ސާކް-އޭއޭ ކޮންފަރެންސްގެ ޕްރީ-ކޮންފަރެންސް ވޯކްޝޮޕް ޓްރީ ޓޮޕް ހޮސްޕިޓަލުން ބާއްވައިފި

މި އަހަރުގެ "ސާކް-އޭއޭ 2026" ކޮންފަރެންސްގެ ރަސްމީ ޕްރީ-ކޮންފަރެންސް ވޯކްޝޮޕް، ޓްރީ ޓޮޕް ހޮސްޕިޓަލުން ބާއްވައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، މިދިޔަ ހުކުރު ދުވަހު މި ވޯކްޝޮޕް ބޭއްވުމަކީ ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

"އެޑްވާންސްޑް އިންޓަވެންޝަންސް އިން ކްރޮނިކް ޕެއިން މެނޭޖްމަންޓް"ގެ ނަމުގައި ކުރިއަށްގެންދިޔަ އެ ވޯކްޝޮޕަކީ، ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާކާރުންނާއި ސަރަހައްދީ ސިއްހީ ޚިދުމަތްތެރިން އެއް ތަނަކުން ބައްދަލުވެ، އަމަލީ ތަޖުރިބާއާއި އިލްމު ހިއްސާކުރުމަށް ފުރިހަމަ ފުރުސަތެއް ފަހިވި ހަރަކާތެއް ކަމަށް ޓްރީ ޓޮޕްއިން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި، އެ ވޯކްޝޮޕްގެ ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދިގު މުއްދަތަކަށް ވޭން ތަހައްމަލުކުރަމުންދާ ބަލިތަކަށް ފަރުވާދިނުމުގައި ގެންގުޅޭ ޒަމާނީ އުކުޅުތަކާއި، ބަލި މީހުންގެ ހާލަތަށް ޚާއްސަ އިސްކަމެއްދީގެން ފަރުވާ ދިނުމުގެ ނިޒާމުތަކުގެ އިތުރުން، މި ދާއިރާއަށް ތައާރަފުވަމުން އަންނަ އައު ޓެކްނޮލޮޖީތަކުގެ މައްޗަށެވެ.

ދުނިޔޭގެ ފެންވަރުގެ މާހިރުންނާ ސީދާ މުއާމަލާތުކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބުނު މި ވޯކްޝޮޕްގެ ސަބަބުން، ދެކުނު އޭޝިއާ ސަރަހައްދުގެ ސިއްހީ މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ މަގު ފަހިވެ، ކްލިނިކަލް ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާވާނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ލަފާކޮށްފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރީދަރް ޖީ ވިދާޅުވީ، މި ވޯކްޝޮޕް ބޭއްވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ތަޖުރިބާ ޙިއްޞާކުރުމަށް ލިބުނު އަގުހުރި ފުރުޞަތެއް ކަމަށެވެ. އަދި ޞިއްޙީ ދާއިރާގެ ކުރިއެރުމަށާއި، ބަލި މީހުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މިފަދަ ގުޅުންތަކަކީ ނުހަނު މުހިންމު ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ހަރަކާތަކީ ރާއްޖޭގައި މިގޮތަށް ބޭއްވުނު ފުރަތަމަ ކޮންފަރެންސް ކަމަށްވާ، އއ. އުކުޅަހުގައި ބޭއްވި "ސާކް-އޭއޭ 2026" ކޮންފަރެންސަށް މަގުފަހިކޮށްދިން މުހިންމު ފިޔަވަޅެއްކަން ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ.

މީގެ އިތުރުން، މިއީ އައު އީޖާދުތަކާއެކު ގުޅިގެން މަސައްކަތްކުރުމަށާއި، މެދުކެނޑުމެއްނެތި ޞިއްޙީ ދާއިރާގެ ފަންނީ ކުރިއެރުން ހޯދުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ ޚާއްޞަ އަހައްމިއްޔަތުކަން ހާމަވި ކަމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ޒަމާނީ ވަސީލަތްތަކާއި އާ ޚިދުމަތްތައް ތައާރަފުކުރުމުގައި ކުރިއަރާފައިވާ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު މަގުސަދަކީ ދިވެހީން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކޮށް، ސިއްހީ ޚަރަދުތައް ކުޑަކޮށްދިނުމެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ތަޖުރިބާކާރު ޑޮކްޓަރުންނާއެކު، ސިއްހީ ގިނަ ޚިދުމަތްތަކެއް އެ ހޮސްޕިޓަލުން ފޯރުކޮށްދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތްތަކާ ގުޅޭ އިތުރު މަޢުލޫމާތު 3351630 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެއެވެ.

comment ކޮމެންޓް