނެކަމުގެ ބިރު ކުޑަކުރުމަށްޓަކައި އިށީނދެ ނުވަތަ އޮށޯވެލާށެވެ. އޭގެ ފަހުން ލޯ މަރާލައި، މަސްތައް ދޫކޮށްލައިގެން ހަށިގަނޑު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރާށެވެ.

މީގެ އިތުރުން، ހާސްކަމުން ސަމާލުކަން އަނބުރާލުމަށްޓަކައި ވަށައިގެންވާ މާހައުލަށް ސަމާލުކަން ދިނުން މުހިންމެވެ. މިގޮތުން، ލޮލަށް ފެންނަ ފަސް އެއްޗެއް، އަތްލެވޭ ނުވަތަ އިހުސާސްކުރެވޭ ހަތަރު އެއްޗެއް، އަޑުއިވޭ ތިން އެއްޗެއް، ވަސްދުވާ ދެ އެއްޗެއް އަދި ރަހަލާ އެއް އެއްޗެއްގެ ނަން ކިޔާލާށެވެ. އަދި "މިއީ ޕެނިކް އެޓޭކެއް ކަމަށާއި، މިއީ ބިރުވެރި އިހުސާސެއް ނަމަވެސް މީގެން އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި، މިކަން އަވަހަށް ފިލައިގެން ހިނގައިދާނެ" ކަމަށް އަމިއްލަ ނަފްސަށް ހަނދާންކޮށްދޭށެވެ. މިގޮތަށް ކަންކަން ދެނެގަތުމުން ގިނަ މީހުންނަށް މިކަމުގެ އުނދަގޫތައް ކުޑަވެގެންދެއެވެ.

ޕެނިކް އެޓޭކަކީ އާންމު ކަމަކަށް ވިޔަސް، ކޮންމެ ފަހަރަކު ބޯއެނބުރުމާއި ހޭނެތުމަކީ ހާސްކަމުގެ ސަބަބުން ވާކަމަކަށް ނުވެދާނެއެވެ. ހަގީގަތުގައި ހޭނެތިއްޖެނަމަ، ނުވަތަ ތަކުރާރުކޮށް ހޭނެތޭނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ. މީގެ އިތުރުން، މޭގައި ރިއްސުން ކުޑަނުވުމާއި، ހާސްކަމާ ގުޅުމެއްނެތި ނޭވާލާން އުނދަގޫވުމާއި، ވާހަކަދައްކަން އުނދަގޫވުމާއި އޮޅުންއެރުން ފަދަ މައްސަލަތައް ފެންނަނަމަ ސިއްހީ އެހީތެރިކަން ހޯދުން މުހިންމެވެ. ހިތުގެ ބައްޔެއް ހުންނަ މީހުންނާއި، އާއިލާގައި ކުއްލިއަކަށް ހިތުގެ މައްސަލަތައް ދިމާވާ މީހުން ތިބޭނަމަ، ނުވަތަ ކަސްރަތުކުރާ ވަގުތު ހޭނެތޭ ގޮތް ވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެއެވެ.

ޕެނިކް އެޓޭކެއްގެ ތެރެއިން ހޭނެތިދާނެކަމުގެ އިހުސާސް ކުރެވުމަކީ ބިރުވެރި ކަމެކެވެ. ނަމަވެސް މިއީ ނޭވާލުމަށް އަންނަ ބަދަލުތަކާއި ހަށިގަނޑުގެ ސްޓްރެސް ނިޒާމުގެ ސަބަބުން މެދުވެރިވާ ކަމެކެވެ. ގިނަގިނައިން ޕެނިކް އެޓޭކް އަންނަނަމަ، ސިއްހީ މާހިރެއްގެ އެހީތެރިކަން ހޯދައިގެން ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ (ސީބީޓީ) އާއި ނޭވާލުމުގެ ކަސްރަތުތަކުގެ އިތުރުން ބޭހުގެ އެހީގައި މިކަން ކޮންޓްރޯލް ކުރެވިދާނެއެވެ.

comment ކޮމެންޓް