ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ފުރިހަމަކުރި މީހުންނަށް ކުރިމަތިލެވޭ ގޮތަށް ކަސްޓަމްސްއިން ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

ކަސްޓަމްސް ކޮމިޝަނާ ޖެނެރަލް ދިޔާނާ-- ފޮޓޯ: ކަސްޓަމްސް

ދިވެހިރާއްޖޭގެ ނޭޝަނަލް ސާވިސް ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް، އެސިސްޓެންޓް ކަސްޓަމްސް އޮފިސާ ޓްރޭނީގެ މަގާމަށް 26 މީހަކު ހޯދަން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިއުލާންކޮށްފިއެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މި މަގާމަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ތިން ގޮތަކުން ފުރުސަތު ދީފައިވެއެވެ. އެގޮތުން، ސާނަވީ އިމްތިހާނަކުން ދެ މާއްދާއިން 'ޑީ' ފާސް ލިބުމާއެކު ދިވެހި މާއްދާއިން 'ސީ' ފާސް ލިބިފައިވުން، ނުވަތަ ކަސްޓަމްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލެވެލް ތިނެއްގެ ސަނަދެއް އޮތުމާއެކު ދިވެހިން 'ސީ' ފާސް ލިބިފައިވުން ހިމެނެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ނޭޝަނަލް ސާވިސް ޕްރޮގްރާމް ނުވަތަ ކަސްޓަމްސްއާ ގުޅުންހުރި ގައުމީ ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް ވެސް މި މަގާމަށް ކުރިމަތިލެވޭނެ ކަމަށް އެ އިދާރާއިން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

މި މަގާމަށް ހޮވޭ މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 5،000 ރުފިޔާ ލިބޭނެއެވެ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި 4،660 ރުފިޔާއާއި، އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާގެ އިނާޔަތެއް ލިބޭނެއެވެ. އޭގެ އިތުރުން، ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާ އެއްގޮތަށް ކޮއްތު ފައިސާއާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދު ފައިސާ ވެސް ލިބޭނެ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. މި މަގާމަށް ހޮވޭ ފަރާތްތަކުން ކަސްޓަމްސް ސްޓަޑީޒް ކޯސް ފުރިހަމަކުރަން ޖެހޭނެއެވެ.

ކަސްޓަމްސްއިން މައުލޫމާތު ދިން ގޮތުގައި، މި މަގާމަށް އެދި ހުށަހަޅަން ޖެހެނީ އެ އިދާރާގެ ވެބްސައިޓުގައިވާ ރެކްރޫޓްމެންޓް ޕޯޓަލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ މެންދުރު 14:00 އެވެ. ވަޒީފާއަށް މީހުން ހޮވުމުގައި ތައުލީމީ ފެންވަރަށް ބެލުމަށްފަހު ފިޒިކަލް ފިޓްނަސް ޓެސްޓެއް ބާއްވާނެއެވެ. އަދި އެ ޓެސްޓުން ފާސްވާ ފަރާތްތަކަށް ޕްރެޒެންޓޭޝަނަކާއި އިންޓަވިއުއެއް ބާއްވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

މީގެ ކުރިން މި އަހަރުގެ މާރިޗު މަހުގެ 28 ވަނަ ދުވަހު ކަސްޓަމްސްއިން ކޮށްފައިވާ އިއުލާނެއްގެ ދަށުން މި މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކަކީ މި އިއުލާނުގެ ދަށުން ވެސް ކުރިމަތިލާފައިވާ ފަރާތްތަކެއް ކަމުގައި ބަލާނެ ކަމަށް ކަސްޓަމްސްއިން ވަނީ އަންގާފައެވެ.

comment ކޮމެންޓް