ތައުލީމީ ނިޒާމުގެ ތެރެއިން އުފެއްދުންތެރިކަން ކުރިއަރުވައި، ކަންކަމާ ފުންކޮށް ވިސްނުމުގެ ހުނަރު ޒުވާނުންގެ ކިބައިގައި އާލާކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްއެންޔޫގައި ފެށި މިއަހަރުގެ ތެވެލި އިންޓަނޭޝަނަލް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި، އެ ކަމަނާ ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ވަސީލަތްތަކުގެ ސަބަބުން ކުރިން އުންމީދު ކުރެވިފައި ނުވާ ފަދަ އެތައް ފުރުސަތުތަކެއް ހުޅުވުނު ކަމަށެވެ.
ނަމަވެސް، އެއްޗެއް ނުވަތަ ކަމެއް އީޖާދުކުރުމަކީ ނިމުމެއް ކަމަށް ދެކިގެން ނުވާނެ ކަމަށާއި ޓެކްނޮލޮޖީ މިންކުރުމުގައި ބަލަންވީ އޭގެ މަންފާ ކުރާނީ ކޮން ބަޔަކަށްތޯ ކަމަށް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

ތެވެލި ކޮންފަރެންސްގައި ސާޖިދާ ވާހަކަދައްކަވަނީ ---- ފޮޓޯ/ ރައީސް އޮފީސް
ޓެކްނޮލޮޖީގެ ސަބަބުން ހަޤީޤީ ބަދަލެއް އަންނަނީ، އެ ކަމުގައި ޝައުގެއް އޮވެ،ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް އެ ކަމެއް އަމާޒުކުރެވުމުން ކަމަށް އެ ކަމަނާ ގަބޫލުކުރައްވައެވެ. އަދި، މި ފަދަ އީޖާދުތައް ކުރިއެރުމަށްޓަކައި އެންމެން ޝާމިލުވާ ކަމަކަށް ވާންޖެހޭނެކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ، ސައިންސާއި ޓެކްނޮލޮޖީގެ މައިދާނުގައި އަންހެނުންނާއި އަންހެން ކުދިން އެމީހުންގެ ޖާގަ ހޯދަން ޖެހޭ ކަމަށާއި އީޖާދުކުރުމަކަށް ވަކި ޖިންސެއް ނުވާ ކަމަށެވެ.
ޒުވާނުންނަކީ މާދަމާގެ މުސްތަގުބަލު ކުރަހާ މީހުންގެ ގޮތުގައި ސިފަކުރައްވަމުން އެ ކަމަނާ ވިދާޅުވީ، ތަޢުލީމީ ނިޒާމުގެ ތެރެއިން އުފެއްދުންތެރިކަން ކުރިއަރުވައި، ކަންކަމާ މެދު ފުންކޮށް ވިސްނުމުގެ ހުނަރު އާލާކުރަން ޖެހޭ ކަމަށެވެ.
ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށް ވުމުގެ ބަދަލުގައި އެ އުފައްދާ ބަޔަކަށް ވުމަށް ދަރިވަރުންނަށް އެ ކަމަނާ ހިތްވަރުދެއްވިއެވެ.
މީގެއިތުރުން، ކަންކަމާ މެދު ހިތުގައި ޝައުޤުވެރިކަން އުފެއްދުމަށް ހިތްވަރުދިނުމަށާއި އާ ކަންކަން ތަޖުރިބާކުރުމަށް އޮންނަ ޔަޤީންކަން ކަށަވަރުކޮށް، ނާކާމިޔާބީން ފިލާވަޅު ލިބިގަތުމަށް މުއައްސަސާތަކަށް ގޮވާލެއްވިއެވެ.

ތެވެލި އެވޯޑު ހާސިލުކުރި މީހަކާ ސާޖިދާ އެވޯޑު ހަވާލުކޮށްދެއްވަނީ ---- ފޮޓޯ/ ރައީސް އޮފީސް
ސާޖިދާ ވަނީ، ދިރާސާކުރާ ފަރާތްތަކުން އެމީހުންގެ މަސައްކަތްތަކާއި ހޯދުންތައް ހަމައެކަނި ޔުނިވަރސިޓީ ތެރެއަށް ދޫކޮށްލުމުގެ ބަދަލުގައި، ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް، އެ ކަންކަން ނެރުމަށް ބާރުއަޅުއްވާފައެވެ.
މިގޮތުން، ދިރާސާއެއް އެންމެ ރަނގަޅަށް ވަޒަންކުރެވޭނީ އެ ކަމެއްގެ ސަބަބުން ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކުންކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. އާ ޚިޔާލުތައް މުޖުތަމަޢުތަކާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި، އިލްމީ މުއައްސަސާތަކާއި ސިޔާސަތު އެކަށައަޅާ ފަރާތްތަކާއި ސިނާޢަތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ވެސް އެކަމަނާގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.
އެ ކަމަނާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ތެވެލި ކޮންފަރެންސްގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ގުޅުންތަކެއް އުފެދި، މުޅި ގައުމުގައި އަމިއްލަ އުފެއްދުންތެރިކަމާއި އީޖާދުތަކަށް ހިތްވަރު ލިބޭނެ ކަމަށް އެ ކަމަނާއަށް އޮތް ޔަޤީންކަން ހާމަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، މި އަހަރުގެ ތެލެވި އެވޯޑުތައް ހާސިލުކުރި ފަރާތްތަކާ އެވޯޑު ހަވާލުކޮށްދެއްވާފައެވެ.