"ސަރުކާރު ކުންފުނިތަކުން ވަކިކުރާ މުވައްޒަފުން މަސައްކަތެއް ފަށަން ދޭން 600 މިލިއަން ރުފިޔާގެ ފަންޑެއް އެބައޮތް"

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު: 600 މިލިއަން ރުފިޔާގެ ފަންޑެއް ހުޅުވައިލައިފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެ ކުންފުނިތަކުން ވަކިކުރާ މުވައްޒަފުން އަމިއްލަ މަސައްކަތް ފެށުމަށް އެހީތެރިކަން ދިނުމުގެ ގޮތުން 600 މިލިއަން ރުފިޔާގެ ފަންޑެއް އުފައްދައިފައިވާ ކަމަށް، ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު. އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)ގެ ސުވާލަކަށް ޖަވާބުދެއްވަމުން ޒަރީރު ވިދާޅުވީ ރާއްޖޭގެ އިގުތިޞާދު ކުރިއަރާނީ ބޭރުގެ ކުރިއަރައިފައިވާ ބައެއް ގައުމުތަކުން އިގުތިޞާދު މެނޭޖުކުރާ ގޮތް ބަލައި، އެފަދަ ގޮތަކަށް އިގުތިޞާދު މެނޭޖުކޮށްގެން ކަމަށެވެ.

ރާއްޖޭގެ އިގުތިޞާދު އިތުރު ހަރުފަތަކަށް ގެންދިއުމަށް ޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން މަދުކުރުން މުހިއްމުކަމަށް ޒަރީރު ވިދާޅުވިއެވެ. އެކަން ކުރާނީ އޭނާ ވިދާޅުވިގޮތުގައި، މުވައްޒަފުންގެ ސިޔާސީ ފިކުރަށް ނުވަތަ ނަސަބަށް ބެލުމެއް ނެތިއެވެ.

"އަދި ރައިޓްސައިޒް ކުރާއިރު އަޅުގަނޑުމެން ވިސްނަން ޖެހޭ މިއިން ކޮންމެ ބޭފުޅަކީ ދިވެހި ރައްޔިތެއްކަން ދިވެހި މަންމައެއްކަން ދިވެހި ބައްޕައެއްކަން ދިވެހި ދަރިއެއްކަން،"

އެހެންވީމާ ސަރުކާރުން ފުރަތަމަ ކަމަކަށް އިސްކަން ދޭނީ ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށް ޒަރީރު ވިދާޅުވިއެވެ.

އެ އުސޫލުން މުވައްޒަފުން ކުންފުނިތަކުން މަދުކުރަމުން ދާއިރު، ޚާއްސަ މެކޭނިޒަމްތަކެއް ރޭވިފައިވާ ކަމަށް ވިދާޅުވެ، އޭނާ ވަނީ، މުވައްޒަފުން މަސައްކަތްކުރި މުއްދަތަށް ބަލައި ރިޑަންޑަންސީ ޕެކޭޖު ދެމުން ދާ ކަމަށް ވިދާޅުވެފައެވެ.

ޒަރީރު ވިދާޅުވީ، އޭގެ އިތުރުން ވެސް މުވައްޒަފުންނަށް އިތުރު ފުރުސަތުތައް ލިބޭނެ ގޮތަށް ކަންކަން ރާވައިފައިވާ ކަމަށެވެ.

"އެގޮތުން މިހާރު މި ވަނީ "ކުމެވި" ކިޔާ ފަންޑެއް އުފެއްދިފަ، އެއީ ކުދި ވިޔަފާރިތައް އަލަށް ފަށްޓާ ފަރާތްތަކަށް ފެސިލިޓިޓޭޓް ކޮށްދިނުމުގެ ގޮތުން އުފައްދައިފައިވާ ފަންޑެއް، އެގޮތުން 600 މިލިއަން ރުފިޔާގެ ފަންޑެއް އެސްއެމްއީ ޑިޖިޓަލްގައި އަޅުގަނޑުމެން މި ވަނީ އުފައްދައިފައި،"

އެހެންކަމުން އަމިއްލަ މަސައްކަތްތައް ފަށަން ބޭނުން ނަަމަ ޕްރޮޕޯސަލް ހުށަހެޅުމުން އެ ފަންޑުގެ ތެރެއިން ފައިސާ ލިބޭނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.

comment ކޮމެންޓް